ގުދުރަތީ ހަންގަނޑަކަށް 'ޔޯގަޓް'

މިދުވަސްވަރަކީ އާދަޔާ ޙިލާފަށް ހޫނުގަދަ ދުވަސްވަރަކަށް ވީއިރު ތިމާގެ ހަންގަނޑު ދުޅަހެޔޮ ކަންމަތީ ބެހެއްޓުމަށްޓަކައި ވަރަށް ފަރުވާތެރިވާންޖެހެއެވެ. ހޫނުގަދަ ދުވަސްވަރަކީ އާއްމުކޮށް ހަންގަނޑު ހިކި ކުރަކިވުމާއި އަދި ހަންފޮޅުމުގެ މައްސަލަ ދިމާވާ ދުވަސްވަރެކެވެ.

ޔޯގަޓަކީ، އެއިން ގިނަގުނަ ފައިދާ އަދި ބޭނުންތަކެއްކުރެވޭ ކާއެއްޗެކެވެ. އެކިބާތަކުގެ ސެލެޑް އަދި ކާބޯތަކެތި ހެދުމުގައި ބޭނުންކުރާ ޔޯގަޓަކީ، އަހަރެމެންގެ ހަށިގަނޑަށާއި އަދި ހަންގަނޑަށްވެސް ގިނަ ފައިދާ ތަކެއް ލިބިދޭ ކާއެއްޗެކެވެ. އެގޮތުން ބުނެދޭން މިއުޅެނީ، އޮމާން ހަންގަނޑެއް ބޭނުންވާނަމަ، ގޭގައި ތިބެގެން ފަސޭހަކަމާއެކު ޔޯގަޓު ބޭނުންކޮށްގެން، ފޭސްމާސްކެއް ތައްޔާރުކޮށްލެވޭނެ 3 ގޮތެވެ.

1. ޔޯގަޓު އަދި މާމުއި ފޭސްމާސްކް

ޔޯގަޓު އަދި މާމުއި އަކީ، ވަރަށް ބޮޑަށް ހަންގަނޑުގެ ކުރަކިކަން ފިލުވައިދީ އަދި ހަންގަޑު އޮމާންކޮށްދިނުމަށް އެހީވެދޭނެ ދެ ބާވަތެވެ. އެހެންކަމުން ހަމައެކަނި މި ދެބާވަތް ބޭނުންކޮށްގެން ފަސޭހަކަމާއެކު، ފޭސްމާކެއް ތައްޔާރުކޮށްލެވިދާނެއެވެ. އެގޮތުން މި ފޭސްމާސްކު ތައްޔާރު ކުރުމަށް، 2 ސައިސަމުސަލުގެ ޔޯގަޓުގެ ތެރެއަށް، 1 ސައިސަމުސަލުގެ މާމުއި އެއްކުރާށެވެ. މި ގޮތަށް މި ދެބާވަތް އެއްކުރުމަށްފަހު، ޕޭސްޓެއް އުފެދެންދެން ރަނގަޅަށް ގަށާށެވެ. ޕޭސްޓް އުފެދުމުން، މި ޕޭސްޓް ފޭސް މާސްކެއް ގޮތަށް މޫނުގައި އުނގުޅުމަށްފަހު 10 މިނެޓް ވަންދެން ބައިންދާށެވެ. އަދި އެއަށްފަހު ހޫނުތާފެނުން މޫނު ދޮންނާށެވެ.

2. ޔޯގަޓު އަދި ސްޓްރޯބެރީ ފޭސްމާސްކް

ޔޯގަޓު އަދި ސްޓްރޯބެރީ ބޭނުންކޮށްގެން ތައްޔާރުކޮށްލެވޭ މި ފޭސްމާސްކަކީ، ހަންގަނޑު އިތުރަށް ސާފުކޮށްދީ އަދި މޫނު ތެޔޮވުމުން ދުރުކޮށްދީ ބިހިނެގުން ރަނގަޅު ކޮށްދޭނެ ފަރުވާއެކެވެ. މި ފޭސްމާސްކް ތައްޔާރުކޮށްލުމަށް، 2 ނުވަތަ 3 ސްޓްރޯބެރީ ތައްޓެއްގެ ތެރެއަށް ކޮށާލުމަށްފަހު ޗަސްކޮށްލާށެވެ. އެއަށްފަހު 1 ސައިސަމުސާ ޔޯގަޓު އަދި މާމުއި އޭގެތެރެއަށް އެޅުމަށްފަހު ރަނގަޅަށް ގަށާލާށެވެ. އެއަށްފަހު މި ޕޭސްޓް މޫނުގައި އުނގުޅުމަށްފަހު، 15 މިނެޓް ވަންދެން ބައިންދާށެވެ.

3. ޔޯގަޓު އަދި ކިއުކަމްބާ ފޭސް ޕެކް

ޔޯގަޓާއެކު ކިއުކަމްބާ ބޭނުންކޮށްގެން ފަސޭހަކަމާއެކު ތައްޔާރުކޮށްލެވޭ މި ފޭސްމާސްކް އަކީ ހަންގަނޑު އޮމާންކަންމަތީ ދެމެހެއްޓުމަށް އެހީވެދީ، މޫނުގައި ހުންނަ ކަޅު ލައްތަށް ފިލުވައިލުމަށް އެހީވެދޭނެ ފޭސްޕެކްއެކެވެ. މި ފޭސް ޕެކް، ތައްޔާރުކޮށްލުމަށް، ކިއުކަމްބާއެއްގެ ތޮށި މެށުމަށްފަހު، ދެ ފަޅިއަށް ފަޅާލާށެވެ. އަދި ކިއުކަމްބާގެ އެއްފަޅި ޗަސްކޮށްލާށެވެ. އަދި އޭގެތެރެއަށް 1 ސައިސަމުސަލުގެ ޔޯޓަޓް އެޅުމަށްފަހު، ހިކި ޕޭސްޓް އެއް އުފެދެންދެން ގަށާށެވެ. އެއަށްފަހު މި ޕޭސްޓް މޫނުގައި އުނގުޅުމަށްފަހު 15 ނުވަތަ 20 މިނެޓް ވަންދެން ބައިންދާށެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް