ލިއޮނަލް މެސީ - ފޮޓޯ: އިވްނިންގ ސްޓޭންޑާޑް

ލަލީގާ – ހެޓްރިކްހެދި މެސީއަށް ރެއަލްބެޓިސް ސަޕޯޓަރުންގެ އިޙްތިރާމް

ލަލީގާގައި ރޭ ރެއަލްބެޓިސްއާ ވާދަކޮށް ބާސާ މޮޅުވެއްޖެއެވެ.

ބާސާ ކެޕްޓަން މެސީގެ ފަރާތުން ހެޓްރިކެއް ފެނުނު މިމެޗުގައި މެސީއަށް އިޙްތިރާމް އަދާކުރުމުގެ ގޮތުން ރެއަލްބެޓިސްގެ ސަޕޯޓަރުންވަނީ މެސީގެ ކޮންމެ ލަނޑަކަށްފަހު މެސީގެ ނަމުން މުޅި ސްޓޭޑިއަމް ގުގުމާލާފައެވެ. އަދި މެސީގެ ހެޓްރިކަށްފަހު ކޮޅަށް ތެދުވެ އެންމެން އެއްއަޑަކުން މެސީގެ ނަމުން ގޮވާ އަތްޖަހަމުންދިޔައިރު މިކަހަލަ ކަމެއްއަދި ހަޔާތުގައި ދިމާވެފައިނުވާކަމަށާއި ހުރިހާ ސަޕޯޓަރުންނަށްވެސް ޝުކުރުއަދާކުރާކަމަށް މެޗަށްފަހު ރިޕޯޓަރުންނާ ވާހަކަ ދައްކަމުން މެސީ ބުނެފައިވެއެވެ.

1-4 ގެ ނަތީޖާއަކުން ބާސާ މޮޅުވި މިމެޗުގައި މެސީގެ އިތުރުން ބާސާގެ އަނެއް ލަނޑު ޖަހައިދިނީ ލުއިސް ސުއަރޭޒްއެވެ. ރެއަލްބެޓިސްގެ ލަނޑު މެޗުގެ 82 ވަނަ މިނަޓްގައި ޖަހައިދިނީ މޮރޯންއެވެ.

މެސީގެ ފުރަތަމަ ލަނޑަކީ 18 ވަނަ މިނަޓްގައި ޖަހައިދިން ހިތްޤައިމު ހިލޭޖެހުމެކެވެ. ދެވަނަ ލަނޑަކީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ސުއަރޭޒްގެ ބެކްހީލް ޕާސްއަކުން އިނގިލިކޮޅުން ކީޕަރު އަރި މަތިން ގޯލަށް ވައްދާލި ބޯޅައެވެ. އަދި ތިންވަނަ ލަނޑު ޖަހައި ހެޓްރިކްހެދީ މެޗުގެ 85 ވަނަ މިނަޓްގައެވެ. ސުއަރޭޒްގެ ލަނޑު މެޗުގެ 63 ވަނަ މިނަޓްގައި ޖެހިއިރު މިއީ ސުއަރޭޒްގެ އަމިއްލަ މަސައްކަތް ފެނިގެންދިޔަ ލަނޑެކެވެ.

ރޭގެ ހެޓްރިކަކީ 31 އަހަރުގެ ލިއޮނަލް މެސީ ލަލީގާގައި ހެދި 33 ވަނަ ހެޓްރިކެވެ.

ރޭގެ މޮޅާއެކު 10 ޕޮއިންޓްގެ ތަފާތެއްގައި ބާސާ އޮތީ 28 މެޗުން ލިބުނު 66 ޕޮއިންޓާއެކުގައެވެ. ދެވަނަގައި 56 ޕޮއިންޓާއެކު އެތުލެޓިކޯ މެޑްރިޑް އޮތްއިރު ރެއަލްމެޑްރިޑް ތާވަލުގެ ތިންވަނައިގައި އޮތީ 54 ޕޮއިންޓާއެކުގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ