ނަގުދު ފައިސާއާއި ގޮވާމުގެ ބާވަތްތަކުން މިއަހަރުގެ ފިތުރުޒަކާތް ބަލައި ނުގަންނާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ކޯވިޑް-19ގެ ލައިވް ކަވަރޭޖުގައި ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އައްޝައިޙް ނަޞްރުﷲ ޢަލީ ވިދާޅުވީ މި ދަނޑިވަޅުގައި ނަގުދު ފައިސާއާއި ގޮވާމުގެ ބާވަތްތަކުން ޒަކާތް ނެގުމަށް ނިންމާފައިނުވިނަމަވެސް ރަމަޟާން މަހުގެތެރޭގައި، ކޯވިޑް-19ގެ ބަލިމަޑުކަމަށް ހައްލެއް އައިސްފިނަމަ އެ އެންތިޒާމްވެސް ހަމަޖައްސަވާނެކަމަށެވެ.
އަދި މިގޮތަށް ނިންމާފައިވަނީ ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޯވިޑް-19އާ ގުޅިގެން ރާއްޖޭގައިވެސް މިހާރު މިބަލި އޮތުމުގެ ސަބަބުން ރައްކާތެރިވުމުގެ ފިޔަވަޅެއްގެގޮތުގައިކަމަށްވެސް އެމިނިސްޓްރީއިން ވިދާޅުވިއެވެ.
އެހެންކަމުން މިހަރު ފިތުރުޒަކާތް ދައްކަން ހަމަޖެހިފައިވަނީ އޮންލައިންކޮށާއި އެސްއެމްއެސް މެދުވެރިކޮށްކަމަށްވެސް ނަޞްރުﷲ ވިދާޅުވިއެވެ.
އެހެންނަމަވެސް މިއަހުރުގެ ފިތުރު ޒަކާތަށް ދައްކަންޖެހޭ އަގުތަކެއް އެ މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.
ރާއްޖެއިން މިހާތަނަށް 19 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، އޭގެތެރެއިން 13 މީހަކު މިހާރުވަނީ ރަނގަޅުވެފައެވެ. އަދި މިހާރު ރާއްޖޭގައި ފަރުވާ ދެމުން އަންނަނީ އިނގިރޭސިވިލާތުން އައި 4 ދިވެއްސަކަށެވެ. ބާކީ ތިބި ދެ މީހުން އެ ބައްޔަށް ޕޮޒިޓިވްވިކަން އެނގުނީ ރާއްޖެއިން ފުރައިގެން ދިޔަ ފަހުންނެވެ.ރާއްޖެއިން ބޭރުގައި ހަތަރު ދިވެއްސަކު މިހާރުވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން ފާހަގަކޮށްލެވެއެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅަމުންދާއިރު، މިހާތަނަށް 30 އަށް ވުރެ ގިނަ ނިންމުންތައް ނިންމާފައިވާކަން ފާހަގަކޮށްލެވެއެވެ.




