ބޯސްޗްގެ ކޮވިޑް 19 ޑިވައިސް: ހުރިތަނަކުން ސާންޕަލް ނަގާ އަވަހަށް ނަތީޖާ ދައްކާލާ!

މިހާރު ދުނިޔެއަށް ފެތުރިފައިވާ ކޮރޯނާ ވައިރަސް އަށް ލެބޯރަޓަރީއެއްގެ ބޭނުމެއް ނެތި މާފަސޭހައިން ޓެސްޓުކޮށް އަވަހަށް ނަތީޖާ ދައްކާލާ އާދަޔާ ހިލާފު ޕޯޓަބަލް ޓެސްޓިން ޑިވައިސް އެއް ޖަރުމަނުގެ ޓެކްނެލޮޖީ ކުންފުންޏެއް ކަމަށްވާ "ބޯސްޗް" އިން އުފައްދައިފިއެވެ.

 

"ބޯސްޗް ވިވަލިޓިލް އެނާލިސިސް" ގެ ނަމުން ނަންދީފައިވާ މި ޑިވައިސް ބޯސްޗް ކުންފުނިން އުފެއްދީ އެންމެ ހަހަފްތާ ތެރޭގައެވެ. މިއީ މީހަކު ހުރިތަނަކުން ސާންޕަލް ނަގާ އެމީހާ ހުރީ ކޮވިޑް-19 އަށް އިންފެކްޓް ވެފައިކަން ނުވަތަ ނޫންކަން މަދުވެގެން ދެގަޑި އިރާއި ބައިގެ ތެރޭގައި ހާމަކޮށްދޭ ޕޯޓަބަލް ޑިވައިސް އެކެވެ.

މި ޑިވައިސް އިން ކޮވިޑް-19ގެ އިތުރުން ތަފާތު 9 ބައްޔަށް ޓެސްޓު ކުރެވެއެވެ. އޭގެ ތެރޭގައި އިންފުލުއެންޒާ A އަދި B ހިމެނެއެވެ. ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)ގެ ކޮރޯނާ ވައިރަސް ޓެސްޓިން މިންގަޑަށް ފެތޭ މި ޑިވައިސް އިން 24 ގަޑި އިރު ތެރޭ 10 ޓެސްޓް ހަދާލެވެއެވެ. އޭގެ މާނައަކީ މީގެ 100 ޑިވައިސް އިން 1000 ޓެސްޓް ދުވާލެއްގެ މައްޗަށް ހަދާލެވޭނެއެވެ.

"ބޯސްޗް ވިވަލިޓިލް އެނާލިސިސް" މަސައްކަތް ކުރާގޮތް:

"ބޯސްޗް ވިވަލިޓިލް އެނާލިސިސް" ޑިވައިސްގައި ކާޓްރިޖެއްވެސް ހިމެނެއެވެ. މި ކާޓްރިޖް ބޭނުން ކުރާނީ ބަލިމީހާ ގައިން ސާންޕަލް ނެގުމަށެވެ. ސާންޕަލް ނަގަނީ ބަލިމީހާގެ ނޭފަތުންނާއި ގޮހޮރުގެ ތެރެއިންނެވެ. ދެން ސާންޕަލް ހިމެނޭ މި ކާޓްރިޖް ލައްވަނީ ވިވަލިޓިލް އެނާލިސިސް ޑިވައިސް އަށެވެ. ނަތީޖާ ދައްކަން މަދުވެގެން 2 ގަޑި އިރާއި ބައި ހޭދަވާއިރު މި ވަގުތުގައި ޑޮކްޓަރުނާއި ނަރުހުންނަށް ބަލިމީހާގެ އެހެން ކަންކަމުގައި އުޅެވޭނެއެވެ. މާނައަކީ ވަގުތު ސަލާމަތް ކުރެވި ޓެސްޓް ހެދުމުގެ ތަޖުރިބާ ނެތް މީހަކަށްވެސް މި ޑިވައިސް ބޭނުން ކުރެވޭނެވެ.

މި ޑިވައިސް އާއި ގުޅޭ ގޮތުން ބޯސްޗްގެ ބޯޑް އޮފް މެނޭޖްމެންޓުގެ ޗެއާމަން ޑރ ވޮލްކްމަރު ޑެނާ ވިދާޅުވީ "ބޯސްޗް ވިވަލިޓިލް އެނާލިސިސް" ފުލީ އޮޓޮމޯޓެޓް ޑިވައިސްގެ މަގުސަދަކީ ކޮރޯނާ ވައިރަސް ފެތުރުން ހުއްޓުވުމުގައި މުހިންމު ރޯލެއް ކުޅުމެވެ. އެގޮތުން މި ޑިވައިސް އިން ކޯވިޑް 19 އަށް ޕޮޒިޑިވުވާ މީހާ އަވަހަށް ދެނެގަނެވި އަވަހަށް އެމީހަކު އައިސޮލޭޑް ކުރުން ފަސޭހަ ކޮށްދެއެވެ.

ކޮރޯނާ ވައިރަސް އަށް ކުރޭވޭ ޓެސްޓް އަވަސް ކޮށްދީ މިބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް މަގުފަހިކޮށްދޭ މި ޑިވައިސް މިމަހު ޖަރުމަނުގެ މާކެޓަށް ނެރެވޭނެ ކަމަށާއި އަދި އޭގެ ފަހުން ޔޫރަޕްގެ މާކެޓަށްވެސް ނެރޭނެ ކަމަށް ބޯސްޗް އިން ބުނެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ