ރޯނު ބޮނޑިއެއް ހިފައިގެން ކުޅުދުއްފުށީ ރައްޔިތަކު މަޑުކޮށްލައިގެން - ފޮޓޯ: އަވަސް

ކޮލަމް މޯހިރު: ރޯނު ވެށުން - ބުރަ އެހެނަސް ހުނަރުވެރި މަސައްކަތެއް

ދެލީލި ގަނޑު ގުޅިގެން ދެ އަތްތިލާގެ ދެމެދުން އުފަންވާ ރޯނަކީ ތަފާތު އެކިއެކި ކަންކަމުގައި ބޭނުންކުރެވޭ މުހިންމު އެއްޗެކެވެ. ރޯނު ރޯނަކަށް ވުމުގެ ކުރީން އެތައް މަރުހަލާ ތަކެއް ކަޑައްތުކުރަން ޖެހުނު ނަމަވެސް މި މަސައްކަތަކީ ފައިދާހުރި މަންފާލިބޭ ހުނަރުވެރި މަސައްކަތެކެވެ.

ރުކުގެ އިހަލުން ކާށި ވަކިވާ ހިސާބުން ރޯނުވެށުމުގެ މަރުހަލާތަކަށް ފެށުނީއެވެ. ކާށި ނުވަތަ ކުރުނބާގެ ރޯބޮނބި ވަކި މިންގަނޑަކަށް ކުދިކުރުމަށްފަހު އޮޅަށް އަޅާފައި ބޮނބި ފާކުރުމަށް ބެހެއްޓުމަކީ ދެވަނަ މަރުހަލާއެވެ.

ބޮބިފާވުމަށް ގާތްގަނޑަކަށް 1 އަހަރު ހޭދަވައިރު، އެދުވަސްވަރު މިމަސައްކަތްކުރާ އަންހެނުން، ރޯނުވެށުމަށް ބޭނުންކުރަނީ ކުރިން އެމީހުން ތަޅައި ރައްކާކޮށްފައި ބަހައްޓާ ބޮއިންބެވެ. ބޮނބިފާވުމުގެ އަވަސް ލަސްމިން ކަނޑައަޅަނީ ބޮނބީގެ ވައްތަރުންނެވެ. ކުރުނބާ، ގަބުޅީގެ ބޮނބި 6 މަސްދުވަހުން ފާވާއިރު ކާށިބޮނބި ފާވަނީ 1 އަހަރުންނެވެ.

ރޯނު ވެށުމަށް ބޮނބި ތަޅަނީ - ފޮޓޯ: އަވަސް

6 މަހާއި އަހަރާއި ދެމެދުގެ މުއްދަތަކަށް ބޮނބި ފާކުރުމަށް އޮޅުގެ ފެންގަނޑުގެ ތޭރޭގައި ބެހެއްޓުމަށްފަހު އެ އޮޅުތަކުން ބޮނބިތައް ނަގައި ތޮށިފިލުވަން ޖެހެއެވެ. ވާތޮށި ފިލުވުމަކީ އެ މަސައްކަތްކުރާ އަންހެނުންގެ ދަރީން ލައްވައި ކުރުވާ ވަރަށް ލުއި މަސައްކަތެކެވެ. ނަތީޖާއެއްގޮތުން ޅައުމުރުގައި މި މަސައްކަތަށް އެމީހުން ދަރީން އަހުލުވެރިވާން ފަށައެވެ.

ބޮނބިތަޅާ ގަނޑުގެމަތީގައި ވާތޮށި ފިލުވާފައިވާ ބޮނބިގަނޑު ބާއްވައިގެން މުގުރުން ތަޅައި އޭގައި ހުރި ކުނޑިތަށް ފިލުވާ ނަރުތަށް ރުޅާލުމަކީ  މި މަސައްކަތުގެ އެންމެ ބުރަ މަރުހަލާ އެވެ. ބޮނބި ކުނޑިތަކުން ތަތްތެޅިގެން ބޮނބި ފިހިތައް ކިހިލިޖަހައިގެން މޫދަށްއެރި، ބޮނބިތައް ރިތިކޮށް ދޮވުމަށްފަހު މޫދުއެރި ފެންވަރާލައިގެން ގެއަށް އަންނަށް އަންހެނުންގެ މޫނުމަތިން ފެންނާނީ އުފާވެރިކަމުގެ ހިނިތުންވުމެވެ. އެއީ މަސައްކަތުގެ އެންމެ ބުރަ މަރުހަލާ ނިންމާލެވުނުކަމުގެ ހިންހަމަޖެހުމުގެ ހިނިތެންވުމެވެ.

މޫދުގެ ލޮނުން ތެމިފޯވެފައި ހުރި ބޮނބި ފިހިތައް ދިލަ ހޫނު އަވީގައި ބަހައްޓާއިގެން ހިއްކުމަށްފަހު، ބޮނބިފިނދުނުމުގެ މަސައްކަތްތަށް ފަށަނީ ބާކީހުރި މަސައްކަތްތައް އެކިމީހުންނަށް ބަހާލައިގެންނެވެ. އެހިސާބުން ރޯނުވެށުމުގެ އެކި ކާރުޙާނާތައް މަގުމަތީންނާއި ގޭގޭތެރިން ފެންނަން ފަށާނެއެވެ. ބޮނބި ފިނދުމަކީ ބޮނބި ނަރުތަށް ރޫޅާލައި ނަރުތައް ރަނގަޅަށް ވަކިކޮށްލުމެވެ. ބޮނބިފިނދުމުގެ މަސައްކަތް ކުރިއަށްދާއިރު އެއްބަޔަކު ލީލި އަޅާނެއެވެ.

ރޯނު ވެށުމަށް ލީލި ތައްޔާރުކުރަނީ - ފޮޓޯ: އަވަސް

ފިނދާފައިވާ ބޮނބިގަނޑުގެ ތަންކޮޅެއްގައި ދެއިނގިލި ކުރިން ހިފައި އަބުރަމުން ވަކި ފަލަމިނެއްގެ އުޅިއެއް ހަދައި، ފައިގެ ފަލަމަސްގަނޑާއި އަތްތިލައިގެ ދެމެދުން އަނބުރަމުން ދިގުކުރަމުން ގެންދިޔުމަކީ ލީލިއެޅުމެވެ. މިއީ ހުނަރުވެރި މުހިންމު މަސައްކަތެކެވެ. އެހެނީ ރޯނުގެ ރީތިކަމާއި ވެށުމުގެ ފަސޭހަކަން ބަރޯސާވާނީ އަޅާފައި ހުންނާ ލީލީގެ ރީތިކަމަށާއި ފުރިހަމަކަމަށެވެ.

މިހާރު ރޯނުވަށަން ފަށަންވީއެވެ. ލީލިގަނޑު ފޮށިގަނޑަކަށް ލައިގެން   ލީލިފޮށިގަނޑާއި ރޯނުވަށާ މީހާއާ ދެމެދަށް، ބިންމައްޗަށް ކަންޏެއް ޖަހުމަށްފަހު، ލީލިފަށް ފޮށިގަނޑުންނަގައި އެކަނީގެ ކަނިގަނޑުގެ ދެމެދުން އަތާ ހަމައަށް ގެނެސް ލީލިފަށް ފަށްކޮށްލުމަށްފަހު ދެއަތްތިލަ އުނގުޅުމުގެ އަވަސް ހަރަކާތަކާއެކު އަތްތިލައިގެ ފަހަތުން ރޯނު އުފެދެމުން ދާނެއެވެ. މިއީ ލީލި ރޯނަށް ވުމުގެ މަރުހަލާއެވެ. އަންހެން ވެރިން އެއްތާކަށް ޖަމާވެ ހާޑުހަދައިގެން ތިބެ ރޯނުވެށުމުގެ މަސައްކަތްކުރާއިރު އެދައްކާ އޮލަ، މަޖާ ވާހަކަތަކަކީ މި މަސައްކަތުގެ އެންމެ ފޯރިގަދަ ހިސާބެވެ.

ރޯނު ފޯލި ތައްޔާރުކުރަނީ - ފޮޓޯ: އަވަސް

އަޅާފައިވާ ލީލިގަނޑު ވަށާ ނިމުމުން ފޯލި އަޅައި ފޯލިތައް ބޮނޑިއަކަށް ބަނުމަކީ މިމަސައްކަތުގެ އެންމެ ފަހު މަރުހަލާއެވެ. ފޯލި އެޅުމަކީ ފައިތިލައިގައި ރޯނުގަނޑު އަޅުވައި ވަކި މިނަކަށް ފަށްތަކެއް އަޅައި ގޮށްޖެހުމެވެ. ރޯނުފޯޔެއްގައި އާންމުކޮށް ހުންނަނީ 16 ފަށެވެ. ރޯނުބޮނޑިއަކީ 12 ފޯއްޔެވެ. އާދައިގެ ރޯނާއި، ފަލަރޯނާއި، ހިމަރޯނާއި، ވާތުރޯނަކީ ރޯނުގެ ވައްތަރުތަކެވެ.

75 ރުފިޔާ އާއި 85 ރުފިޔާ ދެމެދުގެ އަގުތަކަށް ރޯނުބޮނޑިއެއް ވިއްކާލުމަށްފަހު މި މަސައްކަތްކުރާ އަންހެނުން ހިންދެމިލަނީ ހިތްހަމަޖެހުމާއެކުގައެވެ. ބުރަ އެހެނަސް ހުނަރުވެރި މަސައްކަތް ނިންމާލެވުނުކަމުގެ އުފަލާއެކު އަނެއްކާވެސް މަސައްކަތުގެ މަރުހަލާތަކަށް ފެށުމުގެ އުންމީދާ އެކުގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. Ali

    Varah baivaru mauloomaathu meega ebahuri nubai koh!…
    Gina baehge kairin mauloomaathu nuhoadha liyuneema vaa goiy

  2. ރޯނުބޮޑި

    މިހާރު ރޯނުބޮޑިއަކަށް ލިބޭ 150 ރުފިޔާ

ކޮމެންޓް ކުރުން ބަންދު

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ