މި މަހުގެ 17 ގައި ބޭއްވި އިންޑޮނީޝިއާގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވައި، ދިވެއްސެއްގެ އަންބަކު މަޖިލީހުގެ މެމްބަރު ކަމަށް ހޮވިވަޑައިގެންފި އެވެ.
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން އެކުއެކީގަ ކުރިއަށް ގެންދިޔަ މިއިންތިޚާބުގެ ވަގުތީ ނަތީޖާދައްކާގޮތުން އިންޑޮނީޝއާގެ މިހާރުގެ ރައީސް ޖޯކޯ ވިދޯދޯ ދެ ވަނަ ދައުރަކަށް އިންތިޚާބު ވެވަޑައިގަންނަވާނެ އެވެ. އަދި މަޖިލީހުގެ އަޣުލަބިއްޔަތު ވެސް ލިބުނީ ވެރިކަން ކުރާ ކޯލިޝަނަށެވެ.
ރާއްޖޭގެ ތައުލީމީ ދާއިރާގެ ވަޒީފާއެއްގައި އުޅުއްވާ އަހްމަދު ޚަލީމްގެ އަނބިކަނބަލުން އުމުރުން 45 އަހަރުގެ ތަތީ ރަހުމަވަތު މިގޮނޑި ކާމިޔާބުކުރީ ޕީކޭޖީ ޓިކެޓްގައި ނުކުންނަވައެވެ.
އަހްމަދު ޚަލީމް، ތަތީއާ ކައިވެނި ބައްލަވައިގަތީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ.
ޖުމްލަ 180 ކެންޑިޑޭޓުން ކުރިމަލީ ޖަކާޓާ ސައުތުން ހޮވީ އެންމެ ނުވަ ކެންޑިޑޭޓުންނެވެ. މިނުވަ ކެންޑިޑޭޓުންގެ ތެރޭގައި ތަތީ ހިމެނިވަޑައިގެންނެވިއިރު މިއިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު 400.000 އަށްވުރެ ގިނަ މީހުންނަށް ލިބިފައިވެއެވެ.
އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާންކުރާ ގޮތަށް ހަމަޖައްސާފައި ވަނީ އަންނަ މަހުގެ 22 ގަ އެވެ.
މިކާމިޔާބީގެ އަސްލަކީ ރާއްޖޭގައި ކެމްޕޭންކުރާ ގޮތަށް ދޮރުން ދޮރަށް ހިނގާ ވަޢުދުތަށް ކިޔައިދިނުންކަމުގައި ތަތީގެ ފިރިކަލުން ޚަލީމްވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ވިހެއުމާ ގުޅިގެން އަންހެނުންނަށް ދޭ ޗުއްޓީ އިތުރު ކުރާނެ ކަމުގެ ވައުދު ކެމްޕޭންގައި ވަރަށް ހިނގި ކަމަށެވެ.
ސެޕްޓެމްބަރު މަހުގައި މަޖިލީސް ހުޅުވުމާއެކު ރާއްޖެއާއި އިންޑޮނޭޝިއާގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މަސައްކަތް ތަތީ ކުރައްވަން ފައްޓަވާނެކަމަށް ޚަލީމް ވިދާޅުވެފައިވާއިރު ދެޤައުމުގައި އެމްބަސީ ހުޅުވުންއެއީ ތަތީގެ ފުރަތަމަ އަމާޒުކަމަށްވެސް ޚަލީމް ވިދާޅުވިއެވެ.




ހިޔާލު
Congratulations Thathee