މެންޗެސްޓާ ސިޓީގެ މެދުތެރެއަށްކުޅޭ ކެވިން ޑިބްރޫނޭ ޤަބޫލުކުރާގޮތުގައި ޓޮޓޭންހާމްގެ އާ ސްޓޭޑިއަމްގެ މާހައުލު ވެމްބްލީ ސްޓޭޑިއަމަށްވަރު ވަކި ތަފާތެއްނުވާނެއެވެ.
ޗެމްޕިއަންސް ލީގުގައި އަންގާރަދުވަހުގެ ރޭ ޓޮޓޭންހާމް އަދި ސިޓީ ބައްދަލުކުރާ މެޗަށްވެސް މީގެން މާބޮޑު އަސަރެއް ނުކުރާނެކަމަށް ޑިބްރޫނޭ ޤަބޫލުކުރެއެވެ. ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލް ފުރަތަމަ ލެގުގެ މިމެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަނޑިން 00:00 ޖަހަާއިރުއެވެ.
ބުދަ ދުވަހުގެ ރޭ ޓޮޓޭންހާމްއިން އެމީހުންގެ އާ ސްޓޭޑިއަމްގައި ކުޅުނު ފުރަތަމަ މެޗުން ކްރިސްޓަލް ޕެލެސްބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
އަންގާރަ ދުވަހުގެ ރޭގެ މެޗާ ބެހޭގޮތުން ވާހަކަދައްކަމުން ސްޓޭޑިއަމްއާ ދޭތެރޭ ނުވިސްނާކަމަށާ ވިސްނަނީ ބައްދަލުކުރާ ޓީމާމެދުކަމަށް ޑިބްރޫނޭވަނީ ބުނެފައެވެ. އަދި ކޮންމެ ބަޔެއްގެވެސް އަމިއްލަ ދަނޑަކާއި އަމިއްލަ ސަޕޯޓަރުން ހުންނާނެ ކަމަށްވެސް ޑިބްރޫނޭ ބުނެފައިވެއެވެ.
ޓޮޓޭންހާމް އަމިއްލަ ސަޕޯޓަރުން ކުރިމަތީ ކުޅޭ މިމެޗު އުނދަގޫވާނެކަމަށާއި 80 ހާސް ސަޕޯޓަރުންނާއެކު ވެމްބްލީގައި ޓޮޓޭންހާމް ނުކުންނައިރު މިއާ ސްޓޭޑިއަމްގައި ޓޮޓޭންހާމް ނުކުންނާނީ 62 ހާސް ސަޕޯޓަރުންނާއެކު ކަމަށާއި އެހެންވީމާ އާ ސްޓޭޑިއަމެކޭ ކިޔާފަ މެޗަށްކުރާނެ މާ ބޮޑު އަސަރެއް ނެތްކަމަށް ޑިބްރޫނޭ ބުނެފައިވެއެވެ.
މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގައި ކުއާޓާއާ ހިސާބުން ސިޓީ ކަޓައިގެންދިޔައީ ލިވަޕޫލްއަތުންނެވެ. ކުރީ އަހަރެކޭ އެއްގޮތުަށް އިނގިރޭސި ކްލަބެއް އަތުން ކަޓައިގެންދާކަށް ސިޓީ ބޭނުންނުވާނެއެވެ. ނަމަވެސް މިދިޔަ ސީޒަންގައި ކަންތައްވީގޮތް ހަނދާންކުރަން ބޭނުންނުވާކަމަށް ޑިބްރޫނޭވަނީ ބުނެފައެވެ.
ޑިބްރޫނޭ އިތުރަށް ބުނެފައިވަނީ މިދިޔަ ސީޒަނުން ލިބިގަންނާނެ ފިލާވަޅެއް ނެތްކަމަށާއި މިއަހަރު މިބައްދަލުކުރަނީ އާ އަހަރެއްގައި އާޓީމަކާއި އާކުޅުންތެރިންތަކަކާއެކުކަމަށެވެ. މިދިޔަ ސީޒަންއަކީ ސިޓީއަށް ރަނގަޅު ސީޒަންއެއްކަމަށާއި ނަމަވެސް ޗެމްޕިއަންސް ލީގުގެ ކުއާޓާއިން ކަޓައިގެން ދިޔައީކަމަށެވެ.
މިހާ ބާރުބޮޑު ފިކްސްޗާސް ތަކެއްގައި އުޅޭއިރު މިހަތަރު ހަފްތާގެ މެޗުތަކުގެ އިތުރުން ވިސްނާނެ އިތުރުކަންތައްތަކެއް ނެތްކަމަށާއި އަމިއްލަ ކަންތައްތަކާމެދުވެސް ނުވިސްނާކަމަށާއި އަންގާރަ ދުވަހުގެ ރޭ ޓޮޓޭންހާމްއާ ބައްދަލުކުރާ މެޗުން ރަނގަޅު ނަތީޖާއެއް ނެރެވޭނެކަމަށް އުންމީދުކުރާކަމަށް ޑިބްރޫނޭ ބުނެފައިވެއެވެ.



