އީޕީއެލް - ސިޓީއިން ފަރަގު ކުޑަކުރިއިރު ޔުނައިޓް ބަލިނުވެ 10 މެޗު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލްގެ މައްޗަށް 3-1 އިން ކުރިހޯދައި މެންޗެސްޓާ ސިޓީން ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލްއާ ދެމެދު އޮތް ފަރަގު 03 ޕޮއިންޓަށް ކުޑަކޮށްފިއެވެ.

ލިވަޕޫލް އެއް ވަނައިގައި އޮތީ 24 މެޗުން 61 ޕޮއިންޓާ އެކު އެވެ. ރޭގެ މޮޅާ އެކު ސިޓީ އަލުން ދެ ވަނަ އަށް ޖެހިލީ 25 މެޗުން 59 ޕޮއިންޓް ހަމަކޮށްގެންނެވެ. ލިވަޕޫލް މިރޭ ރަށުންބޭރުގައި ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެނަމަ އެ ޓީމަށް ފަސް ޕޮއިންޓުގެ ލީޑުދެމެހެއްޓޭނެ އެވެ.

މިދިޔަ އަންގާރަ ދުވަހުގެރޭ ރަށުންބޭރުގައި ނިއުކާސަލް ޔުނައިޓެޑް އަތުން ބަލިވުމުން ސިޓީ ރޭގެ މެޗަށް ނުކުތީ މޮޅުވެ، އަލުން ފޯމަކަށް އެޅުމުގެ އަމާޒުގަ އެވެ. މެޗު ފަށައިގެން 46 ސިކުންތުގެތެރޭގައި ސިޓީ އަށް ލީޑުނަގައިދިނީ ރޭގެ މެޗުގައި ހެޓްރިކެއް ހެދި ސާޖިއޯ އަގުއޭރޯ އެވެ.

ސިޓީ އަށް ލީޑު ހިފަހައްޓާލެވުނީ 10 މިނިޓް ވަންދެނެވެ. މެޗުގެ 11 ވަނަ މިނިޓްގައި އާސެނަލްގެ ކެޕްޓަން ލޯރެންޓް ކޮޝިއެލްނީ ވަނީ އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. ލަނޑާ އެކު އާސެނަލަށް ހަމަޖެހުމެއް ލިބި ރަނގަޅަށް ކުޅެން ފެށި އެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ސިޓީން ވަނީ އަލުން ލީޑުނަގައިފަ އެވެ. ރަހީމް ސްޓާލިން އޭރިއާ ތެރެއިން ދިން ބޯޅަ އަގުއޭރޯ ވަނީ ފަސޭހަކަމާ އެކު ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ދެ ވަނަ ހާފުގައި ސިޓީން ކޮންޓްރޯލް ނަގައިގެން އާސެނަލް ހާފުގެ ތެރޭގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނުއިރު، އަގުއޭރޯ އޭނާގެ ހެޓްރިކް ފުރިހަމަކުރީ މެޗުގެ 61 ވަނަ މިނިޓްގަ އެވެ. މިއާ އެކު އަގުއޭރޯ މުޅި ސީޒަނުގައި ޖެހި ގޯލުގެ އަދަދު ވަނީ 20 އަށް އަރައިފަ އެވެ.

ރޭ ރަށުން ބޭރުގައި ލެސްޓާ ސިޓީ އަތުން 1-0 އިން ހޯދި މޮޅާ އެކު މެންޗެސްޓާ ޔުނައިޓެޑް ވަނީ އާ ކޯޗު ސޯލްޝެއާއާއެކު ބަލިނުވެ 10 ހަމަކޮށްފައެވެ. މިދިހަ މެޗުގެ ތެރެއިން 9 މެޗުން ޔުނައިޓެޑް މޮޅުވެފައިވާއިރު އެއްމެޗު ވަނީ އެއްވަރުވެފައެވެ. އަދި ޔުނައިޓެޑް ޖުމްލަ 25 ގޯލް ޖަހާފައިވާއިރު ބައިކޮޅަށް 7 ގޯލް ވަދެފައިވެއެވެ. އަދި ރޭގެ މޮޅާއެކު މެންޗެސްޓާ ޔުނައިޓެޑް ވަނީ ތާ ވާވަލް ފަސް ވަނަ އަށް ޖެހިލައިފަ އެވެ.

ސޯލްޝެއާގެ ސައްތަ އިން ސައްތަ ރެކޯޑަށްވުރެ އޭނާގެ އަސްލު ކާމިޔާބީއަކީ ސަޕޯޓަރުންގެ މޫނުމަތިން ފެންނަ ހިތްހަމަޖެހުމުން ކަމަށް ޔުނައިޓެޑްގެ ކުރީގެ ކޯޗު އެލެކްސް ފާގަސަންވެސް ވަނީ މީގެކުރިން ބުނެފައެވެ. އަދި މި ސީޒަނުގެ ނިޔަލަށް ވަގުތީ ކޯޗަކަށް ސޯލްޝެއާ ހުރި ނަމަވެސް އޭނާގެ އެއްބަސްވުން ދާއިމީ ކުރަން ޔުނައިޓެޑުގެ ވެރިން މަޝްވަރާކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ލެސްޓާ ދަނޑުގައި ކުޅުނު މެޗުގައި ރޭ ޔުނައިޓެޑް މޮޅުކޮށްދިން ލަނޑު ޖެހީ މެޗުގެ ނުވަ ވަނަ މިނިޓްގައި މާކަސް ރެޝްފޯޑް އެވެ. މި މެޗުގެ ދެ ވަނަ ހާފުގައި ނަތީޖާ ހަމަހަމަ ކުރަން ލެސްޓާގެ ރަޝީދު ގެޒާލް އާއި ޖޭމީ ވާޑީ ފޮނުވާލި ބޯޅަތައް ހުއްޓުވީ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް