އައިވަރީ ކޯސްޓުގެ ވިޔަފާރީގެ މައި މަރުކަޒު އަބިޖާނުގައި ކޮވިޑް-19 އަށް މީހުން ޓެސްޓު ކުރުމަށް ހަދައިފައިވާ ޓެސްޓިން ސެންޓަރަކަށް ހަމަލާދީ އެތަން ހަލާކު ކޮށްލައިފިއެވެ.
ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ މި ސެންޓަރަށް ހަމަލާދީ މިތަން ހަލާކު ކޮށްލައިފައިވަނީ ރައްޔިތުން ދިރިއުޅޭ ސަރަހައްދާއި މާކައިރީގައި މިތަން ހަދައިފައިވާކަމަށްބުނެ އެކަމާއި ހިތްހަމަ ނުޖެހިގެންނެވެ.
މީސްމީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ހިތްހަމަ ނުޖެހިގެން އެއްވި މީހުންވަނީ ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ހަދައިފައިވާ ސެންޓަރަށް ހަމަލާދީ ބިމާ ހަމަކޮށްލައިފައެވެ. އަދި އެސަރަހައްދުގައިވާ ދުއްވާ ތަކެއްޗަށްވެސްވަނީ ދަގަނޑުބުރިން ހަމަލާދީފައެވެ.
މިމައްސަލައިގައި އައިވަރީ ކޯސްޓުގެ ސިއްހީ ވުޒާރާއިން ބުނެފައިވަނީ ހަމަލާދީ ހަލާކުކޮށްލި ސެންޓަރަކީ ހަމައެކަނި ކޮވިޑް-19 ޖެހިފައިވާ މީހުން ދެނެގަތުމަށް ޓެސްޓުތައް ހެދުމަށް ބޭނުންކުރާ ތަނެއް ކަމަށެވެ. އަދި އެތަނަކީ ކޮވިޑް-19 ޖެހިފައިވާ މީހުންނަށް ފަރުވާކުރުމަށް ހަމަޖައްސައިފައިވާ ތަނެއް ނޫންކަމަށެވެ.
ކޮވިޑް-19 އައިވަރީ ކޯސްޓުގައި ފެތުރުން ހުއްޓުވުމުގެ ގޮތުން އެގައުމުން މިހާރުވަނީ ކާފިއު އިއުލާން ކޮށް އަބިޖާނު ފުރަބަންދު ކޮށްފައެވެ.




