ސިވިލް ކޯޓުގެ ޤާޒީ އަލީ ނަޝީރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑިސަލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.
ޤާޒީ އަލީ ނަޝީރުގެ ސުލޫކީ މައްސަލައެއް ބަލަން ނިންމާފައިވަނީ މިއަދު ބޭއްވެވި ޖުޑިސަލް ސާވިސް ކޮމިޝަނުންގެ ބައްދަލުވުމުގަ އެވެ.
މީގެ އިތުރުން މިއަދު ވޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމުގައި ވަނީ ހިނގަމުންދާ މައްސަލަތައް ނިންމުން އަވަސްކުރުމުގެ ނަމުގައި ނުވަތަ ގިނަ މައްސަލަތައް ނިންމާކަމުގެ ޝަރަފު ހޯދުމަށްޓަކައި ނުވަތަ ވަކި މުއްދަތެއްވީ މައްސަލައެއް ކޯޓުގައި ނުބޭއްވުމުގެ ނިޔަތުގައި، ޢަދުލްއިންސާފާމެދު ސުވާލު އުފެދޭ ގޮތަށް ސިވިލް ކޯޓުގެ ބައެއް ފަނޑިޔާރުން މައްސަލަތައް ނިންމާކަމުގެ ޝަކުވާ ކޮމިޝަނަށް ލިބެމުންދާތީ އެކަން ހައްލުކުރުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައި ދެންނެވުމަށް ވަނީ ނިންމާފައެވެ.
ސުޕްރީމް ކޯޓުގެ އެންގެވުމަށް ސިވިލް ކޯޓުގައި މިހާރު ޤާއިމުކޮށްފައިވާ ޑިވިޒަންތަކަކަށް ބަހާލައިގެން މައްސަލަ ބަލާ އުޞޫލަކީ އެންމެ ރަނގަޅު އުޞޫލެއް ކަމުގައި ނުވާތީ، އެ ނިޒާމު މުރާޖަޢާކޮށް އިސްލާހުކުރުމުގެ މަސައްކަތް ފެށުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ދެންނެވުމަށްވެސް ކޮމިޝަނުން މިއަދު ވަނީ ނިންމާފަފައެވެ.




