ބޯމަތިވަމުން މިއަންނަނީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބެވެ. ކޮންމެ ދިވެހި ރައްޔިތަކުވެސް މިކަމުގައި ޝާމިލުނުވެ ނުދާނެކަން ގައިމެވެ. ހަމަ މިބީދައިން ގދ.މަޑަވެލީ ދާއިރާގެ ރައްޔިތުންވެސް ގައިދަތްވަމުން މިއަންނަ އިންތީޚާބާއި މެދުގައި ފުންކޮށް ވިސްނާނެކަމީ ޔަޤީން ކަމެކެވެ. މިހިނދު މަޑަވެލީގެ އިތުރުން ހޯނޑެއްދުއާއި، ނަޑެއްލާގެ ރައްޔިތުންވެސް މި މުހިންމު ނިންމުމުގައި ފުރިހަމައަށް ބައިވެރިވާނެކަމަކީ ޝައްކެއް އޮތްކަމެއް ނޫމެނޫންމެއެވެ.
2019 އޭޕްރިލް 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގައި ގދ.މަޑަވެލީ ދާއިރާއަށް ވާދަކުރައްވަނީ، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ކެންޑިޑޭޓް ޙުސައިން ފިރުޝާންގެ އިތުރުން ޖުމްހޫރީ ޕާޓީގެ ފަރާތުން މުޙައްމަދު އަޙްމަދު ވަހީދު، ޕީޕީއެމްގެ ފަރާތުން މުޢާޒް މުޙައްމަދު ރަޝީދު، އަދި އަމިއްލަގޮތުން ވާދަކުރާ ތިން ކެންޑިޑޭޓުންނެވެ. ޢަމިއްލަގޮތުން މި ދާއިރާއަށް ވާދަކުރައްވަނީ ޢަބްދުﷲ މުޙައްމަދު، ޔޫނުސް އަޙްމަދު އަދި އާފިޔާ ޢަބްދުލްއަޒީޒެވެ.
މަޑަވެލީ ދާއިރާއަށް ވާދަކުރައްވާ ހަ ކެންޑިޑޭޓުންގެ ތެރެއިން ގދ.ހޯނޑެއްދޫ، މަރިޔާޒުގޭ ޙުސައިން ފިރުޝާނަކީ، އިޖުތިމާޢީ ބޭފުޅެކެވެ. ސިޔާސީ ބޭފުޅެކެވެ. ހުނަރުވެރި މަސައްކަތްތެރިއެކެވެ. ޒުވާން އުމުރުގައި ރައްޔިތުންގެ މަޖިލީހުގައި ދާއިރާގެ އަޑު އިއްވުމަށް ފިސާރި ކެރިގެން ނިކުމެ ހުންނެވި ފިރުޝާން ގދ. ހޯނޑެއްދޫ ސްކޫލުން ތައުލީމް ހާސިލް ކުރައްވަމުން ގެންދެވި އިރު ވެސް އިޖްތިމާއީ ކަންކަމަށް ލޯބިކުރެއްވިއެވެ. ހޯނޑެއްދޫ ސްކޫލުގެ ގްރޭޑް 9 ގައި އުޅުއްވަމުން، 2006 އިން ފެށިގެން ހޯނޑެއްދޫ އައިލެންޑް ޑިވެލޮޕްމަންޓް ސޮސައިޓީގައި މަސައްކަތް ކުރެއްވި ފިރުޝާނަކީ ޤައުމީ ލޯބި ހުންނެވި މުރާލި ދަރިއެކެވެ.

ހޯނޑެއްދޫ އައިލެންޑް ޑިވެލޮޕްމަންޓް ސޮސައިޓީގެ ތެރެއިން ފިރުޝާންގެ އިޖްތިމާއީ ޚިދުމަތްތައް ރަށަށް ފޯރުކޮށްދެއްވަން ފެއްޓެވިއިރު، އެ ޖަމިއްޔާ އިން ހިންގި ކުޅިވަރު ހަރަކާތްތަކާއި، ކުނި ނައްތާލުމުގެ ޕްރޮގްރާމްތަކުގައި އޭނާ ވަނީ އަމަލީ ގޮތުން މަސައްކަތް ކުރައްވާފައެވެ. ހަމައެއާއެކު ރަށު ކައުންސިލްގައި މަސައްކަތް ކުރެއްވި ދުވަސްވަރު، އޭނާގެ ބެއްލެވުމުގެ ދަށުން ކުޑަކުދިންގެ ޕާކެއް ތަރައްގީކުރެއްވި މޭސްތިރިއަކީވެސް ފިރުޝާނެވެ. ވެބް ޑިވެލޮޕިން އާއި ޑިޒައިންގެ ދާއިރާއިން ޚާއްޞަވެފައިވާ ފިރުޝާން، ގައުމީ ޔުނިވާސިޓީ އާއި ރާއްޖެ އޮންލައިން ފަދަ އިދާރާތަކުގައި ވެބް ޑިވެލޮޕަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާއިރު، އަމާނާތްތެރިކަމާއި، އިޙްލާސްތެރިކަން ވަނީ އޭގެ އެންމެ ފުރިހަމަ ގޮތުގައި ސާބިތުކޮށްދެއްވާފައެވެ.
ރައްޔިތުންގެ މަޖިލީހަކީ ދާއިރާގެ ރައްޔިތުންގެ އަޑު އުފުލުމަށް ކޮށިފައިވާ އެންމެ ފަހި ދޮރަށް ވީހިނދު، އެ ދޮރުން އެތެރެވެ، މަޑަވެލީ ދާއިރާގެ އިއްޒަތްތެރި މެންބަރުގެ ގޮތުގައި ބެހެއްޓެވުމަށް ރައްޔިތުންގެ މަޖިލީހަށް އިންތިޚާބު ކުރަންވީ "ނަޒާހާތްތެރި" ބޭފުޅެކެވެ.
"ފުރުސަތު ދެއްވައިފި ނަމަ އަޅުގަނޑު ވާނީ ރައްޔިތުން ބޭނުންވާ ފަދަ ނަޒާހަތްތެރި މެންބަރަކަށް،" ފިރުޝާން ވިދާޅުވިއެވެ.

ރައްޔިތުންނަށް ބޭނުންވާނެ ކޮންމެ ކަމެއްގައި ވަކާލާތު ކުރައްވާނެކަމުގެ ފުރިހަމަ ޔަޤީންކަން، މަޑަވެލީ ދާއިރާގެ އެންމެ ލޮބުވެތި ރައްޔިތުންނަށް ފިރުޝާން އަރުވާއިރު، މި އިންތިޚާބުގައި ވޯޓް ދެއްވަންވީ ފިރުޝާނަށްކަން މިވަނީ ސާފުވެ ޔަޤީންވެފައެވެ.