ޖޯސެފް ސޫރަލް އަލަނަޔަސްޕޯއަށް ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ޓާކޮޝް ފުޓްބޯލް ނިއުސް

ބަސް އެކްސިޑެންޓަށްފަހު ފަރުވާ ދެމުން ދަނިކޮށް ޗެކްރިޕަބްލިކްގެ ޖޯސެފް ސޫރަލް މަރުވެއްޖެ

ބަސް އެކްސިޑެންޓަށްފަހު ފަރުވާ ދެމުން ދަނިކޮށް އަލަނަޔަސްޕޯއަށް ކުޅެމުންއަންނަ ޗެކްރިޕަބްލިކްގެ ޖޯސެފް ސޫރަލް މަރުވެއްޖެއެވެ.

އަވޭ މެޗަކަށްފަހު އެނބުރި އައުމުގެ ތެރޭގައި ހިނގި މިއެކްސިޑެންޓްގައި އުމުރުން 28 އަހަރުގެ ޖޯސެފް ސޫރަލްގެ އިތުރުން އެޓީމުގެ އިތުރު ހަ ކުޅުންތެރިއަކަށްވަނީ އަނިޔާވެ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އޭގެތެރޭގައި އިނގިރޭސި ޤައުމީ ޓީމަށް އެއްމެޗު ކުޅެދީފައިވާ ސްޓީވަން ކޮލްކާއާއި ޕަޕިސް ސިސޭ ހިމެނެއެވެ.

ކޭސެރިސްޕާއާއި ބައްދަލުކޮށް 1-1 ގެ ނަތީޖާއަކުން އެއްވަރު މެޗުގައި ސޫރަލްހުރީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައެވެ. އަދި އެމެޗުގައި ސޫރަލް ކުޅެފައެއް ނުވެއެވެ. އަލަނަޔަސްޕޯގެ ލަނޑު ޖަހައިދިނީ މިދިޔަ ޖެނުއަރީމަހު އެޓމާއި ގުޅުނު ކޮލްކާއެވެ.

މިހާދިސާ ހިނގިކަމަށްބުނާ މިނީ ބަސް - ފޮޓޯ: މިރާ

އާދިއްތަ ދުވަހުގެ މެޗަށްފަހު މިހަތް ކުޅުންތެރިން އެނބުރި އަންނަން ވީއައިޕީ މިނީ ބަހެއް ކުއްޔަށް ނެގިކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި މިބަސް އެކްސިޑެންޓްވިއިރު މިބަސް ދުއްވަންހުރި ހުރި ދެޑްރައިވަރުންނަށްވެސްވަނީ ނިދިފައިކަމަށް ތުރުކީގެ ރިޕޯޓުތައް ބުނެއެވެ. އަދި މިހާދިސާއާއި ގުޅިގެން ބަސް ދުއްވަންހުރި ދެޑްރައިވަރުންނާ ސުވާލުކޮށް މިމައްސަލަ ތަޙުޤީގުކުރަމުން އަންނަކަމަށް މަޢުލޫމާތު ލިބެއެވެ.

ޓީމުގެ ބާކީ އެހެން ކުޅުންތެރިންނާ އަދި އޮފިޝަލުން އެނބުރިއައީ ޓީމު ބަހުގައާއި އަމިއްލަ އުޅަނދުތަކުގައެވެ.

ޗެކްރިޕަބްލިކްގެ ޤައުމީ ޓީމަށް 20 މެޗު ކުޅެދީފައިވާ ސޫރަލް ޤައުމީ ޓީމަށް އެއްލަނޑު ކާމިޔާބުކޮށްދީފައިވެއެވެ. އަދި ސޫރަލްއަކީ ދެދަރިންގެ ބައްޕައެކެވެ. އަމިއްލަ ޤައުމު ދޫކޮށް ތުރުކީއަށް ސޫރަލް ބަދަލުވީ މިދިޔަ ޖެނުއަރީ މަހުއެވެ. ސްޕާޓާ ޕްރެގޫއަށް ކުރިން ކުޅެދިން ސޫރަލް ސްލޮވަން ލިބެރެކްގެ އިތުރުން އެފްސީ ބްރްނޯއަށްވެސް ކުޅެދީފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް