ހުރާ ކައުންސިލުން ކޮންމެ އަހަރަކުވެސް ސިލްސިލާކޮށް ބާއްވަމުން އަންނަ ހުރާ ކައުންސިލް ކަޕްގެ މިއަހަރުގެ މުބާރާތް މިވަނީ ފައިނަލް މެޗުގައި ދިމާވި ހަމަނުޖެހުމަކަށްފަހު ކުރިއަށް ނުގެންދެވި މެދު ކަނޑާލާފައެވެ.
މެޗުގެ ދެވަނަ ހާފުގައި ހިނގާދިޔަ ހަމަނުޖެހުމާއި ގުޅިގެން ކުރިއަށް ނުގެންދެވި މެދުކަނޑާލި މިމެޗުގެ ދެވަނަ ހާފު އަންނަ އޭޕްރިލް މަހުގެ ތިންވަނަ ދުވަހުގެ ރޭ ކުޅުމަށް ކ.ހުރާ ކައުންސިލުންވަނީ ނިންމާފައެވެ.
އެކަން އަންގައި މުބާރާތުގެ ފައިނަލްގައި ވާދަކުރާ ދެ ޓީމަށް ހުރާ ކައުންސިލުންވަނީ ސިޓީ ފޮނުވާފައެވެ. މިސިޓީގައި މިމަހުގެ ނަވާރަ ވަނަ ދުވަހުގެ ރޭ ކުޅުނު ކައުންސިލް ކަޕުގެ ފައިނަލް މެޗުގައި ހިނގާދިޔަ މައްސަލަތަކާއި ގުޅިގެން މެޗު އިތުރަށް ކުރިޔަށްގެންދެވޭނެ މާހައުލެއް ނެތެމުން މެޗު މެދު ކަނޑާލަން ނިންމުމަށްފަހު، އަލުން މެޗު ކުޅެވޭނެގޮތެއް ހެދުމަށް ދެ ޓީމާއި މަޝްވަރާކުރުމަށްފަހުވެސް ދެޓީމަށް އެއްބަސްވުމަކަށް އާދެފައިނުވުމުން، މުބާރާތް ހިންގާ ކޮމިޓީން މަޝްވަރާކޮށް، އަންނަ މަހުގެ ތިންވަނަ ދުވަހުގެ ރޭ ފައިނަލް މެޗު ކުޅުމަށް ކޮމިޓީން ނިންމާފައިވާކަމަށް އަންގާފައިވެއެވެ.
އަދި ފައިނަލް މެޗު އަލުން ފެށުމަށް ހަމަޖެހިފައިވަނީ ކުރިން ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ހާފް ނިމުނުއިރު (އެފްސީ ސަޓަރޑޭ ސޫޕް 1 – 0 ޓީމް ތްރީޑީ) އޮތް ނަތީޖާއިންނެވެ. އެހެންނަމަވެސް ފުރަތަމަ ކުޅެވުނު ފައިނަލް މެޗަށް ހާޒިރުނުވެވުނު ކުޅުންތެރިންނަށް މިމެޗުގައި ކުޅެވޭގޮތަށް ކޮމިޓީން ވަނީ ނިންމާފައެވެ.

އަދި މުބާރާތް ހިންގާ ކޮމިޓީން ނިންމާފައިވާ ގޮތަށް ފައިނަލް މެޗު ކުޅެން އެއްބަސްވާނަމަ ނުވަތަ ނުވާނަމަ އެކަން މިމަހުގެ 26 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ހުރާ ކައުންސިލަށް އެންގުމަށް ފައިނަލްގައި ވާދަކުރާ ދެޓީމަށް ކައުންސިލުން ފޮނުވި ސިޓީގައި ބުނެފައިވެއެވެ.
މިމަހުގެ 19 ވަނަ ދުވަހުގެ ޓީމް ތްރީ ޑީ އާއި އެފްސީ ސަޓަޑޭ ސޫޕްއާއި ދެމެދު ކުޅެވުނު ފައިނަލްމެޗު ދެޓީމު އެއްވަރުވެފައިވަނިކޮށް ހުއްޓާލަން ޖެހުނީ ދެވަނަ ހާފުގެ 14 ވަނަ މިނަޓްގައި އެފްސީ ސަޓަޑޭ ސޫޕްގެ އިސްމާޢީލް އީސާ ޖެހި ގޯލާއެކު އުފެދުނު ހަމަނުޖެހުމެއްގައެވެ.