ބޮޑު ތިލަދުންމަތީގެ ހޮނިހިރު ދުވަސް!

ހަފްތާ ބަންދުގެ ތެރެއިން ހުކުރު ދުވަހަކީ ދިވެހިންނަށް ވަރަށް ޚާއްޞަ ދުވަހަކަށް ވާގޮތަށް، ބޮޑު ތިލަދުންމަތީގެ ރައްޔިތުންނަށް ހޮނިހިރު ދުވަހަކީ ވަކިން ޚާއްޞަ، ތަފާތު ދުވަހެކެވެ. ބޮޑު ތިލަދުންމަތީގެ ވިޔަފާރީގެ މަރުކަޒުކަމުގައިވާ ހދ. ކުޅުދުއްފުޓަށް، ހއ، ހދ އަދި ށ އަތޮޅުގެ ހުރިހާ ރަށަކުން ކަހަލަ ގޮތަކަށް، ހޮނިހިރު ދުވަހު ދަތުރު ކުރާ ދުވަހެވެ. ތަފާތު ބޭނުންތަކުގައެވެ. އެއްބަޔަކު އާންމު ވިޔަފާރި ކުރަން ދާއިރު، އަނެއްބަޔަކު ކުޅުދުއްފުށީގައި ހުންނަ ސަރަހައްދީ ހަސްފަތާލަށް ޑަކުޓަރަށް ދެއްކުމަށްދެއެވެ. މީގެ އިތުރުން ބަޔެއް މީހުންގެ މައިގަނޑު ބޭނުމަކީ ކާބޯތަކެތި ގަނެވިއްކުމެވެ. އެގޮތުން ސަރުކާރުގެ ދަތުރު ފަތުރުގެ ނިޒާމުގެ ތެރެއިން ދަތުރުކުރާ ފެރީތަކާއި، އަމިއްލަ ފަރުދުންގެ ފެރީތަކާއި، ބާރަށް ދުއްވާ ލޯންޗުތަކާއި، އޮޑި ދޯނިފަހަރުގައި އެތައްހާސް ބަޔަކު ހޮނިހިރު ދުވަހު ކުޅުދުއްފުއްޓަށް ދަތުރު ކުރެއެވެ.

ކުޅުދުއްފުށި ހޮނިހިރު ބާޒާރު - ފޮޓޯ: ފެށުން

ކުޅުދުއްފުށީ ސަރަހައްދީ ހަސްފަތާލުގެ އުތުރަށް އޮންނަ ގަސްގިނަ، ހުސް ސަރަހައްދު ކޮންމެ ހޮނިހިރު ދުވަހަކު ފެންނަނީ ކާރޫބާރޫ ބޮޑު ސަރަހައްދެއްގެ ގޮތުގައެވެ. ކުޅުދުއްފުށީ މީހުންގެ އިތުރުން ރާއްޖޭގެ އެންމެ އުތުރުގެ ތިން އަތޮޅުގެ މީހުންތައް މިސަރަހައްދުގައި އަވަދިނެތި އުޅެމުން ދަނީ ވިޔަފާރި ކުރުމުގައެވެ. ދިވެހިންގެ އިތުރުން މިސަރަހައްދުގެ ރަށްރަށުގައި ދިރިއުޅޭ ބިދޭސީންވެސް ހޮނިހިރު ބާޒާރަށް ކާބޯތަކެތި ގަތުމަށް ޖަމާވެއެވެ. ހޮނިހިރު ބާޒާރުގެ ހިޔާލިބޭ ބޮޑެތި ގަސްތައް ދޮށުގައި ކާބޯތަކެތި ގަނެވިއްކުން ވަރަށް ފޯރިއާއިއެކު ހެނދުނު ހެނދުނާ ފަށައެވެ. މޭވާއާއި ތަރުކާރީއާއި ފަލަމަޑިއާއި ގޮވާމުގެ ބާވަތްތަކާއި، ތަފާތު ތައްޔާރީ ކާބޯތަކެތީގެ ބާވަތްތަކުގެ އިތުރުން ވަޅޯމަހާއި ރިހާކުރެވެސް މިސަރަހައްދުން ވަރަށް ތިޔާގިކޮށް ލިބެން ހުރެއެވެ. މިނޫނަސް ބައެއް ދިވެހި އުފެއްދުންތަށް ވިއްކަން ހުރެއެވެ.

ބާޒާރުމަތީގައި މީހުން ހޭލަމޭލައަށް ހަރަކާތްތެރިވަނީ - ފޮޓޯ: ފެށުން

ހެނދުނުގެ އަރައިގެންއަންނަ އިރާއެކު މީހުންތައް ޖަމާވާން ފަށާ މިސަރަހައްދު، މެންދުރު ފަސްވަންދެން ފެންނަނީ މީހުން ހޭލަމޭލަވެގެން އުޅޭ ސަރަހައްދެއްގެ ގޮތުގައެވެ. އެންމެ ފުރަތަމަވެސް ފެނިގެންދަނީ ކުޅުދުއްފުށީގެ ހީވާގި ކަނބަލުންނާއި ބޭބޭކަލުން ބަރޯ ބަރޯގައި އެކިދިމަ ދިމާލުން ހޮނިހިރު ބާޒާރަށް ތަކެތި ޖަމާކުރާތަނެވެ. ކުޑައިރުކޮޅެއްގެ ތެރޭ ރަށްރަށުން ގެންނަތަކެތި ޕިކަޕުތަކުގައި ޖަމާކުރާތަން ފެނެއެވެ. އެއްބަޔަކު ހުސްދޮންކޭލުން ޕިކަޕު ފުރާ އަންނައިރު، އަނެއް ބަޔަކު ކަށިކޭލާއި، ކާށި ބަސްތާތަކުން ޕިކަޕު ފުރާ އާދެއެވެ. ބަޔެއް މޫސުންތަކުގައި ކުރިނބީ ބަނބުކޭލާއި، ނޮޅިވަރަމު ކުރުނބާގެ އިތުރުން ފީވަކުގެ ދޮންއަނބު ފޮށިގަނޑުތަކާއި، ގޮޔަދޫ ކަރާގެ ގޯނިތަކުން ޕިކަޕުތައް ބަރާކޮށް އަންނަލެއް މަދެއް ނޫނެވެ.

ހޮނިހިރު ބާޒާރުގައި ވިއްކަން ހުރި ބައެއް ތަކެތި - ފޮޓޯ: ފެށުން

މުޅި ސަރަހައްދުން ފެންނަނީ އެކުވެރިކަމާއި، ރަޙުމަތްތެރިކަމެވެ. ތަފާތު މޫނުތަކެއްނަމަވެސް  ވަރަށް ދެކިފަރިތަ މޫނުތަކެކެވެ. އެއްވެސް ބީރައްޓެހި ކަމެއްނެތި، ސަކަމިޒާޖެއްގައި ވިޔަފާރި ކުރާތަނެވެ. އިސްތިހާރުކޮށް ތަކެތި އަވަހަށް ވިއްކާލާތަނެވެ. މިސަރަހައްދަށް ވަންނައިރު މިކަހަލަ ގޮވަލި ފައްޗެއް އަޑު އިވިދާނެއެވެ. " މިހިރީ ފަތް، ފާޅުގައި ފަތް މިވިއްކަނީ! އަވަހަށް އާދޭ!" ރަނގަޅަށް ބަލާލާއިރު ކޮޕީފަތެވެ. ތަންކޮޅަކަށް ހިނގާލާ އިރަށް އެހެން ފަތިވަރެއްގެ އަޑު އިވިދާނެއެވެ. "މިހިރީ ހަކުރު، އެއްވެސް ޖެހިލުމެއްނެތި ހަކުރު މިވިއްކަނީ، ގަންނަން އާދޭ! އަވަސް ކުރޭ! އަވަސް ކުރޭ!" ކައިރިޔަށް ޖެހިލާއިރު، ދިޔާހަކުރާއި ކަރުހަކުރެވެ. ތަންކޮޅަކަށް ހިނގާލާއިރަށް އިވޭނީ " މިހިރީ ރާ، ރާބޯން އާދޭ! ތާޒާ ރާބޯން އާދޭ!" މިހެން ގޮވާ އަޑެވެ. އެއީ ތެދެކެވެ. ތާޒާ ކުދި ފެންފުޅިޔަށް އަޅާފައި ހުންނަ ދިވެހި ރުކުގެ ރަލެވެ.

ޒަމާނުންސުރެ، ދިވެހިންނަކީ އެކިކަންކަން އެކި ދުވަސްވަރުގައި އެކި ގޮތްގޮތަށް ކޮއްއުޅޭ ބަޔެކެވެ. ދިރިއުޅޭ މާހައުލާއި،  ބޭނުންތަކާއި، ދިރިއުޅުމުގެ ހަމަތަކާއި އެއްގޮތަށް ދިވެހިން އަބަދުވެސް ކަންކަން ތަރުތީބު ކުރެއެވެ. އެތަށް އަހަރެއް ކުރިން ބޮޑުތިލަދުންމަތީގެ ރައްޔިތުން ހޮނިހިރު ދުވަސް ތަރުތީބުކޮއްފިއެވެ. ތިލަދުންމަޗަށް ހޮނިހިރު ދުވަހަކީ އާދަޔާ ޚިލާފު ތަފާތު ދުވަހެކެވެ.

މިލިޔުން ކިޔާލުމުން
17
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ