ކޮޕަ ޑެލް ރޭ ސެމިފައިނަލްގެ ފުރަތަމަ ލެގް ގައި މިރޭ ރެލްމެޑްރިޑާއި ދެކޮޅަށް ނިކުންނަ ބާސާގެ ސްކޮޑްގައި މެސީ ހިމަނާފައިވީ ނަމަވެސް، މެސީއަށް މިމެޗު ކުޅެވޭނެކަން ޔަޤީންވާނީ އެންމެ ފަހު ވަގުތުގައިކަމަށް އެޓީމުގެ ކޯޗު ވަލްވާޑެ ބުނެފިއެވެ.
ހޮނިހިރު ދުވަހު ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުގައި މެސީއަށް އަނިޔާވިއިރު އެމެޗުގައި ބާސާއިންޖެހި ދެ ލަނޑުވެސް ޖަހައިދިނީ މެސީއެވެ. އެމެޗް ނިމުނީ 2-2ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެގެންނެވެ.
ހޯމަ ދުވަހުގެ ޓްރެއިނިންގގައި މެސީ ބައިވެރި ނުވާއިރު ޖެހިގެންއައި އަންގާރަ ދުވަހު ހިނިތުންވުމާއެކު ކުދިކުދި ކަސްރަތު ކޮށްލާ ހެދިއެވެ. 26 ލަނޑާއިއެކު އެލްކްސިކޯގައި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ ގޮތުގައި މެސީ އޮތްއިރު، 18 ލަނޑާޖައިގެން ދެވަނައި އޮތީ ރެލްމެޑްރިޑްގެ އަލްފްރެޑޯ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އަދި ތިންވަނާގައިއޮތް ރައުލްއަށް ޖެހިފައިވަނީ 15 ލަނޑެވެ.
ކުރިއަށް 25 ދުވަހުގެ ތެރޭގައި 3 އެލްކްސިކޯ ކުޅުމަށް ހަމަޖެހިފައިވާއިރު މިރޭ ކޭމްޕް ނޯ ގައި ކުޅެވިގެންދާނީ އޭގެތެރެއިން ފުރަތަމަ މެޗެވެ. އަދި ކޮޕަ ޑެލް ރޭ ސެމިފައިނަލްގެ ދެވަނަ ލެގް 28 ފެބްރުއަރީ ގައި ބާރނަބޮގައި ކުޅެވިގެންދާއިރު، ތިންވަނަ އެލްކްސެކޯއަކީ ސްޕެނިޝް ލަލީގާގެ މެޗެކެވެ. އެމެޗް ބާރނަބޮގައި ކުޅުމަށްހަމަޖެހިފައިވަނީ އަންނަމަހު 3 ގައެވެ.
މީގެ އިތުރުން ބާސާގެ އުސްމާނެ ޑެމްބެލެގެ ފަލަމަސް ގަނޑަށް ލިބުނު އަނިޔާ އަދި ވެސް މުޅިން ރަނގަޅުނުވާތީ މިރޭގެ މެޗު ނުކުޅެވޭއިރު، ރެއާލްގެ ޑިފެންޑަރ ޖީސުސް ވަލޭޚޯ ފިޔަވާ އެޓީމުގެ އެހެން ހުރިހާ ކުޅުންތެރިން މިރޭގެ މެޗަށް ފިޓްވާނެއެވެ.
މިމެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ ރާއްޖެ ގަނޑިން 1 ޖަހާއިރުއެވެ.