ޕީޕީއެމް ހިންގުން އެ ޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ހަވާލުކޮށްދިނުމަށް އެދި ޕީޕީއެމްގެ އާންމު ދެ މެމްބަރުން ކަމަށްވާ ގދ. ތިނަދޫ ބީޗްރެސްޓް، އަހުމަދު ރަޝީދު އަދި ލ. ގަން ތުނޑި ހަވި، އަލީ އަހުމަދުގެ ފަރާތުން، ސިވިލް ކޯޓަށް ހުށަހެޅި ދެ މައްސަލަ ނުބެލޭނެ ކަމަށް ނިންމައި، އެ ދެ މައްސަލަ ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.
އެ ދެ މައްސަލަ ސިވިލް ކޯޓަށް ނުބެލޭނެ ކަމަށް ބުނެ ޕީޕީއެމްގެ ފަރާތުން ސުޕްރީމް ކޯޓަށް ޝަކުވާ ހުށަހެޅުމުން ސުޕްރީމް ކޯޓުން ކުރިން ވަނީ އެ މައްސަލާގެ އިޖްރާއީ އަޑުއެހުމެއް ބާއްވައިފައިވާއިރު، އެ މައްސަލައިގައި ސްޕްރީމް ކޯޓުން މިއަދު އިއްވި ހުކުމުގައި ވިދާޅުވެފައިވަނީ، ޕީޕީއެމްގެ އާންމު ދެ މެމްބަރުން ސިވިލް ކޯޓަށް ހުށަހެޅި ދެ މައްސަލައަކީ ވެސް ސުޕްރީމް ކޯޓުން ކުރިން ހައްލުތަކެއް ދީފައިވާ މައްސަލަތަކާ ގުޅިގެން ހުށަހެޅި ދެ މައްސަލަ ކަމަށެވެ.
ސްޕްރީމް ކޯޓުގެ ހުކުމުގައި ވިދާޅުވެފައިވަނީ، މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާފައި ހުރި ނިންމުންތައް އަލުން ދަށު ކޯޓުތަކުން ނުބެލޭނެ ކަމަށާއި، އެ ދެ މައްސަލަ ބެލުމުގެ އިހްތިސާސް ސިވިލް ކޯޓަށް ލިބިގެންނުވާ ކަމަށެވެ. އެހެންވެ އެ ދެ މައްސަލައިގެ ދައުވާ ފޯމް ބާތިލްކޮށް، އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރެއްވީ ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވި އެވެ.
ހުކުމުގައި އިތުރަށް ވިދާޅުވެފައިވަނީ، ޕީޕީއެމް ހިންގުން އެ ޕާޓީގެ ކުރީގެ މުސްތަޝާރު އަދި އެ ޕާޓީގެ މިހާރުގެ ރައީސް އަބްދުﷲ ޔާމީނާ ހަވާލުކުރަން ސިވިލް ކޯޓުން 2016 ވަނަ އަހަރު ކުރި ހުކުމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް އޭރު ތާއީދު ކޮށްފައިވާ ކަމަށާއި، އޭގެ ފަހުން މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ޕީޕީއެމްގެ ޚާއްސަ ކޮންގްރެސްގައި ނިންމި ނިންމުންތައް ވެސް ސައްހަކަމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވާ ކަމަށެވެ. ކުރީގެ ރައީސް މަޢުމޫނަށް ޕީޕީއެމް އަލުން އަނބުރާ ލިބެން ނެތްކަމަށް ޤަބޫލުކުރެވުނު ހިސާބުން މަޢުމޫން ގެންދަވަނީ އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރައްވަމުންނެވެ. ނަމަވެސް ޕީޕީއެމް އަނބުރާ މަޢުމޫނަށް ހޯދައިދިނުމަކީ ރައީސް ޞޯލިޙްގެ ރިޔާސީ ވައުދެކެވެ.