އެމް.ޑީ.ޕީގެ ޗެއާރޕާރސަން އިންތިޙާބު 2017 ގެ ތެރެއިން - ފޮޓޯ: އެމްޑީޕީ

ޕާޓީގެ އަސާސީ ގަވާއިދުގެ އެންމެ އަކުރަކާވެސް ޚިލާފު ނުވާނަން – ނަޝީދު

އެމްޑީޕީގެ އަސާސީ ގަވާއިދުގެ އެންމެ އަކުރަކާވެސް ޚިލާފު ނުވާނެކަމަށް، އެމްޑީޕީގެ ރައީސް، ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބައެއް ދާއިރާތައް އަދާލަތު ޕާޓީއަށް ދޫކޮށްލުމާމެދު ބަހުސް ކުރުމަށް މިއަދު ބޭއްވި ނުރަސްމީ ގައުމީ މަޖިލީހުގެ ބައްދަލުވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

"އަޅުގަނޑު އެކަން ކުރަން މި ޖެހެނީ ޕާޓީގެ ލިޔެފައި އޮތް ހިންގާ ގަވާއިދާ އެއްގޮތަށް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ޕާޓީގެ އަސާސީ ގަވާއިދުގެ އެންމެ އަކުރަކާ ވެސް، އެންމެ ފޮޅުވަތަކާ ވެސް، ލަފްޒަކާ ވެސް، ބަހަކާ ވެސް، އަޅުގަނޑު ޚިލާފެއް ނުވާނަން" ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ 87 ދާއިރާގެ ތެރެއިން ނިލަންދޫ ދާއިރާ ފިޔަވައި އެހެން ހުރިހާ ދާއިރާތަކަކަށް ވާދަކުރަން ނިންމައި ޕްރައިމަރީން އިންތިހާބުވި ކެންޑިޑޭޓުންނާ ޓިކެޓް ހަވާލުކޮށްފައި ވަނިކޮށް ބައެއް ދާއިރާތައް ދޫކޮށްލުމަކީ އިންސާފުވެރި އަދި ޑިމޮކްރެޓިކް ހަމައިން ކުރެވޭނެ ކަމެއްތޯ ނޫސްވެރިޔަކު ދެންނެވުމުން ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނުގެ ވާޖިބަކީ އެމްޑީޕީއަށް އެންމެ ގިނަ ގޮނޑިތައް ކާމިޔާބުކޮށްދިނުން ކަމަށެވެ.

ވޭތުވެދިޔަ ދެ އިންތިޚާބުގައި އެމްޑީޕީއަށް ގޮނޑިތައް ހޯދައިދޭން އަމަލީ ގޮތުން މަސައްކަތް ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންފައި ނުވާކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، މި އިންތިޚާބުގައި އެ މަސައްކަތް ކުރައްވަން ހުސްވެވަޑައިގެން ހުންނެވި ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ މިފަހަރު އެމްޑީޕީއަށް "އާދަޔާޚިލާފު" ކާމިޔާބީއެއް ހޯއްދަވައިދެއްވާނެ ކަމަށްވެސް ނަޝީދު މިއަދު ވިދާޅުވިއެވެ.

ނަޝީދަކީ އެއް ބޭފުޅަކަށް އެންމެ ބޮޑު ތާއީދެއް އޮންނަ ރާއްޖޭގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ އެއް ލީޑަރެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ