ފަނަންޑޯ ލޮރެންޓޭ - ފޮޓޯ: ސްޕޯޓް.ނެޓް

އަޔޭކްސް ބަލިކުރަން ބޭނުންނަމަ ޓޮޓޭންހާމް އެބަޖެހޭ ކުޅުން ރަނގަޅުކުރަން : ލޮރެންޓޭ

ޗެމްޕިއަންސް ލީގު ސެމީގައި މިރޭ ޓޮޓޭންހާމް އަދި އަޔޭކްސް ބައްދަލުކުރާއި ޓޮޓޭންހާމްއިން އަޔޭކްސް ބަލިކުރަން ބޭނުންނަމަ ކުޅުން މިއަށްވުރެ ރަނގަޅު ކުރަންޖެހޭކަމަށް ޓޮޓޭންހާމްއަށް ކުޅެމުން އަންނަ ސްޕެއިންގެ ފާނަންޑޯ ލޮރެންޓޭ ބުނެފިއެވެ.

ލޮރެންޓޭ މިހެން ބުނެފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ވެސްޓްހާމް އަތުން ޓޮޓޭންހާމް ބަލިވި މެޗަށް އިޝާރަތްކޮށެވެ. އެމެޗު ފިޔަވައި ޓޮޓޭންހާމްގެ އާ ސްޓޭޑިއަމްގައި ކުޅުނު ހުރިހާ މެޗަކުން ޓޮޓޭންހާމްވަނީ މޮޅުވެފައެވެ. މިމެޗުގެ ކުރިން މިސްޓޭޑިއަމްގައި ކުޅުނު ހަތަރު މެޗުންވެސް ޓޮޓޭންހާމްވަނީ މޮޅުވެފައެވެ. އާ ސްޓޭޑިއަމްގައި ދަމަހައްޓަމުން އައި 100 ޕަސެންޓް ރެކޯޑު ގެއްލުނީ ހޮނިހިރު ދުވަހު ވެސްޓްހާމްގެ މިޝައިލް އެންޓީނިއޯ ޓޮޓޭންހާމް ކޮޅަށް ވައްދާލި ލަނޑާއެކުގައެވެ. އެމެޗުން ޓޮޓޭންހާމް ދަށްވީ 0-1 ގެ ނަތީޖާއަކުންނެވެ.

ޓޮޓޭންހާމް ދަނޑުގައި ކުޅެވޭ މިދެޓީމު ބައްދަލުކުރާ ސެމީ ފައިނަލްގެ ފުރަތަމަ މެޗު މިރޭ ފަށާނީ ރާއްޖޭ ގަނޑިން 00:00 ގައެވެ.

ވެސްޓްހާމް އަތުން ބަލިވި މެޗަކީ ލިބުނު ފިލާވަޅެއްކަމަށާއި އަޔޭކްސް ބަލިކުރަން ބޭނުންނަމަ އެރޭދެއްކި ކުޅުމަށްވަރު ރަނގަޅު ކުޅުމެއް ޓޮޓޭންހާމް ފަރާތުން ފެންނަން ޖެހޭކަމަށް ލޮރެންޓޭވަނީ ބުނެފައެވެ.

ސިޓީ މެޗުގައި ލޮރެންޓޭ ލަނޑުޖަހަނީ - ފޮޓޯ: ފޮކްސް ސްޕޯޓްސް

ޓޮޓޭންހާމް ޗެމްޕިއަންސް ލީގުގެ ސެމީއަށް ދަތުރުކުރީ ސިޓީއަތުން 4-3 ގެ ނަތީޖާއަކުން ބަލިވި މެޗުގެ 73 ވަނަ މިނަޓްގައި ލޮރެންޓޭ ކާމިޔާބުކޮށްދިން ލަނޑާއެކުގައެވެ. އެގްރިގޭޓް 4-4 އެއްވަރުވި މިމެޗުން ޓޮޓޭންހާމްއަށް ކުރި ލިބުނީ އަވޭ ގޯލުގެ ތަފާތުންނެވެ.

މިރޭގެ މެޗުން ލޮރެންޓޭ ފެނުން ގާތްއިރު ފުރުޞަތު ލިބިއްޖެނަމަ ކުޅެވޭ އެންމެ ރަނގަޅަކަށް ކުޅެ ލަނޑެއްޖެހޭތޯ މަސައްކަތްކުރާނެ ކަމަށް ލޮރެންޓޭވަނީ ބުނެފައެވެ. ކުޑަހުޅަށް ލިބިފައިވާ އަނިޔާއަކާއި ގުޅިގެން ޓޮޓޭންހާމްގެ ހެރީ ކޭން މިރޭގެ މެޗުގައި ނުކުޅޭއިރު ކުއާޓާ ފައިނަލްގައި ދެއްކި ރީނދޫކާޑާއެކު ސަސްޕެންޝަންއާ ކުރިމަތިވެފައިވާ ސޮންވެސް މިރޭގެ މެޗުން ނުފެންނާނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ