މެންޗެސްޓާ ޔުނައިޓެޑް ކަޓުވާލުމަށްފަހު ވޯލްވްސް އެފްއޭ ކަޕްގެ ސެމީއަށް ދަތުރުކޮށްފިއެވެ.
އެފެއޭ ކަޕް ކުއާޓާ ފައިނަލްގައި ރޭ ކުޅުނު މެޗު ވޯލްވްސް އިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗުގައި ޑެހެއާ ގެ ބަދަލުގައި ޔުނައިޓެޑްގެ ކީޕާރަކަށް ކުޅުނު ރޮމޭރޯގެ މޮޅު ސޭވްތަކާއެކު މެޗުގެ ފުރަތަމަ ހާފް ނިންމާލީ އެއްވެސް ކޮޅަކަށް ލަނޑެއް ނުޖެހިއެވެ. ޖިއޯގޯ ޖޯޓާ އަދި ރައުލް ޖިމެނޭޒްގެ ހަމަލާ ފާހަގަކޮށްލެވެއެވެ. މެޗުގައި ބޯޅަ ރަނގަޅަށް ގެންގުޅެ ޕޮޒެޝަން ޔުނައިޓެޑުން ހިފެހެއްޓިމަނަވެސް އިދިކޮޅު ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާއުފެއްދީ ވޯލްވްސްއިންނެވެ.
މެޗު ނިމެން 20 ވަރަކަށް މިނަޓަށްވެފައި ވަނިކޮށް މެޗުގެ ފުރަތަމަ ލަނޑު ފެނިގެން ދިޔައިރު މިލަނޑު ވޯލްވްސް ޓީމަށް ކާމިޔާބުކޮށްދިނީ މެކްސިކޯގެ ޖިމެނޭޒްއެވެ. މިސީޒަންގައި ކުޅުނު ހުރިހާ މުބާރާތަކުން ޖިމެނޭޒް ވޯލްވްސްއަށް 15 ލަނޑު ޖަހާދީފައިވެއެވެ.
ވޯލްވްސް ފަރާތުން މޮޅުކުޅުމެއް ފެނިގެން ދިޔައިރު ފުރަތަމަ ލަނޑަށްފަހު އޭގެ ހަ މިނަޓްފަހުން އިތުރު ލަނޑެއްޖަހައި ވޯލްވްސްއިން ލީޑު ފުޅާކުރިއެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ޖޯޓާއެވެ.

ޔުނައިޓެޑްގެ ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖަހައިދިނީ ރަޝްފޯޑްއެވެ.
ރޭގެ ބައްޔަކީ ސޮލްސްޖާ ޔުނައިޓެޑް ކޯޗުކަމާ ޙަވާލުވިފަހުން ޖައްސަ ޖައްސައިގެން ދެބަލިވި ފުރަތަމަ ފަހަރެވެ. މެޗަށްފަހު ނޫސް ވެރިންނާ ވާހަކަދައްކަމުން މިއީ ފަހަތަށް އެޅުނު ބޮޑު ފިޔަވަޅެއްކަމަށާއި މިގޮތަށް ދިމާވީ ޕޮޒެސަން އަދި ޕާސްތަކުގެ ކޮލެޓީދަށްވުމުންކަމަށް ސޮލްސްޖާ ބުނެފައިވއެވެ.
21 އަހަރަށް ފަހަރު މިމުބާރާތުގެ ސެމީ ފައިނަލްއަށް ދަތުރުކުރި ވޯލްސްވްސް، ރޭގެ މޮޅާއެކު އެފްއޭކަޕް ސެމީ ފައިލްއަށް 15 ވަނަ ފަހަރަށް ދަތުރުކުރެވުނުއިރު އެންމެ ފަހުން މިމުބާރާތުގެ ސެމީގައި ވޯލްވްސް ކުޅެފައިވަނީ 98-1997 ސީޒަންގައެވެ.