މާކޯ ރޮއީސް - ފޮޓޯ: ސްޕޯޓްސް އިލަސްޓްރޭޓެޑް

ބުންޑެސްލީގާ - ރޮއީސް ފަހުވަގުތު ޖެހި ލަނޑާއެކު ފަހަތުން އަރައި ޑޯޓުމުންޑް މޮޅުވެއްޖެ

ޖަރުމަން ބުންޑެސްލީގާގައި ރޭ ހާތާ އަދި ޑޯޓުމުންޑް ބައްދަލުކުރި މެޗުން 2-1 ން ދަށުގައި އޮތުމަށްފަހު ފަހަތުން އަރައި ޑޯޓުމުންޑް މޮޅުވެއްޖެއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ހާތާއިންނެވެ. ކަލޫ މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 4 ވަނަ މިނަޓްގައެވެ. ލީޑުގައި ހާތާއަށް މާގިނައިރު ހިފަހައްޓާ ލެވޭވަރު ނުވިއިރު ޑޯޓުމުންޑްގެ ޑެލެނޭގެ ހަމަލާއެއް ޑިފްލެކްޓްވެގެން ގޮސް ގޯލަށްވަދެ ޑޯޓުމުންޑްއިން ނަތީޖާ ހަމަހަމަކުރީ މެޗުގެ 14 ވަނަ މިނަޓްގައެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިބުނު ޕެނަލްޓީއަކުން ލަނޑެއްޖައި ހާތާއިން ދެވަނަ ފަހަރަށް ލީޑުނެގިއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ޖަހައދިން ކަލޫއެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ ހާތާ ކުރީގައި އޮވެގެންނެވެ.

ގިނަ ދުވަސްތަކެއް ވަންދެއް ތާވަލުގެ އެއްވަނައިގައި އޮވެފައި ދެވަނައަށް ވެއްޓުނު ޑޯޓުމުންޑްއިން މިމުބާރާތަށް ވާދަކުރުމަށް މިމެޗުން ކޮންމެހެންވެސް މޮޅެއް ބޭނުންވެއެވެ. ޑޯޓުމުންޑްގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެންދިޔަ މިމެޗުގައި ޑޯޓްމުންޑްއިން ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަކުރީ މެޗުގެ 47 ވަނަ މިނަޓްގައި އެޓީމުގެ ޒަގަޑޫ ބޮލުން ކާމިޔާބުކޮށްދިން ލަނޑަކާއެކުގައެވެ.

ޑޯޓުމުންޑް ކުޅުންތެރިން އުފާފާޅުކުރަނީ - ފޮޓޯ: 90މިން

މެޗުގައި ހާތާގެ ދެކުޅުންތެރިންނަށް ރަތްކާޑު ދައްކާފައިވާއިރު ފުރަތަމ ރަތްކާޑު މެޗުގެ 85 ވަނަ މިނަޓްގައި ޓޮރަނަރިޔާއަށް ދެއްކީ ދެއްކި ދެވަނަ ރަތްކާޑާއި ގުޅިގެންނެވެ. އަދި ދެވަނަ ރަތްކާޑަކީ މެޗު ނިމިނިމި އޮއްވާ ހާތާގެ އައިބިސެވިކް ޑޯޓްމުންޓްގެ ކީޕަރު ރޯމަން ދިމާލަށް ބޯޅައެއްލުމުން ރެފްރީ ދެއްކީ ސީދާ ރަތެކެވެ.

ޑޯޓުމުންޑަށް މެޗު ޔަޤީންވެގެން ދިޔައީ އެޓީމުގެ އިތުބާރު ފޯވާޑް މާކޯ ރޮއީސް މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިލަނޑަކީ މިސީޒަންގައި ރޮއީސް ޑޯޓުމުންޑަށް ކުލެދިން 31 މެޗުން ޖެހި 19 ވަނަ ލަނޑެވެ.

ބަޔާންއަށްވުރެ އެއްމެޗު އިތުރަށްކުޅެ 60 ޕޮއިންޓާއެކު ޑޯޓްމުންޑް މިހާރު އޮތީ ތާވަލުގެ އެއްވަނާގައެވެ. މިރޭ 10:00 ގައި ބަޔާން އަދި މައިންޒް ބައްދަލުކުރާ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައަށް އެރުމުގެ ފުރުޞަތު ބަޔާންއަށްއެބައޮތެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް