ދަތުރު

ފެހެންދޫ ދަރިވަރުންގެ ޝަކުވާ ރައީސްއަށް، އުއްމީދީ ޖަވާބެއް!

ބ.އަތޮޅު ފެހެންދޫ ސްކޫލްގެ ދަރިވަރުން ސްކޫލަށް ދިއުމަށްޓަކައި ކޮންމެ ދުވަހަކު ކުޑަ ޑިންގީއެއްގައި އެއަތޮޅު ގޮއިދޫއަށް ދަތުރުކުރާ ވާހަކައަކީ އައު ވާހަކައެއް ނޫނެވެ. ނަމަވެސް އެ ތަކުލީފަކުގެ ޝަކުވާ ފެހެންދޫ ކައުންސިލުން މިވަނީ މިއަދު ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙް އާ ހިއްސާކުރައްވާފައެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރަށުގެ މިހާރުގެ ހާލަތާއި، ފެހެންދޫ ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވެފައިވާ ކަންކަމާ ބެހޭ މަޢުލޫމާތު ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ވަނީ އަރުވާފައެވެ.

މި ބައްދަލުވުމުގައި ފެހެންދޫ ކައުންސިލުން ވިދާޅުވީ، އެރަށު ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ފެހެންދޫ ސްކޫލު ދަރިވަރުން ކޮންމެ ދުވަހަކު ސްކޫލަށް ދިއުމަށް އެކަށީގެންވާ ދަތުރުފަތުރުގެ ނިޒާމެއް ހަމަޖެހިފައި ނެތުން ކަމަށެވެ. އެކަން ފާހަގަ ކުރައްވައި މީގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ކައުންސިލުން ވަނީ ރައީސް ޞޯލިޙް އާ ހިއްސާ ކުރައްވާފައެވެ.

މީގެ އިތުރުން ފެހެންދޫ ބަނދަރު ޒަމާނީ ފެންވަރަށް ތަރައްޤީކޮށްދެއްވުމަށާއި، ރަށުގައި އެކަށީގެންވާ ފެންވަރުގެ މިސްކިތެއް އިމާރާތްކޮށްދެއްވުމަށްވެސް ފެހެންދޫ ކައުންސިލުން ވަނީ ރައީސްގެ އަރިހުގައި އެދިވަޑައިގެންފައެވެ.

ފެހެންދޫ ރައްޔިތުންނަށް ބޭނުންވެފައިހުރި ކަންކަން ފުރިހަމަ ކޮށްދެއްވުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށާއި، ކައުންސިލުން އެދިވަޑައިގެންނެވި ކަންކަމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިޔަށް ގެންދަވާނެކަމުގައި މި ބައްދަލުކުރެއްވުމުގައި ރައީސް ޞޯލިޙް ވިދާޅުވިއެވެ.

އާބާދީ ކުޑަވުމުން ސްކޫލު ބަންދުކޮށްފައިވާ ބ. ފެހެންދޫ ކުދިން ކިޔަވަން ކޮންމެ ދުވަހަކު ގޮއިދުއަށް ދަތުރު ކުރަން ބޭނުންކުރަނީ ވިއްސަކަށް ފޫޓުގެ ޑިންގީއެކެވެ. ތުއްތު ކުދިން ގޮވައިގެން މޫސުން ގޯސް އިތު ދަތުރުކުރަން އެއީ އެއްގޮތަކަށްވެސް ރައްކާތެރި ގޮތެއް ނޫނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް