އަމިއްލަ ނަފްސަށް ސިއްޙީ ގޮތުން ދިމާވާ މައްސަލަތަކުގެ ތެރެއިން ކޮންމެ މީހަކުވެސް އެންމެ ފޫހިވާނެ ކަމަކީ އަނގައިން ނުބައިވަސް ދުވުމުވެ. އާއްމުކޮށް ކޮންމެ ދުވަހަކުވެސް އެކަކު އަނެކަކާ ދިމާވެ، މުޢާމަލާތް ކޮށް ހަދާއިރު، އަނގައިން ނުބައިވަސް ދުވުމަކީ އެކަކުވެސް ބޭނުންވާނެ ކަމެއް ނޫނެވެ.
އަނގައާއި، ދަތްޕިލަ ކިތަންމެ ސާފުކޮށް ގެންގުޅުނު ކަމުގައިވިޔަސް، ކާނާގެ ގޮތުގައި ބޭނުން ކުރެވޭ ބާވަތުގެ ސަބަބުން، އަނގައިން ނުބައިވަސް ދުވުމުގެ މައްސަލައާ ބައެއްފަހަރު ކުރިމަތިލާން ޖެހޭ ފަހަރު އާދެއެވެ. އެގޮތުން ފިޔައާއި އިނގުރަކީ، އެ ތަކެތި ކެއުމުން އަނގަތެރޭގައި ގިނައިރު އެތަކެތީގެ ވަސް ނުފިލާ ހަރުލާފައި ހުންނަ ދެ ބާވަތެވެ. މީގެއިތުރުން އަނގަތެރެ މާ ބޮޑަށް ހިކުމާއި އެކި ކަހަލަ ބޭސްތައް ބޭނުންކުރުމަކީވެސް އަނގައިން ނުބައިވަސް ދުވުމަށް މަގުފަހިވާ ކަމެކެވެ.
ނަމަވެސް މިކަމަށް ހައްލެއް އެބައޮތެވެ. އެގޮތުން މި ނަޒަރު ހިންގާލަނީ ގުދުރަތީ ބާވަތްތައް ބޭނުންކޮށްގެން އަނގައިން ނުބައިވަސް ދުވާ މައްސަލަ ހައްލުކޮށްދޭނެ 5 ގޮތެވެ.
1. ހަކުރު އަދި ގޮދަނުގެ ބާވަތްތައް ކެއުން މަދުކުރުން

ހަކުރު އަދި ގޮދަން ކެއުމުން އަނގަތެރޭގައި އެކި ބާވަތުގެ ބެކްޓީރިއާއި ފަންގަސްތައް އުފެދުމަށް އިތުރަށް މަގުފަހިކޮށްދެއެވެ. މި ދެ ބާވަތް ކެއުމުގެ ސަބަބުން އަނގައިގައި އުފެދޭ ފަންގަސް އެއް ކަމުގައިވާ "ޔީސްޓް" އަދި "ކެންޑިޑާ" އުފެދުމަށް މެދުވެރިވެއެވެ. މި ދެ ފަންގަސްގެ ސަބަބުން އަނގައިގާ ނުބައިވަސް ދުވުމަށް މަގުފަހިކޮށްދެއެވެ. އަދި މި ދެ ފަންގަސްގެ ކާނާ އަކީ ހަކުރު އަދި ގޮދަން ހިމެނޭ ބާވަތްތަކެވެ.
އެހެންކަމުން ހަކުރު އަދި ގޮދަން ހިމެނޭ ބާވަތްތައް ކެއުން މަދުކުރުމުން، އަނގައިން ނުބައިވަސް ދުވާ މައްސަލަ ހައްލުވީއެވެ.
2. "ގްރީން ޓީ" ބުއިން

އަނގައިން ނުބައިވަސް ދުވަނީނަމަ އެންމެ ފަސޭހަ ހައްލަކީ "ގްރީން ޓީ" ބުއިމެވެ. ދިރާސާތަކުން ދައްކާ ގޮތުގައި "ގްރީން ޓީ" ގައި "އެންޓިއޮކްސިޑެންޓް" ގެ ބާވަތެއްކަމުގައިވާ "ޕޮލީފެނޮލްސް" ހިމެނެއެވެ. "ޕޮލީފެނޮލްސް" އަކީ އަނގައިގައި ހުންނަ ކުޅުގައި އުފެދޭ ނުބައިވަސް ދުވުމަށް މެދުވެރިވާ "ސަލްފަރ" ބެކްޓީރިއާ ނެތިކޮށްލާ ބާވަތެކެވެ.
3. ލުނބޯ ފަނި

ލުނބޯ އަދި ފެނަކީވެސް އަނގައިގާ ނުބައިވަސް ދުވުމުން ދުރުކޮށްދޭނެ ދެ ބާވަތެވެ. އެގޮތުން ލުނބޯ ފަންޏަކީ، އަނގައިގާ އުފެދޭ ބެކްޓީރިއާ އާއި ފަންގަސްތައް ނައްތާލުމަށް އެހީވެދޭނެ ބާވަތެކެވެ. އަދި މީގެއިތުރުން، ލިނބޯ އަކީ އަނގަ ހިކުމުން ދުރުކޮށްދޭނެ ކަމެކެވެ.
މިއީ އާއްމުކޮށް އިނގުރު އަދި ފިޔާ ކެއުމުގެ ސަބަބުން އަނގައިގާ ދުވާ ނުބައިވަހުން ދުރުކޮށްދިނުމަށް ވަރަށް އެހީވެދޭނެ ކަމެކެވެ. ލިބޯ ފަނީގެ އިތުރުން ލިބޯ ފޮއްޗެއް ކާލުމުންވެސް މިކަމަށް ހައްލެއް ލިބުމަށް އެހީވެދޭނެއެވެ.
4. ތާޒާ މިންޓް ފަތް ކެއުން

މިންޓް ފަތުގައި ހިމެނޭ "ކްލޮރޮފިލް" ގެ މާއްދާތަކުގެ ސަބަބުން ބެކްޓީރިއާތައް އުފެދެން މެދުވެރި ކުރުވާ ބައެއް ކެމިކަލްތައް ނައްތާލައެވެ. މިންޓް ފަތަކީ، އަނގަތެރެ ތާޒާ ކޮށްދީ އަބަދުވެސ އަނގައިން ތާޒާ މީރުވަހެއް ފޯރުކޮށްދޭނެ ބާވަތެކެވެ. އެހެންކަމުން ތަރުކާރީ ޖޫހެއް ތައްޔާރު ކުރަނީ ކަމުގައިވާނަމަ، މިންޓް އަދި ޕާސްލީ ފަދަ ތަރުކާރީ ފަތްތައް ބޭނުންކުރުމަކީ ވަރަށް ބުއްދިވެރިގޮތެކެވެ.
5. ގިނައިން ފެން ބުއިން

އަނގަތެރެ ހިކުމަކީ، އަނގައިން ނުބައިވަސް ދުވުމަށް މެދުވެރިވާ އެންމެ ބޮޑު އެއްސަބަބެވެ. ސަބަބަކީ އަނގަތެރެ ހިކިކޮށް އޮތުމަކީ އަނގައިން ނުބައިވަސް ދުވުމަށް މެދުވެރިވާ އެކިކަހަލަ ބެކްޓީރިއާ އުފެދުމަށް މަގުފަހިވާކަމަކަށް ވާތީއެވެ.
އެހެންކަމުން ކޮންމެ ދުވަހަކުވެސް ގިނަގިނައިން ފެންބުއިމަކީ، މިފަދަ ބެކްޓީރިއާތަކުގެ ހަރަކާތްތައް ލަސްކޮށްދީ އިތުރަށް އުފެދުމަށް ހުރަސްއަޅޭނެ ކަމެކެވެ.