ރެއަލްމެޑްރިޑަކީ ކޮންމެ ކުޅުންތެރިއެއްގެވެސް ޑްރީމް ކްލަބްކަމަށާއި އެކަމު ޔުނައިޓެޑްގައި މިހުރީ އުފަލުންކަމަށް ޕައުލް ފޮގްބާ ބުނެފިއެވެ.
ޔުނައިޓެޑްގެ މެދުތެރެއަށް ކުޅެމުން އަންނަ 26 އަހަރުގެ ޕޮގްބާ، ޔުނައިޓެޑާ އަލަށް ޙަވާލުވި ސޮލްސްޖާގެ މަސައްކަތަށް ތަޢުރީފުކުރަމުން އިތުރަށް ބުނެފައިވަނީ ރެއަލްމެޑްރިޑަކީ ދުނިޔޭގެ ބޮޑެތި ކްލަބްތަކުގެ ތެރެއިން ކްލަބެއްކަމަށާއި ރެއަލްމެޑްރިޑަށް ކުޅުމަކީ ކޮންމެ ކުޅުންތެރިއެއްގެވެސް ހުވަފެނެއްކަމަށެވެ.
އުމުރުން 46 އަހަރުގެ ސޮލްސްޖާ މިއަހަރުގެ ސީޒަންއާ ނިމެންދެން ޔުނައިޓެޑާއެކު ޑީލް ހަދާފައިވާއިރު ސޮލްސްޖާ ޔުނައިޓެޑްގެ ދާއިމީ ކޯޗަކަށް ހަދަން ޕޮގްބާ ބޭނުންވެއެވެ. ސޮލްސްޖާގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ ތިން މެޗުން 4 ލަނޑު ޕޮގްބާ ކާމިޔާބުކޮށްދީފައިވެއެވެ.
ނަތީޖާތައް ނުލާހިކު ރަނގަޅު ކަމަށާއި ކޯޗާއެކު އޮންނަ ގުޅުންވެސް ރަނގަޅުކަމަށް ސޮލްސްޖާއާ ބެހޭގޮތުން ޕޮގްބާ ބުނެފައިވެއެވެ. ހިތްހަމަ ޖެހިފައިހުރި ކުޅުންތެރިއެއް އަބަދުވެސް ބޭނުންވަނީ އެގޮތުގައި ހުންނަން ކަމަށާއި ސޮލްސްޖާއާއެކު ޔުނައިޓެޑްގައި މިހުރީ އުފަލުންކަމަށް ޕޮގްބާބުނެފައިވެއެވެ.
މޮރީނިއޯ ޔުނައިޓެޑްގެ ކޯޗުކަމުން ވަކިކުރިއިރު ޔުނައިޓެޑް އޮތީ ތާވަލުގެ 6 ވަނައިގައެވެ. އަދި ޔުނައިޓެޑަށް ލިބިފައިވާ ޕޮއިންޓް ތާވަލުގެ ހަތަރު ވަނައިގައި އޮތް ޓީމަށް ލިބިފައިވާ ޕޮއިންޓަށްވުރެ 11 ޕޮއިންޓް މަދެވެ. ނަމަވެސް މިހާރު ޔުނައިޓެޑް އޮތީ ތާވަލުގެ ފަސް ވަނައިގައެވެ. އަދި ތާވަލުގެ ތިން ވަނައިގައި އޮތް ޓޮޓޭންހާމްއަށް ވުރެ މަދީ ހަމަ އެންމެ ތިން ޕޮއިންޓެވެ.
ސޮލްސްޖާގެ އިރުޝާދުގެ ދަށުން ފްރާންސްގެ ޕީއެސްޖީ ބަލިކޮށް ޗެމްޕިއަންސް ލީގުގެ ކުއާޓާއަށްވެސް ޔުނައިޓެޑް ދަތުރުކޮށްފައިވެއެވެ.




