ދުނިޔޭގެ އެންމެ ފިނި ބައްރު އެންޓާޓިކާގެ ފިނިހޫނުމިން ރިކޯޑް މިންވަރަކަށް މައްޗަށް ހިނގައްޖެއެވެ. މިގޮތުން އެންޓާޓިކާގެ ރަށެއްގެ ފިނިހޫނުމިންވަނީ ފުރަތަމަ ފަހަރަށް 20 ސެލްސިއަސްއަށްވުރެ މައްޗަށް ގޮސްފައެވެ.
މި ފިނިހޫނުމިން ރިކޯޑުކުރެވިފައިވަނީ މިމަހުގެ ނުވަވަނަ ދުވަހު އެންޓާޓިކް ޕެނެންޒިއުލާގެ އައްސޭރިފަށު ރަށަކުންނެވެ. ބުރެޒިލުގެ ސައިންޓިސްޓެއް ކަމަށްވާ ކާލޯސް ޝެފަރ އޭއެފްޕީ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެންޓާޓިކާގެ ފިނިހޫނުމިން މިހާމަތި ވެފައިވަނީކޮށް އަދި ރިކޯޑު ކުރެވިފައި ނުވާކަމަށެވެ.
ކާލޯސް ޝެފަރ އިތުރަށް ވިދާޅުވީ މިއީ އެންމެ ފަހަރެއްގެ ރީޑިން ކަމަށާއި މި ފިނިހޫނުމިން ދެމެހެއްޓިފައި ނުވާކަމަށެވެ.
އެންޓާޓިކް ޕެނެންޒިއުލާގެ އައްސޭރިފަށު ރަށަކުން ނެގުނު މި ފިނިހޫނުމިނުގައިހުރީ 20.75 ސެލްސިއަސް އެވެ. ދުނިޔެ ހޫނުވުމާއި ގުޅިގެން މިސަރަހައްދުގެ ހޫނުމިންވެސް އަންނަނީ ދުވަހެއް ދުވަހަކަށް މައްޗަށް ދަމުންނެވެ. މިގޮތުން މިދިޔަ ހަފްތާގައިވެސް ފިނިހޫނުމިންވަނީ ރިކޯޑް މިންވަރެއް ކަމަށްވާ 18.3 ސެލްސިއަސް އަށް މައްޗަށް ގޮސްފައެވެ.
އ.ދ ގެ މޫސުމާބެހޭ ޖަމިއްޔާ ޑަބުލިޔުއެމްއޯ އިން ބުނެފައިވާ ގޮތުގައި ފާއިތުވެދިޔަ 50 އަހަރުގެ ތެރޭގައި އެންޓާޓިކާގެ ފިނިހޫނުމިންވަނީ 3 ސެލްސިއަސް އަށް މައްޗަށް ގޮސްފައެވެ.




