ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19: ރާއްޖެއިން ޕޮޒިޓިވްވި އިތުރު ދެ މީހަކު ރަނގަޅު ވެއްޖެ

ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު ދެ މީހަކު އެ ބަލިން ރަނގަޅުވެފައިވާ ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗްގެ ހާއްސަ ޑރ. މުހައްމަދު އިސްމާއިލް ވިދާޅުވީ ކުރިން ކޮވިޑް-19 އަށް ޕޮޒިޓިވްވި، ދެމީހަކު މިއަދު ނެގަޓިވްވެ އެދެ މީހުން ފަރުވާ ދޭ ތަނުން ގެއަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އެމީހުންގެ ހާލު ވެސް ރަނގަޅު ކަމަށާއި މިހާރު ރާއްޖެއިން ޖުމްލަ ފަސް މީހުން މިބަލިން ރަނގަޅުވެފައިވާކަމަށްވެސް ޑޮކްޓަރު ވިދާޅުވިއެވެ.

ރާއްޖެއިން މުޅި ޖުމްލަ 13 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު އޭގެތެރެއިން ތިން މީހަކު މީގެކުރިންވަނީ ރަނގަޅުވެފައެވެ. އެހެންކަމުން މިއަދު ރަނގަޅުވި ދެމީހުންނާއެކު ޖުމްކަ ފަސް މީހުންވަނީ ރަނގަޅުވެފައެވެ.

އަދި ކޮވިޑް-19 ޖެހިގެން ރާއްޖޭގައި މިހާރު ފަރުވާދެނީ 8 މީހުންނަށެވެ.

ރާއްޖެއިން މިހާތަނަށް މިވައިރަހަށް ޕޮޒިޓިވް ވެފައިވަނީ 13 ފަރާތެކެވެ. އެއީ ކުރެއްދޫ ރިސޯޓުން ފަސް މީހަކާއި ބަތަލާ ރިސޯޓުން ދެ މީހެއްގެ އިތުރުން ކުރަމަތި ރިސޯޓުން ދެ މީހަކާއި އަނަންތަރާ ރިސޯޓުން ދެ މީހެކެވެ. އަދި ސަފާރީއަކުން ދެ މީހަކު ވެސް މިވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. އެއެންމެންކީވެސް ބިދޭސީންނެވެ. މިވައިރަހަށް ޕޮޒިޓިވް ވެފައިފާ 13 މީހުންގެތެރެއިން 9 މީހުންނަކީ ނިސްބަތްވަނީ އިޓަލީއަށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް-19 ގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ މިހާތަނަށް ކޮވިޑް-19 އާ ގުޅިގެން 673 ސާމްޕަލް ނަގާފައިވާ ކަމަށާއި އޭގެތެރެއިން 660 ސާމްޕަލް ނެގެޓިވްވެފައިވާ ކަމަށެވެ.

އަދި ކަރަންޓީން ފެސިލިޓީތަކުގައި 496 މީހަކު އެބަތިބި ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ