ބުޚާރީ – ފަނޑުވެގެންނުދާނެ ނަމެއް

ޙަދީޘް ޢިލްމުގައި އެންމެ އަރާހުންނެވި ޢިލްމުވެރިއަކީ އަލްއިމާމް ބުޚާރީ ކަމީ، ދެބަސް ވެވޭނެ ކަމެއް ނޫނެވެ. ކީރިތި ޤުރުއާން ފިޔަވައި ދުނިޔެމަތީގައިވާ އެންމެ ޞައްޙަކަން ބޮޑު ފޮތަކީ ބުޚާރީ އެއްކޮށް ލިއުއްވާފައިވާ ''އަލްޖާމިޢު އައްޞަޙީޙް'' ނުވަތަ "ޞަޙީޙް ބުޚާރީ" ކަން، މި އުއްމަތުގެ އެންމެންވެސް އެއްބަސްވެ އިޖްމާޢުވެއެވެ. އިސްލާމްދީނުގެ ދެވަނަ މަޞްދަރު ކަމުގައިވާ، ކީރިތި ރަސޫލާގެ ޙަދީޘްފުޅުތައް އެއްކޮށް ޖަމާ ކުރުމުގައި މުޅި އުމުރުގެ ދުވަސްތައް ހޭދަ ކޮށްލެއްވި، ބުޚާރާގެ މި ޢިލްމުވެރިޔާއަށް މާތްﷲ ރަޙުމަތްލައްވާށި!

އެކަލޭގެފާނުގެ ފުރިހަމަ ނަންފުޅަކީ އަބޫޢަބުދުﷲ (އެއީ އެކަލޭގެފާނުގެ ކުންޔާއެވެ.) މުޙައްމަދު(ނަން)  ބިން އިސްމާޢީލު(ކާފާފުޅު)  ބިން އިބުރާހީމް(ދެވަނަ ކާފާފުޅު) ބިން އަލްމުޣީރާ ( ތިންވަނަ ކާފާފުޅު، އެކަލޭގެފާނަކީ މަޖޫސީއެކެވެ.)އެވެ. އަލްއިމާމް ބުޚާރީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖުރައިން 194 ވަނަ އަހަރު ޝައްވާލް މަހު 13 ވީ ހުކުރު ދުވަހު ހުކުރު ނަމާދަށް ފަހުއެވެ. އެކަލޭގެފާނު އަވަހާރަވެފައިވަނީ ޚަރުތަންކު ގައި ހިޖުރައިން 256 ވަނަ އަހަރު ފިޠުރު ޢީދު ވިލޭރެއެވެ. އޭރު އުމުރު ފުޅުން 62 އަހަރު ފުރެން އޮތީ ތޭރަ ދުވަހެވެ. ފަސްދާނުލެވުނީ ޚަރުތަންކުގައެވެ. އެކަލޭގެފާނުގެ އުމުރުފުޅުން ވަރަށް ހަގު އިރު އެކަލޭގެ ފާނުގެ ބައްޕާފުޅު އިސްމާޢީލް ވަނީ އަވަހާރަވެފައެވެ.  ނަމަވެސް މިކަން، އިމާމް ބުޚާރީގެ މުސްތަޤްބަލަށް އެޅުނު ހުރަހެއް ކަމުގައި އެކަލޭގެފާނުގެ މަންމާފުޅު ނުހެއްދެވިއެވެ. އެކަމަނާ އެކަލޭގެ ފާނަށް ރަނގަޅު ތަރުބިއްޔަތު ދެއްވިއެވެ. އެކަލޭގެ ފާނަކީ ތުއްޕުޅުއިރުއްސުރެ ވަރަށް ހިތްޕުޅުއަލި ބޭފުޅެކެވެ. އެކަލޭގެފާނުގެ ވަރަށް ތުއްޕުޅުއިރުގައި ކީރިތި ޤުރުއާން ހިތްޕުޅުން ދަސްފުޅު ކުރައްވައިފި އެވެ. އުމުރުފުޅުގެ ކުރީކޮޅު އެކަލޭގެފާނުގެ މަންމާފުޅާއި ބޭބޭފުޅާއެކު ޙައްޖައްވަޑައިގެން މިދަތުރުފުޅުގައި އެކަލޭގެފާނު ކިޔަވައި ވިދާޅުވާން މައްކާގައި މަޑުކުރެއްވިއެވެ.

މައްކާ މަދީނާގެ ޙަދީޘް ޢިލްމުވެރިންގެ ކިބައިން ޢިލްމު ހޯއްދެވުމުގައި ހަ އަހަރު ދުވަސް ބުޚާރީ ހޭދަ ކުރެއްވުމަށްފަހު، އިސްލާމީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރައްވައި، ޙަދީޘް ޖަމަޢު ކުރެއްވިއެވެ. އެކަލޭގެ ފާނު ދަތުރު ކުރެއްވި ބައެއް ރައްތަކުގެ ތެރޭގައި މައްކާ، މަދީނާ، ބަޞަރާ، ކޫފާ، ދިމިޝްޤު، ޢަސްޤަލާން، ނީސާބޫރް، މިޞްރަށް ބުޚާރީ ދަތުރުކުރެއްވިއެވެ.

އެންމެ ހަގު އުމުރުގައިވެސް ޙަދީޘް ޢިލްމަށް ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ބުޚާރީ ދެއްވިއެވެ. އުމުރުފުޅުން އެންމެ ދިހަ އަހަރުގައި އެކަލޭގެ ފާނު ޙަދީޘް ދަސްކުރައްވަންފެއްޓެވިއެވެ. އެއްފަހު އެގާރަ އަހަރުން ފެށިގެން ބައެއް ޢިލްމުވެރިންގެ ކުއްތައް ރަނގަޅުކުރައްވަން ފެއްޓެވިއެވެ. އަށާރަ އަހަރުފުޅުގައި ފޮތްތައް ލިޔުއްވަން ފެއްޓެވިއެވެ. އެކަލޭގެ ފަނަކީ ހިތްޕުޅުއަލި ބޭކަލެއްކަމުން އެއްވެސް އުނިއިތުރެއްނެތި ޙަދީޘްފުޅުތައް ހިތުން ދަސްކުރައްވާ އުޅުއްވިއެވެ.

އެކަލޭގެ ފާނަކީ ތަނަވަސްކަން ލިބިގެންވާ އަދި ނިހާޔަތަށް ދީލަތި ބޭފުޅެކެވެ. ޙަދީޘްއާއި ފިޤުހު ޢިލްމުގައި އަރާހުންނެވި ބުޚާރީ ގެ ބައްޕާފުޅު އިސްމާޢިލް ވިދާޅުވެފައިވާ ގޮތުގައި އެކަލޭގެ ފާނުގެ މުދަލުގައި ހަރާމް ލާރިއެއް ކީއްކުރަންތޯ؟ ޝައްކު އުފެދޭ ކަހަލަ ދިރުހަމެއްވެސް ނުވާހުއްޓެވެ.

އެކަލޭގެފާނު ޙަދީޘް ޢިލްމުގައި އަރާތިއްބެވި އެއްހާސް އައްޑިހަ ބޭފުޅުންގެ އަރިހުން ރިވާކުރައްވާފައިވެއެވެ. އެދުރު ބޭކަލެއްގެފަރާތުން އަޑު އިވޭ ކޮންމެ އެއްޗެއް، ނެންގެވުމުގެ ބަދަލުގައި، އެ ޙަދީޘެއްގެ ރާވީންނާއި، ތާރީޚާއި، ރާވީންގެ ސީދާ ކަމަށް ބައްލަވައެވެ. ބުޚާރީ ޙަދީޘް ހޯއްދެވި މަޝްހޫރު ޢިލްމުވެރިންގެ ތެރޭގައި އަޙްމަދު ބުން ޙަންބަލް، ޔަޙްޔާ ބިން މަޢީން، އިސްޙާޤް ބުން ރާހަވައިހި ، ޢަލީ ބިން އަލްމަދީނީ، ޤުތައިބާ ބުން ސަޢީދު އަލްބަޣްލާނީ އަބޫ ޙާތިމް އައްރާޒީ ހިމެނިވަޑައިގަންނަވައެވެ. އެ އެކަލޭގެފާނުގެ ކިބައިން ޢިލްމު ޙާޞިލުކުރެއްވި ބޭކަލުންގެ ތެރޭގައި: މުސްލިމް ބުން ޙައްޖާޖް ، އަބޫދާވުދު، އައްތިރުމިޛީ ރަޙިމަހުމުﷲ ފަދަ އެތައް ބޭކަލުންނެއް ހިމެނިވަޑައިގަންނަވައެވެ.

ގިނަ އަހަރުތަކެއް ރަށުން ބޭރުގައި ހޭދަ ކުރެއްވުމަށް ފަހު އެބުރި ވަޑައިގެން، ނީސާބޫރުގައި މަޑުކުރެއްވުމުން، އެ ރަށުބައެއް ޢިލްމުވެރިން، ބުޚާރީއަށް މާބޮޑު އިޙްތިރާމެއް ލިބޭ ތަން ފެނުމުން ވެރިންނަށް ޝަކުވާކޮށް، އެތައް ތުހުމަތުތަކެއް އިސްތަށިފުޅުގައި އެޅުވިއެވެ. ނަތީޖާއަކަށްވީ ނީސާބޫރު ދޫކުރައްވައި އަމިއްލަ ރަށަށް ބުޚާރާ އަށް ވަޑައިގަތުމެވެ. ބުޚާރާއަށް ވަޑައިގަތުމުން ބަޠަލެއްގެ މަޤާމު ދެވުނެވެ. މާކަ ގިނަދުވަސްތަކެއް ނުވަނީސް، ބުޚާރާގެ އަމީރަށް ޙަދީޘް މަޖްލިސްތަކެއް ބާއްވަދިނުމަށް، ގަނޑުވަރަށް ވަޑައިގަންނަވަން އަމީރު އެދިވަޑައިގަތެވެ. މި ވާހަކައާއިގެން އައި މީހާ ކައިރީ ބުޚާރީ ދެއްވި ޖަވާބުން، ޢިލްމަށް ކުރައްވާ ޤަދަރާއި އިޙްތިރާމް ހާމަވެއެވެ. ބުޚާރީ ވިދާޅުވީ: ''އަހަރެން ޢިލުމު ނިކަމެތި ނުކުރާކަން ދަންނަވާށެވެ. އަދި އަހަރެން ޢިލްމު ހިފައިގެން ވެރިންގެ ގަނޑުވަރުތަކުގެ ދޮރޯށި ކައިރިއަކަށްވެސް ނުދަމެވެ. އަމީރު އެ ޢިލްމު ބޭނުންނަމަ، އަހަރެން މިސްކިތުގައި ނުވަތަ ގޭގައި ޢިލްމީ މަޖްލިސް ބާއްވާއިރު ވަޑައިގަންނަވާށެވެ. މިވާހަކަ ކަމުނުގޮސްފިނަމަ، ތިޔައީ ވެރިއާއެވެ. އަހަރެން ޢިލްމީ މަޖްލިސް ބޭއްވުން މަނާ ކުރާށެވެ. އޭރަށް ޤިޔާމަތް ދުވަހުން، އަހަރެން ޢިލްމު ނުފޮރުވާކަމަށް ޢުޒުރެއް އޮންނާނެއެވެ.''

މި ބީދައިން ޖަވާބުލިބުމުން އަމީރު ހިތްޕުޅާހަމަނުވެގެން، މީހުންލައްވައި ބުޚާރީ އަށް ގޯނާކުރުވައި އެންމެ ފަހުން ރަށުން ބޭރުކޮށްލެއްވިއެވެ. ދެން ބުޚާރީ ވަޑައިގަތީ ސަމަރުޤަންދުގެ ޚަރްތަންކް ކިއުނު ރަށަށެވެ. އަދި އަވަހާރަފުޅު ވަންދެން އެތާގައި ހުންނެވިއެވެ.

ޙަދީޘް ޢިލްމުގައި އަރާހުންނެވި މިދެންނެވި ޢިލްމުވެރިޔާވަނީ އުންމަތައްޓަކައި އަގުހުރި އެތައް ފޮތްތަކެއް ލިޔުއްވާ ދެއްވާފައެވެ. ޢުމުރުފުޅުން 18 އަހަރުގައި ފޮތް ލިއުއްވަން ފެއްޓެވި ބުޚާރީ ވިއްސަށްވުރެ ގިނަ ފޮތް ލިއުއްވާފައިވެއެވެ. އެކަލޭގެފާނު ލިޔުއްވި ފޮތްތަކުގެ ތެރޭގައި އަލްޖާމިޢު އައްޞަޙީޙް އަލްމުސްނަދު މިން ޙަދީޘި ރަސޫލު ﷲ ވަ ސުނަނިހީ ވަ އައްޔާމިހީ (މަޝްހޫރު ވެފައިވަނީ އަލްޖާމިޢު އައްޞަޙީޙް ގެ ނަމުން) ، އަލްއަދަބުލް މުފްރަދު ،  އައްތާރީޚުލް ކަބީރު (ޙަދީޘް ރިވާކުރައްވާ ބޭކަލުންގެ ނަންފުޅު އަލިފްބާ ތަރުތީބުން އެއްކޮށް ޖަމާކޮށްފައިވާ ފޮތެއް) ، އައްތާރީޚުއް ޞަޣީރް : (ރަސޫލާ އާއި ޞަޙާބީންގެ ތާރީޚް ، އަދި 652- ހ ، އާއި ހަމައަށް ތިއްބެވި ރާވީންގެ ތާރީޚް) ،  ޚަލްޤު އަފްޢާލުލް ޢިބާދު،  ރަފްޢުލް ޔަދައިނި ފިއްޞަލާތި (ނަމާދުގައި ދެއަތް އުފުލުން) ، އަލްކުނާ އަދި ތަފްސީރުލް ކަބީރު ފަދަ ފޮތްތައް ހިމެނިވެޑައިގަންނަވައެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އިމާމް ބުޚާރީއަށް ރަޙުމަތް ލައްވާށި!

އެކަލޭގެފާނު ލިޔުއްވި الجَامِعُ المُسْنَدُ الصَّحِيْحُ الْمُخْتَصَرُ مِنْ أُمُوْرِ رَسُوْلِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ وَسُنَنِهِ وَأَيَّامِهِ އަކީ ކީރިތި ޤުރުއާނަށްފަހު މިދުނިޔެމަތީގައިވާ އެންމެ ޞައްޙަކަން ބޮޑު ފޮތްކަމަށް ޢިލްމުވެރިން އެއްބަސްވެ ވަޑައިގަންނަވައެވެ. ޢިލްމުވެރިންގެ މެދުގައި މިފޮތް މަޝްހޫރުވެފައިވަނީ “''އަލްޖާމިޢު އައްޞަޙީޙް" ގެ ނަމުންނެވެ. ޞަޙީޙުލް ބުޚާރީ އަކީ ޞައްޙަޙަދީޘުގެ މައްޗަށް އެކުލަވާލެވުނު އެންމެ ފުރަތަމަ ފޮތެވެ. މިއީ ކީރިތި ރަސޫލާގެ ޙަދީޘުފުޅުތައް ލިޔެވިފައިވާ އެންމެ މަޝްހޫރު އެންމެ ޞައްޙަކަން ބޮޑު ފޮތެވެ. މިފޮތް ލިޔުއްވުމަށްޓަކައި އެކަލޭގެފާނުވަނީ ބުރަމަސައްކަތާއި ދިގުދަތުރުތަކެއް ކުރައްވައި އެކަމަށްޓަކައި 16 އަހަރު ހޭދަކުރައްވާފައެވެ. އެކަލޭގެފާނުގެ މަސައްކަތްފުޅުން އެކިގޮތްގޮތުން އެއްކުރެއްވި ގާތްގަނޑަކަށް ހަސަތޭކަ ހާސް، ޙަދީޘުގެ ތެރެއިން ބުޚާރީ މި ފޮތުގައި ލިއުއްވާފައިވަނީ 7275 ޙަދީޘެވެ. ބައެއް ޢިލްމުވެރިން ގުނުއްވާ ގޮތުން އޭގައި ވަނީ 7397 ޙަދީޘެވެ. އަދި ތަކުރާރު ޙަދީޘް ނުހިމަނައި މި ފޮތުގައިވާ ޙަދީޘްގެ އަދަދަކީ 4000 އެވެ. ޙަދީޘް ފޮތުގައި ލިއުވުމުގެ ކުރިން، އެތައްގޮތަކުން ބުޚާރީ، އެ ޙަދީޘެއްގެ ތެދުދޮގު ބެއްލެވިއެވެ. ޙަދީޘް ޤަބޫލު ކުރެއްވުމެގެ ޝަރުޠުތައް ހަމަވޭތޯ ބެއްލެވިއެވެ. އެކަލޭގެ ފާނު ހޯއްދެވި ގާތްގަނޑަކަށް ހަ ލައްކަ ޙަދީޘްގެ ތެރެއިން މިފޮތުގައި ލިޔުއްވާފައި ވަނީ ހުރިހާ ޢިލްމުވެރިން ޞައްޙަކަމަށް އިއްތިފާޤުވެވަޑައިގަންނަވާ ޙަދީޘްތަކެވެ. އަދި ޞަޙީޙުލް ބުޚާރީ ދިގުވެދާނެ ކަމަށްޓަކައި އިމާމް ބުޚާރީ ދެނެވަޑައިގަންވާ ހުރިހާ ޞައްޙަ ޙަދީޘެއް މި ފޮތުގައި ނުލިޔުއްވައެވެ. އެހެންކަމުން، އެހެން ޙަދީޘް ފޮތްތަކުގައި ޞަޙީޙު ބުޚާރީގައި ނެތް ޞައްޙަ ހަދީޘްތައް ހުންނާނެއެވެ. އިމާމް ބުޚާރީ ވިދާޅުވެފައިވެއެވެ. “ތިމަން އެއްލައްކަ ޞައްޙަ ޙަދީޘް ހިތުދަސްކުރީމެވެ. އަދި ދެލައްކަ ޞައްޙަނޫން ޙަދީޘް ދަސްކުރީމެވެ.”

އެކަލޭގެފާނު ވިދާޅުވެފައިވާ ގޮތުގައި ކޮންމެ ޙަދީޘެއްވެސް މި ފޮތުގައި ލިއުވުމުގެ ކުރިން، ޠާހިރުވެގެން ދެ ރަކުޢަތް ނަމާދެއް ކުރައްވާކަމަށް ވެއެވެ. އަދިވެސް ވިދާޅުވިއެވެ. "ތިމަން މިފޮތް ލިޔެފައިމިވަނީ ސޯޅަ އަހަރު ދުވަހުގެ ތެރޭގައި ހަލައްކަ ޙަދީޘްގެ ތެރެއިން ހޮވައިލައިގެންނެވެ. އަދި އެއީ، ތިމަން ކަލޭގެފާނާއި ﷲ އާއި ދެމެދުގައިވާ ޙުއްޖަތެކެވެ." މިހާރު އަޅުގަނޑުމެންނަށް މި ފެންނަން އޮތްގޮތަށް، އެފޮތް ލިއުއްވެވުނީ ތިން ފަހަރުމަތިން ފޮތް ލިޔުއްވައިގެންނެވެ.

އެކަލޭގެފާނު ޞަޙީޙު ނިންމެވުމަށްފަހު، އެކަލޭގެފާނުގެ ޝެއިޚުންކަމުގައިވާ އަޙްމަދު ބުން ޙަންބަލްއަށާއި، ޔަޙްޔާ ބުން މަޢީންއަށާއި ޢަލީ ބުނުލް މަދީނީ އަށް ހުށަހެޅުއްވިއެވެ. އެބޭކަލުން ހަތަރު ޙަދީޘް ފިޔަވައި އެހެން ހުރިހާ ޙަދީޘްތަކަކީ ޞައްޙަ ޙަދީޘްކަމަށް ހެކިވެވަޑައިގެންނެވިއެވެ. އަދި އެހަތަރު ޙަދީޘްގައިވެސް ރަނގަޅުވެފައިވަނީ އިމާމް ބުޚާރީ ރަޙިމަހުﷲ ގެ ބަސްފުޅެވެ. އެއީ އެހަތަރު ޙަދީޘަކީވެސް ޞައްޙަ ޙަދީޘްކަމަށެވެ.

އަލްއިމާމް ބުޚާރީ މިފޮތް ލިޔުއްވުމަށް ތިން ސަބަބެއް މެދުވެރިވި ކަމުގައި އެކަލޭގެފާނު ވިދާޅުވެއެވެ. އިބްނު ޙަޖަރު ރަޙިމަހުﷲ ލިޔުއްވާފައިވާ “ހަދުޔުއް ސާރީ” ގައި މިސަބަބުތައް ބަޔާންކޮށްފައިވެއެވެ.

ފުރަތަމަ ސަބަބު: އިމާމް ބުޚާރީ ރަޙިމަހުﷲ ގެ ކުރިން ލިޔުއްވާފައިވާ ޙަދީޘްފޮތްތައް އެކަލޭގެފާނަށް ފެނިވަޑައިގަތީ އެފޮތްތަކުގައި ޞަޙީޙް ޙަދީޘާއި ޙަސަނު ދަރަޖައިގެ ޙަދީޘާއި ޟަޢީފް ޙަދީޘްތައް އެފޮތްތަކުގައި ޖަމާކޮށްފައި ވަނިކޮށެވެ. އެހިނދު އިމާމް ބުޚާރީ މުޅިން ޞައްޙަ ޙަދީޘް އެއްފޮތެއްގައި ޖަމާކުރުމުގެ ނިޔަތުގައި މަސައްކަތްފެއްޓެވީއެވެ.

ދެވަނަ ސަބަބު: އެކަލޭގެފާނުގެ ޢަޒުމަށް އިތުރު އާރޯކަމެއް ގެނެސްދިނީ، އެކަލޭގެފާނުގެ އުސްތާޛް އިސްޙާޤް ބުން ރާހޫޔާ ރަޙިމަހުﷲ (އ. 238ހ.) ގެ ކިބައިން އިވުނު ބަސްފުޅަކުންނެވެ. އިސްޙާޤު ވިދާޅުވިއެވެ. “ތިޔަބައިމީހުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތުގެ ޞައްޙަ ފޮތެއް ޖަމާކުރާނަމައެވެ.” މިބަސްފުޅާ ބެހޭގޮތުން އިމާމް ބުޚާރީ ވިދާޅުވެފައިވެއެވެ. “މިބަސްފުޅުގެ ސަބަބުން ތިމަންގެ ހިތުގައި އެކަންކުރަމުގެ ޝައުޤުވެރިކަން އުފެދި، ‘އަލްޖާމިޢުއް ޞަޙީޙް’ (އެބަހީ ޞަޙީޙުލް ބުޚާރީ) ޖަމާކުރުމަށް ފެށީމެވެ.”

ތިންވަނަ ސަބަބު: އިމާމް ބުޚާރީ ވިދާޅުވެފައިވެއެވެ. ތިމަން ހުވަފެނުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ދެކުނީމެވެ. ތިމަން އެކަލޭގެފާނުގެ ކުރިމަތިފުޅުގައި ހުރެގެން، ތިމަންގެ އަތުގައިވާ ފަންކާއަކުން އެކަލޭގެފާނުގެ ހަށިކޮޅުން މެހިފަދަ ތަކެތި  އެކަހެރިކުރަނީއެވެ. މިހުވަފެނުގެ ވާހަކަ ބައެއް ހުވަފެން ތަޢުބީރުކުރާ މީހުންކައިރިން އެހިހިނދު އެބައިމީހުން ބުންޏެވެ. “ތިބާ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ މައްޗަށް ހެދޭ ދޮގުތައް އެކަހެރިކުރާނެއެވެ.” މިއީ ތިމަން ޖާމިޢު (އެބަހީ ޞަޙީޙުލް ބުޚާރީ) ނެރުމަށް މެދުވެރިކުރި ސަބަބެވެ.

އެހެންކަމުން، މިތިން ޙާދިޘާއަކީ އިމާމް ބުޚާރީ ރަޙިމަހުﷲ އެކަލޭގެފާނުގެ ޞަޙީޙު އެއްކުރެއްވުމަށް މެދުވެރިކުރުވި ސަބަބުތަކެވެ.

އެކަލޭގެ ފާނު މި ކުރެއްވި ބޮޑު މަސައްކަތައް އެތައް ޢިލްމުވެރިންނެއްވަނީ ޘަނާ ކިޔާފައެވެ. އިބްނުއް ސުބުކީ ރަޙިމަހުﷲ “ޠަބަޤާތުއް ޝާފިޢިއްޔަތުލް ކުބްރާ” ގައި ވިދާޅުވެފައިވެއެވެ. “އެކަލޭގެފާނު (އެބަހީ އިމާމް ބުޚާރީ) ގެ ފޮތް އަލްޖާމިޢުލް ޞަޙީޙް ދަންނައެވެ. އެއީ ﷲގެ ފޮތަށް ފަހު އިސްލާމްދީނުގައިވާ އެންމެ ފުރިހަމަ، މަތިވެރި ފޮތެވެ.”

ބުޚާރީއާއި މުސްލިމްގެ ދެޞަޙީޙް އާ ބެހޭގޮތުން އިބްނުއް ޞަލާޙް ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “އެދެބޭކަލުންގެ ދެފޮތަކީ، ޢަޒީޒްވަންތަ ﷲގެ ފޮތަށްފަހު އެންމެ ޞައްޙަ ދެފޮތެވެ.” އޭގެފަހުގައި ވިދާޅުވެފައިވެއެވެ. “އިމާމް ބުޚާރީގެ ފޮތަކީ ދެފޮތުންކުރެ އެންމެ ޞައްޙަ އަދި ފައިދާ ބޮޑު ފޮތެވެ.”

ޞަޙީޙް މުސްލިމްގެ މުޤައްދިމާގެ ޝަރަޙްގައި އިމާމް ނަވަވީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ޢިލްމުވެރިން އިއްތިފާޤުވެވަޑައިގެންފައިވާގޮތުގައި ކީރިތި ޤުރުއާނަށްފަހު އެންމެ ޞައްޙަ ފޮތަކީ ބުޚާރީއާއި މުސްލިމްގެ ދެޞަޙީޙުއެވެ.”

އެކަލޭގެފާނު ދުނިޔެ ދޫކުރެއްވިތާ 1183 އަހަރުވީއެވެ. އެކަލޭގެފާނު މި ދިނިޔެދޫކުރެއްވި ކަމުގައި ވިޔަސް މި އުންމަތައް އެކޮށްދެއްވި އަގު ބޮޑު މަސައްކަތް ދެމި އޮންނާނެކަން ކަށަވަރެވެ. އަދި އެ މަސައްކަތުން އޭގެ ފަހުން އައިހާބަޔަކު މިދަނީ ފައިދާ ހާޞިލް ކުރަމުންނެވެ. އެކަލޭގެ ފާނު އެކޮށްދެއްވި ބުރަ މަސައްކަތަކީ ފަހުންއަންނާނެހާ ބަޔަކަށްޓަކައި ކޮށްދެއްވި މަސައްކަތެވެ. މާތްﷲ އެކަލޭގެ ފާނުގެ މަސައްކަޔުގައި ބަރަކާތްލައްވާ އެކަލޭގެ ފާނަށް ޖެޔޮޖަޒާދެއްވާށި! އަދި ސުވަރުގޭގައި އެފަދަ މާތް ބޭކަލުންނާއެކުގައި ވުމުގެ ހެޔޮތަޢުފީޤް އަޅަމެނަށް ދެއްވާށި! އާމީން

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް