ރައްޔިތުންގެ މަޖިލީހުގެ ނަންބޯޑު - ފޮޓޯ؛ ވޯލްޑް އެޑްވެންޗަރާ

ސިޔާސީ ޕާޓީތަކުގެ މަޖިލިސް

ދިވެރިރާއްޖޭ ފެހި ޤާނޫނު އަސާސީގެ 71 މާއްދާގެ (ހ) ގައިވާގޮތުން ދިވެހިރާއްޖޭގެ ކޮންމެ އިދާރާ ދާއިރާއެއްގައި ރަޖިސްޓްރީކުރެވިފައިވާ އާބާދީގެ ފުރަތަމަ ފަސްހާސް މީހަކަށް ނުވަތަ ފަސްހާސް މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެމެންބަރުން. ދިވެހިރާއްޖޭގެ އިދާރީ ދާއިރާއެއްގައި ރަޖިސްޓްރީކުރެވިފައިވާ އާބާދީ ފަސްހާހަށްވުރެ އިތުރުވާނަމަ، އާބާދީގެ ފުރަތަމަ ފަސްހާސް މީހުންނަށްވުރެ އިތުރުވާ ކޮންމެ ފަސްހާސް މީހަކަށް މެންބަރެއް ރައްޔިތުންގެ މަޖިލީހަށް ހޮވަންޖެހެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ އިންތިޙާބުމިވަނީ ބޯމަތިވެފައެވެ. އަންނަ ހޮނިހިރު ދުވަހަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަށް ވޯޓުލާން ހަމަޖެހިފައިވާދުވަހެވެ. އަހަރެމެން ރައްޔިތުންގެ ޙައިސިއްޔަތުން ދާއިރާއަށް ކުރިމަތިލާފައި ހުރި މެމްބަރުންގެ މޮޓޯއަކީ ކޮބައިތޯ ބަލައިލިންހެއްޔެވެ؟ އެމެމްބަރުން މަޖިލީހަށް ނިކުންނަނީ މަޖިލީހުގެ ތަޅުމުގައި ކުރިންދެންނެވި ފަސްހާސް ދިވެހި ރަށްޔިތުންގެ ޙައްގުގައި އަޑުއުފުލަންތޯ ނުވަތަ އެބޭފުޅުން ނިސްބަތްވާ ޕާޓީގެ ޙައްޤުގައި އަޑުއުފުލަންތޯ އެބޭފުޅުންކުރެ އަހާ އޮޅުން ފިލުވިންހެއްޔެވެ؟

މިހާރު މިއޮތް ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ ތެރެއިން ފަސް ޕަސަންޓް މެމްބަރުންވެސް އެބޭފުޅުން ތަމްސީލް ކުރާ ދިވެހި ރަށްޔިތުންގެ ޙައްޤުގައި ތެދުވެފައެއް ނެތެވެ. ޕާޓީގެ ރޫޙު ދޫކޮށްލައި ރައްޔިތުންގެ ޙައްޤުގައި މެމްބަރުން ތެދުވެފައިވަނީ މަދު ފަހަރެއްގައެވެ. އެއީވެސް ހުރިހާ ފަހަރަކު ނޫނެވެ. ފެންނަމުން މިދަނީ ކޮންމެ ކުލައެއް ވިޔަސް އެމީހުން ޕާޓީގެ ޙައްޤުޤައި ތެދުވާތަނެވެ.

މިކަމުގެ އެންމެ ބޮޑު އެއް ހެއްކަކީ ވޭތުވެ ދިޔަ ދުވަސްތަކުގައި މަޖިލީހުގެ ތަޅުމުން ބޭރުކުރަމުން އަންނަ ބިލް ތަކެވެ. ރައްޔިތުންނަށް ފައިދާވާ، ނުވަތަ އިސްލާމީ ހުކުމެއް ޤާއިމު ކުރުމަށް މަޖިލީހުގެ ތަޅުމަށް ވައްދާ އެއްވެސް ބިލެއް ފާސް ކޮށްފައެއްނެތެވެ. ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު މަޖިލީހުގެ ތަޅުމަށް ހުށަހެޅި ކޮރަޕްޝަން ހުއްޓުވުމާއިބެހޭ ބިލަށްވީ ކިހިނެއްހެއްޔެވެ؟ އެބިލް ފަރުމާކުރެވިފައިއޮތީ ނަހަމަ ގޮތުގައި ގެންގުޅޭ ފައިސާ ހުއްޓުވުމަށާއި ވައްކަން ކުރުމަށް އޮތް ދޮރު ބަންދުކުރުމަށެވެ. މިބިލާއެކު މެމްބަރުންގެ ޖީބަށް ވަންނަ ކޮރަޕްޝަނުގެ ފައިސާ މަދުވެގެން ދާނެކަން ރައްޔިތުންނަށްވުރެ ބޮޑަށް އެނގޭނީ މަޖިލީހުގެ މެމްބަރުންނަށެވެ. ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު މަޖިލީހުގެ ތަޅުމަށް ހުށަހެޅި މަރުގެ ހުކުމް ތަންފީޒުކުރާ ބިލް ފާސް ނުކުރުމަށް ދެއްކެން އޮތް ހުރިހާ ވާހަކައެއް މަޖިލީހުގެ މެމްބަރުން ވަނީ ދައްކާފައެވެ. ވާނީވެސް އެހެންތާއެވެ. ދިވެހިރާއްޖޭގައި ހިގާ މިފަދަ ނުބައި ކުށްތަކުގެ ފަހަތުގައި ފޮރުވެގެން އެތިބީ އެބަޔަކާ ނުލާ މަޖިލީހުގެ އިންތިޙާބު ކާމިޔާބު ނުކުރެވޭނެ އިންތިޙާބަށް ފައިސާ ޚަރަދުކޮށްދޭންތިބި ފައިސާ ވެރިންނާއި ނަންހިގާ މަޝްހޫރު ސިޔާސީ ވާދަވެރިންނެވެ. ކުލި ކޮންޓްރޯލް ކުރާނެ ޤާނޫނެއް ތަންފީޒުކުރާހާ ހިތްވަރު ހުރި ދިވެއްސެއް ވޭތުވެދިޔަ ތަނުގައި އެއްވެސް ސަރުކާރަކަށް ޚިދުމަތްކޮށްފައެއް ނެތެވެ. މިސަރުކާރުކާރުގައިވެސް ކުއްޔަށް ޤާނޫނެއް ހަދާނެ ހިތްވަރެއް ނެތެވެ. އެހެންނޫންނަމަ ރޭގައި އާޓިފިޝަލް ބީޗް ސަރަޚައްދުގައި އެމްޑީޕީން ބޭއްވި ބައްދަލުވުމުގައި ލިބޭ އާމްދަނީން ކުލި ދެކޮޅު ނުޖެއްސޭ ފަރާތްތަކަށް ކުލި ދެއްކުމަށް ސަރުކާރުން އެހީތެރިވެދެއްވާނެކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅެއް ނުވީހެވެ.

އެއްޕާޓީން ހުށަހަޅާ ބިލެއްނަމަ އެހެން ޕާޓީތަކުގެ މެމްބަރުން ފާސް ކުރާކަށް ބޭނުމެއް ނުވެއެވެ. އެބިލަކީ ރައްޔިތުންނަށް ކިތަންމެ ބޭނުންވެ ފައިދާ ބޮޑު ބިލެއްނަމަވެސް މިފެންނަނީ އެބިލާ ދެކޮޅަށް އިދިކޮޅު މެމްބަރުން ވޯޓު ދޭތަނެވެ. ވާނީވެސް އެހެންނެއްނޫންތޯއެވެ؟ އެބޭފުޅުންގެ ޕާޓީތަކުގެ ކުރިއެރުމާއި ޕާޓީއަށް ލިބިދޭ ބާރު ދަށްވާކަހަލަ އެއްވެސް ކަމެއް އެބޭފުޅުން މަޖިލީހުގެ ތަޅުމުގައި ކުރާކަށް ބޭނުމެއް ނުވެއެވެ. ޕާޓީގެ ވިޕްލައިންއާ ޚިލާފްވާގޮތަކަށް އެންމެ ބަހެއްވެސް މެމްބަރުންނަކަށް ބުނެވޭކަށް ނެތެވެ. ޕާޓީގެ ވިޕްލައިންއާ ޚިލާފްވެއްޖެ ނަމަ ދެން އޮންނަ އިންތިޚާބަށް ޕާޓީގެ ޓިކެޓްގައި ވާދަކުރެވޭނެކަމުގެ ޔަޤީންކަން ގެއްލުނީއެވެ.

ޕާޓީތަކުގެ އަޅުންނަށްވެގެން ތިޔަ މެމްބަރުން ތިޔަކުރައްވާ މަސައްކަތުން ދިވެހި ރައްޔިތުންނަށާއި މިޤައުމަށް ކުރާ އެއްވެސް ފައިދާއެއް ނެތެވެ. ތިޔަ ޚިދުމަތް ކޮށްދެއްވަނީ ދިވެހި ރައްޔިތުންނަކަށް ނޫނެވެ. ސިޔާސީ ޕާޓީ ތަކަށެވެ. މަޖިލީހުގެ ތަޅުމުގެ ތެރޭގައި ތިޔަބޭފުޅުންގެ އަބުރާއި އިއްޒަތް ފަލީޙަތްކޮށް ތިލައްވަނީ ޖީބަށް ވަންނަ ބޮޑު މުސާރައަށްތޯއެވެ؟ ނުވަތަ ސިޔާސީ ޕާޓީ ތަކުގެ ޙައްޤުގައިތޯއެވެ؟  މަޖިލީހުގެ މެމްބަރެއްގެ ލަޤަބް ބޮލުގައި އަޅުވައިގެން ފޭރިގަނެވެނީ ދިވެހި ރައްޔިތުންގެ ޙައްޤެވެ. ވިސްނާލާށެވެ. އަމިއްލަ އެދުމުގެ ދަހިވެތިކަމުގައި ތިޔަ ހަލާކޮށްލެވެނީ ދިވެހި ޤައުމުގެ މުސްތަޤްބަލެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް