މިފްކޯ އަށް މަސް ކިރުމުން މަސްވެރިންނަށް ފައިސާ ނުލިބޭތީ، މަސްވެރިކަމަށް، ނުފުރި ބައެއް ދޯނިފަހަރު ރަށުގައި ބަނދަރު ކުރަން ޖެހުމުން މަސްވެރިންގެ ޝަކުވާ ބޮޑުވެއްޖެއެވެ.
ބައެއް މަސްވެރިން ބުނީ، މަސްވެރިކަން ރަނގަޅު ނަމަވެސް މިފްކޯއަށް މަސް ކިރުމުން ފައިސާ ނުލިބޭތީ ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށެވެ. ފައިސާ ލިބުމުގައި ދަތިތަކެއް އުޅޭތާ މަހެއްހާ ދުވަސް ވެފައިވާ ކަމަށްވެސް މަސްވެރިން ބުނެއެވެ.
މަސްވެރިން ބުނީ ފައިސާ ނުލިބޭއިރު މީގެ ކުރިން ތެޔޮ އަޅައިދޭ ކަމަށާއި، ނަމަވެސް އިއްޔެ މަހަށް ފުރޭވަރަށް މިފްކޯއިން ތެޔޮވެސް ނުދޭ ކަމަށެވެ. އިއްޔެ އަޅައިދިނީ 400ލ ޑީސަލް ކަމަށާއި، އެއީ މަހަށް ފުރޭނެ މިންވަރެއް ނޫންކަމަށްވެސް މަސްވެރިން ވަނީ ބުނެފައެވެ.
މަސްވެރިންގެ ޝަކުވާތަކާއި ގުޅިގެން މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ މީޑިއާއަށް ވިދާޅުވެފައިވަނީ "ކޮންމެވެސް ވަރެއްގެ ޑީލޭއެއް ފައިސާ ދިނުމުގައި އެބައުޅޭ." ކަމަށެވެ. ނަމަވެސް ތަފްސީލް ހާމަކުރައްވާފައެއް ނުވެއެވެ.
ފާއިތުވި ދެތިން ހަފްތާގައި ރާއްޖޭގެ ދެކުނަށް ވަނީ ވަރަށް ބޮޑަށް މަސްވެރިކަން ރަނގަޅުވެފައެވެ. ނަމަވެސް ފައިސާ ނުލިބޭތީ ތެޔޮ ގަންނާނެ ފައިސާ ނެތިގެން މިއަދު ގިނަ އަދަދެއްގެ ދޯނިތައް މަހަށް ނުފުރާ ކަމަށް މައުލޫމާތު ލިބެއެވެ.