މިއަދަކީ މިއަހަރުގެ ޝަހީދުންގެ ދުވަހެވެ. ކޮންމެ އަހަރަކުވެސް ޝަހީދުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ ޝަޢުބާންމަހުގެ ފުރަތަމަ ދުވަހެވެ. ޝަހީދުންގެ ދުވަސް ފާހަގަކުރަނީ ދީނާއި ޤައުމަށްޓަކައި ޖާނާއި މާލުން ޤުރުބާންވެ ޝަހީދުވެގެން ގޮސްފައިވާ ގައުމީ އަބްތާލުންގެ ހިދުމަތްތަކުގެ ހަނދާންކޮށް އެ އަބްތާލުންގެ ޒިކުރާ އާކޮށް އަދި އެހާދިސާ ތަކުން ޢިބްރަތް ޙާޞިލުކުރުމަށްޓަކެވެ.
"ދިވެހި ރާއްޖޭގެ ޝަހީދުންގެ ދުވަސް ފާހަގަ ކުރަމުންދާއިރު، އެމާތް އަބްޠާލުންގެ މަތިވެރި ޤުރްބާނީތަކުން އަޅުގަނޑުމެން ހިތްވަރު ލިބިގަންނަން ޖެހޭ. މާތް الله އެ ހިތްވަރު ގަދަ އަބްޠާލުންގެ ފުރާނަފުޅަށް ރަޙްމަތް ލައްވާށި!" ޝަހީދުންގެ ދުވަހާއި ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.
ހިޖުރައިން 965 ވަނަ އަހަރު ދިވެހި ގައުމަށް ޓަކައި ދުޝްމަނުންގެ ބިޔަ ލަޝްކަރާ ކުރިމަތިލައްވާން ނުގުޑާފަދަ ޢަޒުމާއެކު އަލިރަސްގެފާނު، އޭނާގެ ކުޑަ ލަޝްކަރާއެކު ނިކުމެވަޑައިގެންނެވީ ޝަޢުބާންމަހުގެ ފުރަތަމަ ދުވަހުގެ ހެނދުނުގެ ވަގުތުގައެވެ.
ޕޯރޗްގީޒުންނާ ދެކޮޅަށް ކުރެވެން ފެށި ހަނގުރާމައިގައި ދިވެހި ލަޝްކަރުގެ ޢަދަދު މަދުކަމާއެކު، ދިވެހީންގެ ލެއިން ހަނގުރާމައިގެ މައިދާން ފޯވަމުންދިޔައެވެ. އެހެން ނަމަވެސް އެންމެ ފަހު ވަގުތާ ޖެހެންދެންވެސް މި ދިވެހިގައުމު ޕޯޗްގީޒުންގެ އަތް ދަށުން ރައްކާތެރިކޮށް ސަލާމަތް ކޮށްދިނުމަށްޓަކައި ކަށިން ހިތްވަރު ނެރެ އަލި ރަސްގެފާނު މަސައްކަތް ކުރެއްވިއެވެ. އަލިރަސްގެފާނުގެ ފަހުނޭވާ ހަނގުރާމައިގެ މައިދާނަށް ދޫކުރެއްވައި ޝަހީދުވެގެންދިޔައީ ޕޯޗުގީޒުންގެ ތެރެއިން މީހަކު ފޮނުވާލި ހަމަލާއެއް އަލިރަސްގެފާނުގެ ހަށިކޮޅާއި އަމާޒުވެގެންނެވެ.
އަލިރަސްގެފާނު ޝަހީދުވުމާއެކު ޕޯޗުގީޒުންގެ ދިދަ މިދިވެހި ބިމުގައި އުފުލާލައި އެބައިމީހުންގެ އަޅުވެތިކަމުގެ ދަށަށް ރާއްޖެ ގެންދިޔައެވެ. މިގޮތައް މިކަން ދިމާވީ އަމިއްލަ އެދުމައިގެން ދިވެއްސެއް ޤައުމަށް ޚިޔާނާތްތެރިވެ ޕޯޗުގީޒުންނާއި ގުޅިގެން ހަނގުރާމަ ކުރުމުގެ ސަބަބުނެނެވެ.
ޕޯޗްގީޒުންގެ އަޅުވެތިކަމުގެ ދަށުގައި 15 އަހަރު ހޭދަކުރުމަށްފަހު ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެ މިނިވަންކޮށް ސަލާމަތް ކޮށްދެއްވީ ޢައްސުލަޠާޒް މުޙައްމަދު ތަކުރުފާނުލް އަޢްޒަމް ނުވަތަ އުތީމު ބޮޑުތަކުރުފާނެވެ.
މިއަދު ރާއްޖޭގައި ޝަހީދުންގެ ދުވަސް ފާހަގަކުރާއިރު މާތްވެގެންވާ އިސްލާމް ދީނާއި ގައުމު މިނިވަންކަންމަތީ އަބަދުގެ އަބަދަށް ލެއްވުމަށް އަޅުގަނޑުމެން އެންމެން ދުއާ ކުރަންޖެހެއެވެ. ބޭރުގެ ގައުމުތަކާއި ގުޅިގެން ކުރާ މަސައްކަތް ތަކުގައި އަޅުގަނޑުމެންގެ މި ދިވެހި ގައުމަށް ހިޔާނާތްތެރި ނުވެ މަސައްކަތް ކުރަންޖެހެއެވެ.
ޝަހީދުންގެ ދުވަހުގެ ނަމުގައި އަޅުގަނޑުމެން ފާހަގަކުރާ ދުވަހަކީ، އަލިރަސްގެފާނު ޝަހީދުވި ދުވަހެވެ. ދުޢާއަކީ މާތްﷲ އަލިރަސްގެފާނަށާއި ދިވެހި ގައުމަށްޓަކައި އެކި ގޮތްގޮތުން ޝަހީދުވެދިޔަ ދިވެހި ދަރިންނަށް ސުވަރުގެ މިންވަރުކޮށްދެއްވުމެވެ.




