ވެނެޒިއުލާގެ އިލެކްޓޯރަލް ކައުންސިލްގެ މައި ގުދަނެއްގައި ރޯވެ 50،000 ވުރެ ގިނަ ވޯޓިން މެޝިން ހަލާކުވެއްޖެ ކަމަށް އެކައުންސިލުން ބުނެފިއެވެ.
އިލެކްޓޯރަލް ކައުންސިލްގެ ވެރިޔާ ޓުޕެސޭ ލަސީނާ ނޫސްވެރިންނަށް މައުލޫމާތު ދެމުން ވިދާޅުވީ، މައި ގުދަނުގައި ރޯވި އަލިފާންގަނޑުގެ ސަބަބުން 50،000 ވުރެ ގިނަ ވޯޓިން ބޯތާއި އިންތިހާބުތަކުގައި ބޭނުންކުރާ 582 ކޮމްޕިއުޓަރ ސިސްޓަމް ހަލާކުވެފައި ވާކަމަށެވެ.
މިއަހަރުގެ ފަހުކޮޅު އޮންނަ ޕާލަމެންޓު އިންތިހާބަށް މިކަމުގެ ސަބަބުން އެއްވެސް އަސަރެއް ކުރާނެ ކަމަކަށް ޓުޕެސޭ ވިދާޅުވެފައެއް ނުވެއެވެ.
މިދިޔަ ހޮނިހިރު ދުވަހު އަލިފާން ރޯވި ގުދަނަކީ 6،000 ސުކެއާ މީޓަރުގެ ގުދަނެކެވެ. މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ހޯދިފައި ނުވާއިރު ކަމާބެހޭ ފަރާތްތަކުން އަންނަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.
ވެނެޒިއުލާގައި 2017 ވަނަ އަހަރުވެސްވަނީ މިފަދަ ހާދިސާއެއް ހިނގައިފައެވެ. މިގޮތުން އެފަހަރުވަނީ އިންތިހާބީ ކަންކަމުގައި އުޅޭ ފަރާތްތަކަށާއި އަދި އިންތިހާބުގައި ބޭނުންކުރާ ތަކެއްޗަށް ގެއްލުން ދީފައެވެ.



