ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިވުމުން، މެމްބަރުންނަށް ދޭ މުސާރައިން ވަކި ނިސްބަތެއް ދިނުމަށާއި އިނާޔަތްތައް މެދުނުކެނޑި ލިބޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް ހުށައަޅައިފައިވާ ބިލަށް ވޯޓު ނުދޭނެކަމަށް ގެމަނަފުށި ދާއިރާގެ މެންބަރު ޖަމީލް އުސްމާން ވިދާޅުވެއްޖެއެވެ.
ޖަމީލް މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ކުރީގެ މެމްބަރުންނަށް ލިބޭ އިނާޔަތް އިތުރުކުރުމަށް ހުށައަޅައިފައިވާ ބިލާ ދެކޮޅުކަމަށާއި، ޕީޕީއެމް ގްރީން-ވިޕްލައިން އެއް ނެރުނަސް މި ބިލްއަށް ޖަމީލްގެ ވޯޓެއް ނުލިބޭނެ ކަމަށެވެ.
ކުރީގެ މެމްބަރުންނަށް ޚާއްސަ އިނާޔަތް ލިބިދޭ އިސްލާހުތަކަކީ، ސަރުކާރުން މަލީގޮތުން ޖެއްސުންކުރުމަށް ހުށައަޅައިފައިވާ ބިލްތަކެއްކަމަށްވެސް ޖަމީލްގެ އިތުރަށް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މިހާރު ލިބޭ އިނާޔަތް، މެމްބަރުކަމުން ވަކިވުމުން ވެސް ލިބޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް އިސްލާހު ހުށަހެޅުއްވީ މިދިޔަ މަޖިލީސް އިންތިހާބުން ނާކާމިޔާބުވެވަޑައިގެންނެވި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާއާއި، ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދެވެ.
ގެމަނަފުށި ދާއިރާގެ މެންބަރު ޖަމީލް އުސްމާން މި އިސްލާހުތަކާއި ދެކޮޅުކަމަށް ވިދާޅުވެފައިވާއިރު އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވެސް ވަނީ އެ ޕާޓީން މި ބިލަށް ވޯޓު ނުދެއްވާނެކަމަށް ވިދާޅުވެފައެވެ.