އިންޑިއާގެ އެކްސްޓަރނަލް މިނިސްޓަރަކާއެކު ރައީސް ޞޯލިޙް - ފޮޓޯ: ރައީސް އޮފީސް

ސިވިލް ސަރވަންޓުން ތަމްރީނުކުރުމަށް އިންޑިއާއިން އެހީތެރިވަނީ

ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް މަސައްކަތު ހުނަރާއި ހިންގުމުގެ ޤާބިލުކަން އިތުރުކުރުމަށް އިންޑިއާއިން ތަމްރީނާއި ތަޖްރިބާ ހާސިލްކުރެވޭނެ އިތުރު ފުރުސަތުތައް ފަހިކޮށްދެއްވުމަށް މަސައްކަތް ކުރައްވަމުންގެންދަވާ ކަމުގައި ރާއްޖެއަށް ކަނޑައެޅިފައިހުންނެވި އެމްބެސެޑަރ ހިޒް އެކްސަލަންސީ މިސްޓަރ އަކްލޭޝް މިޝްރާ ވިދާޅުވެއްޖެއެވެ.

އަކްލޭޝް މިހެންވިދާޅުވީ އެމްބެސެޑަރ ގެ ދައުރު ހަމަކުރެއްވުމަށްފަހު ރާއްޖެއިން ފުރާވަޑައިގަތުމުގެކުރިން ވަދާއީ ބައްދަލުވުމެއްގެ ގޮތުން އިއްޔެ ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް އާއި ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ޑރ. އިބްރާހިމް ޒުހުރީއާއި އެކު އިންޑިއަން އެމްބަސީގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިންޑިއާގެ އެޑްމިނިސްޓްރޭޓިވް ސްޓާފް ކޮލެޖްގެ ފަރާތުން ދިވެހި ސިވިލް ސަރވިސްގެ އަންހެންމުވައްޒަފުންނަށް ޙާއްސަކުރެވިގެން ލީޑަރޝިޕް އަދި ޗޭންޖްމޭކާރސް ގެ ހުނަރު ދަސްކޮށްދިނުމުގެ ތަމްރީނަކާއި އިންޑިއާގެ މަސޫރީ ސްޓޭޓްގައި ހުންނަ ސެންޓަރ ފޯ ގުޑް ގަވަނަންސްގެ ފަރާތުން 2 ހަފްތާގެ ޙާއްސަ ތަމްރީން ޕްރޮގްރާމެއް މެދުފަންތީގެ ސިވިލްސަރވިސްޓުންނަށް ހަމަޖައްސަވައިދެވޭތޯ މިހާރު މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށާއި މި 2 ތަމްރީނު ޕްރޮގްރާމުން ގާތްގަޑަކަށް 50 ހަކަށް ސިވިލް ސަރވަންޓުން ތަމްރީނުކުރެވޭނެ ކަމަށް އުންމީދުކުރައްވާ ކަމުގައި އަކްލޭޝްގެ ވާހަކަފުޅުގައި ވަނީ ފާހަގަ ކުރައްވާފައެވެ.

ސިވިލް ސަރވިސް ކޮމިޝަނާއި އިންޑިއާގެ އެޑްމިނިސްޓްރޭޓިވް ޕީޓީއޯ ސްޓާފް ކޮލެޖް އާއިދެމެދު ފަހުމުނާމާއެއް އެކުލަވާލެވި މިހާރު ދަނީ އަމަލުކުރެވެމުން ކަމަށާއި، މި ފަހުމުނާމާގެ މަޤްސަދަކީ ސިވިލް ސަރވިސްގެ ކަންކަން ހަރުދަނާކުރުމަށް ސިވިލްސަރވަންޓުންނަށް ތަމްރީނާއި ތަޖްރިބާ ހާސިލްކުރުމުގެ ފުރުސަތުތައް ފަހިކުރުމުގައި 2 މުއައްސަސާގެ ދެމެދުގައި އެއްބާރުލުން އިތުރުކޮށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށްވެސް އަކްލޭޝްގެ ވާހަކަ ފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ..

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ