މިއަދަކީ "ވާރލްޑް ބަރތު ޑިފެކްޓްސް ޑޭ" ގެ ގޮތުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ކަނޑައަޅާފައިވާ ދުވަހެވެ. މިއަހަރު ވޯލްޑް ބަރތް ޑިފެކްޓްސް ޑޭގެ ޝިޔާރަކީ “many birth defects, one voice” އެވެ.
މި ދުވަސް ފާހަގަ ކުރުމުގެ މައިގަނޑު މަގްޞަދަކީ، އުފެދުމުގައި އައިބު ހުންނަ ކުދިންގެ އަދަދު އިތުރުވަމުންދާކަމަށް ފާހަގަކުރެވޭތީ މިކަމަށް މުޖުތަމައު ހޭލުންތެރިކުރުވުމެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ދުނިޔޭގައި އަހަރަކު 8 މިލިއަން ކުދިން އުފަންވަނީ އުފެދުމުގައި ހުންނަ އެކިއެކި އައިބުތަކާ އެކުއެވެ. އަދި އުމުރުން 1 އަހަރު ފުރުމުގެ ކުރިން މަރުވާ ކުދިން މަރުވާން ދިމާވާ މައިގަނޑު އެއް ސަބަބު ކަމުގައި ފާހަގަ ކުރެވިފައިވަނީ ވެސް އުފެދުމުގައި އައިބު ހުރުމެވެ. މީގެ ސަބަބުން އާއިލާތަކަށް އިޤްތިޞާދީ އަދި އިޖްތިމާއީ ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހެއެވެ. ސަބަބަކަށް ވެފައި ވަނީ މިފަދަ ކުދިންނަކީ ނަފްސާނީ އަދި ޖިސްމާނީ ކޮންމެވެސް ކަހަލަ ނުކުޅެދުންތެރިކަމެއް ހުންނާނެ ކުދިންކަމަށް ވާތީއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ އުފަންވެނި ޞިއްޙަތު ޕްރޮގްރާމާއި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް ގުޅިގެން ރާއްޖޭގައި "ވާރލްޑް ބަރތް ޑިފެކްސް ޑޭ" ފާހަގަ ކުރުމުގެ ގޮތުން އެކިކަހަލަ ހަރަކާތްތައް މާރޗް 3 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ދުވަހާ ގުޅުވައިގެން ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި މޯލްޑިވްސް ނެޝަނަލް ޔުނިވާރސިޓީގެ ސްކޫލް އޮފް ނަރސިންގ އާ ގުޅިގެން އުފެދުމުގައި އައިބު ހުންނަ ކުދިންނާބެހޭ ގޮތުން ޕެނަލް ޑިސްކަޝަނެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. މި ޕެނަލް ޑިސްކަޝަންގައި މިކަމާ ގުޅޭ މަސައްކަތްކުރައްވާ ޖަމްޢިއްޔާ ޖަމާއަތްތަކުން ކުރާ މަސައްކަތްތަކާއި މިފަދަ ކުދިންނަށް އެހީތެރިކަން ފޯރުކޮދިނުމުގައި ޖަމްޢިއްޔާތަކަށް ދިމާވާ ދަތިތަކާއި ގޮންޖެހުންތައް ހިއްސާކުރުމަށް ހަމަޖެހިފައިވެއެވެ. އަދި މިދުވަހާ ގުޅުވައި "I care" ގެ ނަމުގައި ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ބަރތު ޑިފެކްޓްސްއަށް ހޭލުންތެރިކަން އިތުރުކުރުމަށް ކުރިއަށް ގެންދެވޭ ސޯޝިއަލް މީޑިޔާ ކެމްޕޭން ރާއްޖޭގައިވެސް ވަނީ ފަށާފައެވެ.
އުފެދުމުގައި އައިބު ހުންނަ ކުދިން ލިބުން މަދުކުރުމަށް މަސައްކަތް ކުރުމުގެ ގޮތުން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ދެކުނުއިރުމަތީ އޭޝިއާގެ 'ބާރތު ޑިފެކްޓްސް ސަރވެއިލަންސް" ނިޒާމް ރާއްޖޭގައި 2015 ވަނަ އަހަރު ވަނީ ޤާއިމުކުރެވިފައިވާކަމުގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ވިދާޅުވެއެވެ. އަދި މިނިޒާމަށް އަހުލުވެރިކޮށް މަސައްކަތް ކުރިއަށް ގެންދިއުމަށް 2015 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރުގެ ނިޔަލަށް މާލެ އާއި އަތޮޅުތެރޭގެ ހޮސްޕިޓަލްތަކުގައި ކަމާބެހޭ ތަމްރީންތައް ވަނީ ހިންގާފައެވެ. މިގޮތުން 2020 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ހުރިހާ ހިސާބުތަކުން މިމައުލޫމާތުތައް ވަނީ އެއްކުރެވިފައެވެ. 2019 އަހަރުގެ މިތަފާސް ހިސާބުން ދައްކާގޮތުގައި އެއަހަރު އުފަންވި ކުދިންގެ 283 ކުދިންނަކީ އުފެދުމުގެ އައިބުތަކާއެކު އުފަންވި ކުދިންނެވެ.
ޅަފަތުގައި ތުއްތު ކުދިންނަށް ދިމާވާ ޞިއްޙީ މައްސަލަތަކުން ރައްކާތެރިވުމަށާއި ރާއްޖޭގެ ހޮސްޕިޓަލްތަކުގައި އުފަންވާ ތުއްތުކުދިންނަށް ޅަފަތުގައި ދެވޭ ޞިއްޙީ ޚިދުމަތާއި ފަރުވާ ރާއްޖޭގައި ރަގަޅުކުރުމަށްޓަކައި ޑޮކްޓަރުންނާއި ނަރުހުން އަދި އެހެން ޞިއްޙީ ޚިދުމަތްތެރިންނަށް 'ފެސިލިޓީ ބޭސްޑް ނިއުބޯން ކެއަރ' ގެ ޚާއްޞަ ތަމްރީންތައް މާލެއާއި އަތޮޅުތަކުގެ ހޮސްޕިޓަލުތަކުގައި ކުރިއަށްގެންދެވިފައިވާކަމުގައިވެސް އެޗްޕީއޭ އިން ވިދާޅުވެއެވެ. ފެސިލިޓީ ބޭސްޑް ނިއުބޯންކެއާރ ތަމްރީނަކީ ވިހާވަގުތުން ފެށިގެން ތުއްތު ދަރިފުޅުގެ އުމުރުން ފުރަތަމަ ހަތް ދުވަހުގެ ތެރޭގައި ދިމާވާ މައްސަލަތައް ހައްލުކުރުމުގެ މައްޗަށް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއާއި ޔުނިސެފުން އެކުލަވާލައްވާފައިވާ ތަމްރީން ޕެކޭޖެއްގެ މައްޗަށް ބިނާކޮށް ހިންގާ ތަމްރީންތަކެކެވެ.
ދަރިއަކު ހޯދުމަށް ނުވަތަ މާބަނޑު ވުމަށް ދެމަފިރިން ޞިއްޙީ ގޮތުންނާއި، އިޖްތިމާޢީ އަދި ނަފްސާނީ ގޮތުން ތައްޔާރުވުމަކީ ދަރިފުޅުގެ ރައްކާތެރިކަމަށްޓަކައި ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ. މިގޮތުން ދިރިއުޅުމުގެ މާހައުލުގައި ދުޅަހެޔޮ އާދަތައް އިތުރުކުރުމާއި، ސިއްހަތަށް ގެއްލުންވާ މާއްދާތައް ހިމެނޭ ބާވަތްތައް ބޭނުންނުކުރުމާއި ޞިއްޙަތަށް ފައިދާހުރި ކާނާ ބޭނުންކުރުމާއި، ފޮލިކްއެސިޑް ބޭނުން ކުރުން ވަރަށް މުހިއްމެވެ.
ދިރާސާ ތަކުން ދައްކާ ގޮތުގައި ބަލިވެ އިނުމުގެ ކުރިން ފޮލިކް އެސިޑް ގަވައިދުން ބޭނުންކުރުމުން ނިޔުރަލް ޓިޔުބް ޑިފެކްޓްސްގެ %70 މައްސަލަތަކުން ދަރިފުޅު ރައްކާތެރިކޮށްދެއެވެ. ނިއުރަލް ޓިއުބް ޑިފެކްސް ނުވަތަ ސިކުޑިއާއި މައިބަދަ އުފެދުމުގައި ހުންނަ އައިބުތައް އުފެދެނީ ގާތްގަނޑަކަށް ބަނޑަށް ދޮޅު މަހުގައެވެ. މިއީ ބަލިވެ އިންކަން ފާހަގަވެސް ނުވާހާ ކުރިއެވެ. ފޮލިކް އެސިޑަކީ ކޮންމެ އަންހެނަކުވެސް ބަލިވެ އިންނަން ގަސްތު ކުރީންސުރެން ބަޑަށް 3 މަސް ވަންދެން ބޭނުންކުރަން ވަރަށް މުހިއްމު ވިޓަމިނެކެވެ. އަދި މީގެއިތުރުން އެއްވެސް ބައްޔަކަށް ފަރުވާ ހޯދާ ފަރާތެއްނަމަ، މާބަނޑު ވުމުގެ ކުރިން ޑޮކްޓަރުގެ ލަފާޔާއި އިރުޝާދުގެ މަތިން ރައްކާތެރިވުމުގެ ފިޔަވަޅު އެޅުން މުހިއްމެވެ.
ކޮންމެ ދެމަފިރިއަކީ ވެސް ކުއްޖަކު ހޯދުމަށް ދުރާލާ ރާވާ އަދި ސިއްހީ ލަފާ ހޯދާ ބަޔަކަށް ވެއްޖެނަމަ ދުޅަހެޔޮ އާއިލާއެއް ބިނާކުރުމަށް ފުރުސަތު ބޮޑުވެގެންދެއެވެ.




ހިޔާލު
vissaa gina doctorunge quality nuhunna vaahaka eh nubunaanan dho