އެޑިންސަން ކަވާނީ އަދި ކޯޗު ތޯމަސް ޓުޝެލް - ފޮޓޯ: ދަބަސްބީ

ޕީއެސްޖީގައި ކަވާނީ މަޑުކުރާނެ ކަމާމެދު ސުވާލު އުފެދިއްޖެ

ޕީއެސްޖީއަށް ކުޅެމުން އަންނަ އުރުގުއާއީގެ ފޯވާޑް އެޑިންސަން ކަވާނީ ޕީއެސްޖީގައި މަޑުކުރާނެ ކަމާމެދު ސުވާލު އުފެދިއްޖެއެވެ.

ރޭ މޮނާކޯ އަތުން މޮޅުވެ 7 ވަނަ ލީގު 1 ޕީއެސްޖީ ކާމިޔާބުކުރުމަށްފަހު މެޗުގައި ހެޓްރިކް ހެދި ކިލިއަން އެމްބާޕޭ ޕީއެސްޖީގައި މަޑުކުރާނެ ކަމުގެ ޔަޤީންކަންދިން ނަމަވެސް އެޑިންސަން ކަވާނީ ވަނީ އެކަމަށް ދެކޮޅުހަދާފައެވެ.

މޮނާކޯ މެޗަށް ޕީއެސްޖީއިން ނިކުތްއިރުވެސް ލީގު 1 ޕީއެސްޖީއަށް އޮތީ ކަށަވަރުވެފައެވެ. އެމެޗުގެ ކުރިން ލިލް އަދި ޓައުލޮސް ބައްދަލުކުރި މެޗު 0-0 ގެ ނަތީޖާއަކުން އެއްވަރު ޕީއެސްޖީއަށް ލީގު 1 ޔަޤީންވީ ކުޅުނު 32 މެޗުން ލިބުނު 81 ޕޮއިންޓާއެކުގައެވެ. ދެވަނާގައި އޮތް ލިލްއަށް 33 މެޗުން ލިބިފައިވަނީ 65 ޕޮއިންޓެވެ. އަދި ލިލްއަށް ބާކީ 5 މެޗުއޮތްއިރު އެންމެ ގިނަވެގެންވެސް ހޯދޭނީ ޖުމްލަ 80 ޕޮއިންޓެވެ.

ވޭތުވެދިޔަ 7 ސީޒަންގައި 6 ފަހަރެއްގެ މަތިން ޕީއެސްޖީ މިމުބާރާތް ކާމިޔާބުކޮށްފައިވެއެވެ.

ޕީއެސްޖީއަށް ލީގު 1 ކާމިޔާބު ކުރުމުގެ ފުރުޞަތު ރޭގެ މެޗު ކުޅުމުގެ ކުރިން ކުޅުނު ތިން މެޗުންވެސް ވަނީ ލިބިފައެވެ. ލީގު ކާމިޔާބުކުރުމަށް މޮޅެއް ބޭނުންވެފައި އޮތް ޕީއެސްޖީ އެތިން މެޗުގެ ތެރެއިން އެއްމެޗުން އެއްވަރުވެ އަނެއް ދެމެޗުންވަނީ ބަލިވެފައެވެ.

ރޭ މޮނާކޯއާ ބައްދަލުކުރި މެޗު ޕީއެސްޖީއިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ. ޕީއެސްޖީގެ ތިން ލަނޑުވެސް ޖަހައިދިނީ ކިލިއަން އެމްޕާބޭއެވެ. ރޭގެ ހެޓްރިކާއެކު މިސީޒަންގައި އެމްޕާބޭ ލީގު 1 ގައި ޕީއެސްޖީއަށް 30 ޖަހާދީފައިވެއެވެ.

ގިނަ ދުވަސްތަކެއްވަންދެއް އިންޖަރީގައި ހުރި ނޭމާ މެޗުގެ ދެވަނަ ހާފު ފެށުމާއެކު ކުޅެން ނިކުތްއިރު ކަވާނީ ކުޅުމާއި ބައިވެރިވެފައިވަނީ މެޗުގެ 73 ވަނަ މިނަޓްގައެވެ.

މިސީޒަންގައި ގިނަ ކަންތައްތަކެއް ވެގެން ގޮސްފިކަމަށާއި ކޮންމެ އަހަރަކީވެސް ތަފާތު އަހަރެއްކަމަށް މެޗަށްފަހު ކަވާނީ ބުނެފައިވެއެވެ.

އެޑިންސަން ކަވާނީ ފްރެންޗް ލީގު ކަޕް ތައްޓާއެކު - ފޮޓޯ: އިންޑިއާ ޓީވީ

ކޮންޓްރެކްތްގައި ބާކީ އެއް އަހަރު އޮތްއިރު ސަޕޯޓަރުން އަދި ދިރިއުޅުމާމެދުވެސް އުފާވާކަމަށް ކަވާނީ ބުނިއިރު ފުޓްބޯޅައިގައި ކުރިއަށް ކަންތައް ވާނޭގޮތެއް ނޭނގޭނެކަމަށް ކަވާނީ ބުންޏެވެ.

ނަޕޯލީ ދޫކޮށް ޕީއެސްޖީއަށް ކަވާނީ ބަދަލުވީ 2013 ވަނައަހަރުގައެވެ. ޕީއެސްޖީއަށް ކަވާނީ 200 ލަނޑު ޖަހާދީފައިވާއިރު ޕީއެސްޖީއާއެކު ފްރާންސްގައި ގިނަ ކާމިޔާބީތަކެއްވަނީ ހޯދާފައެވެ. ކަވާނީ ޕީއެސްޖީއާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ ކަވާނީގެ އުމުރުން 32 އަހަރުގައެވެ. ކޮންޓްރެކްޓްގައި ބާކީ މިހާރު އޮތީ ގާތްގަނޑަކަށް 12 މަހެވެ. ކަވާނީގެ މުސްތަޤުބަލާމެދު ސުވާލުތަކެއް އުފެދިގެންއައީ އާ ކޯޗު ތޯމަސް ޓުޝެލްގެ ޓީމުން ކަވާނީއަށް ލިބޭ ފުރުޞަތުތައް މަދުވުމުންނެވެ.

ކޮންޓްރެކްޓް ހަމަވުމުގެ ކުރިން ޕީއެސްޖީއިން ކަވާނީ ވިއްކާލާނެކަމަށް ޤަބޫލުކުރެވޭއިރު ކަވާނީއަށް އެތުލެޓިކޯ މެޑްރިޑުން ލޯ އަޅަމުން އަންނައިރު ޗެލްސީއިންވެސް ކަވާނީ ހޯދުމަށް މަސައްކަތްކުރާކަމުގެ ވާހަކަތަކެއް ވޭތުވެދިޔަ ދުވަސްތަކުގައިވަނީ ދެކެވިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް