ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ސިންގަޕޫރުގެ މިނިސްޓަރ ފޯ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓާ ބައްދަލު ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތު ދޭގޮތުގައި، މިއަދު މެންދުރުފަހު އޮތް މި ބައްދަލު ކުރެއްވުމުގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްޞަކޮށްގެން ތަފާތު ޕްރޮގްރާމްތައް ރޭވުމާ ބެހޭ ގޮތުންނާއި، އެ ދާއިރާއިން މަޢުލޫމާތާއި ތަޖުރިބާ ހިއްސާ ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި، ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެ ޤައުމަށް ފައިދާހުރި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހި ކުރެވިދާނެ ގޮތްތަކާ ބެހޭ ގޮތުންވެސް މި ބައްދަލު ކުރެއްވުމުގައި މަޝްވަރާ ކުރެއްވިއެވެ.
މީގެ އިތުރުން މި ބައްދަލު ކުރެއްވުމުގައި، ސިންގަޕޫރުގެ މިނިސްޓަރ ފޯ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ވަނީ، ސިންގަޕޫރުން އަބަދުވެސް ދިވެހިރާއްޖެއަށް ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެމުން ގެންދާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
ރައީސުލް ޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ސިންގަޕޫރައް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރު ފުޅުގައި އެމަނިކުފާނު ގެންދަވަނީ ސިންގަޕޫރު ސަރުކާރުގެ އިސްފަރާތްތަކާއި ބައްދަލު ކުރައްވަމުންނެވެ.



