ބިޒްނަސް ކޮންވެންޝަންގައި ބައިވެރިވާން ހުޅުވާލައިފި

"ބިޒްނަސް ކޮންވެންޝަން" ގައި ބައިވެރިވާން އިކޮނޮމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.

ބިޒްނަސް ކޮންވެންޝަނަކީ ރާއްޖޭގައި ވިޔަފާރި ކުރަން ހުރި ދަތިތައް ސަރުކާރާ ހިއްސާކޮށް، އެކަންކަމަށް ހޯދިދާނެ ހައްލުތަކާމެދު މަޝްވަރާ ކުރުމަށް ބާއްވާ ކޮންވެންޝަނެކެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ، މިހިނގާ ފެބްރުއަރީ މަހުގެ 26-27 އަށް ދަރުބާރުގޭގައި ބާއްވާ ބިޒްނަސް ކޮންވެންޝަނުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

26 ވަނަ ދުވަހު ހެނދުނު 08:15 ގައި ފެށުމަށް ހަމަޖެހިފައިވާ މި ކޮންވެންޝަންގެ ސެޝަންތައް ކުރިއަށްދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އަކުން ހަވީރު 16:00 އަށް ކަމަށާއި، އެކި ދާއިރާތަކުން ވިޔަފާރިއާ ބެހޭ ކަރުދާސްތައް ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުޞަތު އޮންނާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވިއެވެ.

"ކޮންވެންޝަނުގައި ބައިވެރިވުމަށް ޖާގަ ތަންދޭ މިންވަރަކުން ރަޖިސްޓަރީ ކޮށްދެވޭ ފަރާތްތަކަށް، 14 ފެބްރުއަރީ 2019 ގެ ކުރިން، މި މިނިސްޓްރީން ވަކިވަކިން އަންގާނެ." އިކޮނޮމިކް މިނިސްޓްރީން ވިދާޅުވިއެވެ.

މި ކޮންވެންޝަނުގައި ބައިވެރިވާން ޝައުގުވެރިވެލައްވާ ފަރާތްތަކުން ނަމާއި، ދާއިމީ އެޑްރެސް، އަތޮޅާއި ރަށް، އަދި ވިޔަފާރި ކުރާ ފަރާތެއްނަމަ ވިޔަފާރީގެ ނަން އަދި ފޯނު ނަންބަރު 6 ފެބުރުވަރީ (މިއަދު) 14:00 ގެ ކުރިން އެ މިނިސްޓްރީންގެ އީމެއިލް [email protected]  އަށް ފޮނުއްވުމަށް އެ މިނިސްޓްރީން އެދިލައްވައެވެ.

"ބިޒްނަސް ކޮންވެންޝަން" ނިންމުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 27 ވަނަ ދުވަހުގެ ރެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ