ކްލިކް ކޮލެޖްގެ މިދިޔައަހަރުގެ ދަސްވެނިވުން ރާ ބާއްވައިފިއެވެ.
އެސޯސިއޭޝަން ފޯ ބިޒްނަސް އެގްޒެކެޓިވް (އޭބީއީ ޔޫކޭ) ގެ އެކި ލެވެލްތަކުން ކްލިކް ކޮލެޖުން މިދިޔަ އަހަރު ދެ ދަރިވަރަކު އެއްވަނަ ހޯދާފައިވެއެވެ. އެއީ ނައުރާ މޫސާ މަނިކާއި އާއިޝަތު އަޝާ އަބްދުއްރަޝީދެވެ.
އޭބީއީ އިމްތިހާނުގައި 100 އަށް ވުރެ ގިނަ ގައުމުން 50،000 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވެއެވެ.
ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި 80 އަށްވުރެގިނަ ދަރިވަރުންވަނީ ދަސްވެނިވިފައެވެ. ޑިސްޓިންކްޝަން އެވޯޑާއި އެންމެ ފާހަގަކުރެވޭ ލެކްޗަރާއިންނަށްވެސް މިރަސްމިއްޔާތުގައި އެވޯޑްވަނީ ދެވިފައެވެ. ސެޓްފިކެޓް ލެވެލް އިން ފެށިގެން ބެޗެލާސް ފެންވަރުގެ ކޯސްތަކުން 86 ދަރިވަރަކު ކްލިކް ކޮލެޖުން މިދިޔައަހަރު ދަސްވެނިވެފައިވެއެވެ.
ރޭގެ ރަސްމިއްޔާތު ޝަރަފުކޮށްދެއްވާފައިވަނީ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް އެވެ. ދަސްވެނިވުމުގެ ހަފުލާ އަކީ ކޮންމެ ދަރިވަރަކު ވެސް ވަރަށް ފަޚުރުވެރިވާނެ ވަގުތެއް ކަމަށާއި އެއީ ދަރިވަރުންނާއި ބެލެނިވެރިންނާއި ޓީޗަރުންގެ އެތައް ގުރުބާނީ އަކާއި ބުރަ މަސައްކަތް އަންގައިދޭ ކަމެއް ކަމަށް މިހަފްލާގައި ވާހަކަ ދައްކަވަމުން ޝިދާތާ ވިދާޅުވިއެވެ.
ދަސްވެނިވުމަކީ އާ ފެށުމެއްކަމަށާއި ދިރިއުޅުމުގައި ކޮންމެ ދުވަހަކުވެސް އާ ކަންތައްތަކެއް ދަސްވެ ނަގންޖެހޭ ޒިންމާ ބޮޑުވާނެކަމަށްވެސް ޝިދާތާ ވިދާޅުވިއެވެ.
މިނިސްޓަރުގެ ހަޔާތުގެ އެންމެ ފާހަގަ ކޮށްލެވޭ ދުވަސްތަކަކީ މަތީ ތަޢުލީމު ޙާސިލުކުރުމަށް ކޮލެޖުގައި އުޅުއްވި ދުވަސްތައްކަމަށްވަނީ ބުނެފައެވެ. އަދި އަބަދުވެސް އާކަންކަން ދަސްކުރުމަށް ރިސްކު ނަގަން މިނިސްޓަރު ވިދާޅުވިއިރު ބޭނުންވާ ކަންތައްތައް ޙާސިލުކުރަން މަސައްކަތްކުރަންވެސް މިނިސްޓަރު ގޮވާލެއްވިއެވެ.
"ކާމިޔާބީގެ ދަތުރަކީ އަބަދު ފަސޭހަވާނެ ދަތުރެއް ނޫން. ދަތުރުގައި ގޮންޖެހުންތަކާ ދިމާވާނެ. އެކަމަކު ދަސްވި ކަންތައްތައް ބޭނުން ކުރަން އެނގުމަކީ ކާމިޔާބީގެ އަސްލު،" ޝިދާތާ ވިދާޅުވި އެވެ.
ކިޔެވި އެއްޗެއްގެ ބޭނުން ފުރިހަމަގޮތުގައި ހިފައި މަސައްކަތުގެ މައިދާނަށް ނިކުމެ ކަންކަމަށް ވަކާލާތުކޮށް، މޮޅުވާންޖެހޭކަމަށް މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކްލިކް ކޮލޖްގެ ރައީސް ޑރ. ނައުޝާދު މުޙައްމަދު ވިދާޅުވިއެވެ. އަދި ޑިގްރީއެއް ޙާސިލްކުރުމުން ނިމުނީއަކީ ނޫންކަމަށްވެސް ނައުޝާދުވަނީ ވިދާޅުވެފައެވެ.
އަދި މެލޭޝިއާގެ ޔުނިވާސިޓީއެއްގެ ޕްރޮގްރާމްތައް ކްލިކް ކޮލެޖުގައި ވަރަށް އަވަހަށް ފަށާނެކަމަށް ނައުޝާދުވަނީ ވިދާޅުވެފައެވެ. އެޕްރޮގްރާމްތަކުގައި ބައިވެރިވެރިވުމުގެ ފުރުސަތު ހުޅުވާލާނީ އަންނަ ސެޕްޓެމްބަރުމަހު ކަމަށްވެސް ވިދާޅުވިއެވެ.
ކްލިކް ކޮލެޖުގައި ހިންގާ ހެރިއޮޓްވަޓް ޔުނިވާސިޓީގެ އިމްތިޚާނުން 93 ޕަސެންޓު ދަރިވަރުން ފާސްވިކަން ނައުޝާދު ފާހަގަކުރެއްވިއެވެ.