ރޯދައަކީ ﷲ އަށް އިޚްލާސްތެރިވެގެން މެނުވީ ނުހިފޭނެ އެއްޗެކެވެ.

ރޯދައަކީ އިސްލާމްދީން އޭގެ މައްޗަށް ބިނާވެގެންވާ ފަސް ރުކުނުގެ ތެރެއިން 4 ވަނަ ރުކުނެވެ. ހިޖުރައިން ދެވަނަ އަހަރު މިއުންމަތަށް ރޯދަ ފަރްޟް ކުރައްވާ މާތް ﷲ ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. " އޭ އީމާންވި މީހުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް ފަރްޟް ކުރެއްވިފަދައިން ތިޔަބައިމީހުންގެ މައްޗަށް ރޯދަ ފަރްޟްކުރައްވައިފިއެވެ. އެއީ ތިޔަބައިމީހުން ތަޤްވާވެރިވުމަށްޓަކައެވެ."

ރޯދައަކީ ރޯދައަށް ނިޔަތްގަނެ ފަޖުރުގެ އަލިކަން ފާޅުވީއްސުރެ އިރުއޮއްސުމާއި ހަމައަށްދާންދެން ކެއުން ބުއިމުންނާއި ޝަޙުވާނީ އެދުންތަކުން ދުރުވެ ރައްކާތެރިވެހުރެމެވެ.

ރޯދައަކީ ތިމާ ހައްދަވާ ބޮޑުކުރައްވާ  މާތް ﷲ އާއި ދެމެދުގައިވާ ސިއްރަކަށް ވީހިނދު  މާތް ﷲ އަށް އިޚްލާސްތެރިވެގެންނޫނޫ ރޯދައެއް ނުހިފޭނެއެވެ. ތިމާ ރޯދައަށް ހުރިކަން އެނގޭނީ ތިމާއަށާއި ތިމާ ހެއްދެވި ޚާލިޤު ވަންތަ މާތް ﷲ އަށެވެ.

ތިމާ ހުރީ ރޯދައަށްކަން ދެއްކިގެ އެހެން މީހުންކުރިމަތީ އުޅެވިދާނެއެވެ. ރޯދައަށް ހުރެ ސިއްރު ސިއްރުން ކެއުމަށްފަހު އެކަން ސިއްރުކުރެވިދާނެއެވެ. ސިއްރު ނުވާނީ ހަމައެކަނި މާތް ﷲ އަށެވެ. އެހެންކަމަށް ވީހިނދު ރޯދަ ހިފޭނީ ތެދުވެރިވެ އިޚްލާސްތެރިވެގެންނެވެ. އަދި ރޯދައަށް ލިބޭ ޘަވާބާއި ދަރުމައަކީވެސް ވަރަށް މަތިވެރި ޘަވާބަކާއި ދަރުމައެކެވެ.

ޤުދުސީ ހަދީޘެއްގެ މާނާގައިވެއެވެ. ކީރިތި ރަސޫލާ މުޙައްމަދު ﷺ ހަދީޘްކުރެއްވިއެވެ. ގަދަ ކީރިތި ވަންތަ މާތް ﷲ ވަޙީކުރެއްވިއެވެ: ރޯދަފިޔަވައި އާދަމުގެ ދަރިޔާގެ ކޮންމެ ޢަމަލެއްވަނީ އޭނާއަށެވެ. ފަހެ ހަމަކަށަވަރުން ރޯދައަކީ ތިމަންރަސްކަލާނގެއަށް ޚާއްސަވެގެންވާ ކަމެކެވެ. އެކަމަށް ޖަޒާ ދެއްވާ ހުށީވެސް ތިމަން ރަސްކަލާންގެއެވެ. ރޯދައަކީ މީހާ ރައްކާތެރިކުރާ އައްޑަނައެކެވެ. ފަހެތިޔަބައިމީހުން ކުރެ މީހަކު ރޯދަހިފައިފި ދުވަހެއްނަމަ އޭނާ ހުތުރު ބަހުން ބަސްނުމޮށޭހުށިކަމެވެ! އަދި ގަދަ އަޑުން ވާހަކަ ދައްކައި ނުހަދާ ހުށިކަމެވެ! ފަހެ އޭނާއަށް މީހަކު އެއްޗެހި ގޮވައިފިނަމަ ނުވަތަ ތަޅާފޮޅައިގެންފިނަމަ ފަހެ އޭނާ ބުނާ ހުށިކަމެވެ! ހަމަކަށަވަރުން ތިމަން މިހުރީ ރޯދައަށެވެ.

ރޯދަވެރިޔާގެ އަނގައިގެ ވަސް، ﷲ ގެ ޙަޟްރަތުގައި ގޮމަކަސްތޫރި ވަހަށްވުރެ މާރަނގަޅެވެ.

ރޯދައަކީ ވަރަށް މަތިވެރި އަޅުކަމެކެވެ. ރޯދަވެރިޔާ އުފާކުރާ ދެއުފަލެއްވެއެވެ. ރޯދަ ވީއްލަފިނަމަ، އެރޯދަ ފުރިހަމައަށް ހިފައި ވީއްލިކަމަށްޓަކައި ކުރާ އުފަލެވެ. އަދި ވެރިރަސްކަލާންގެ ޙަޟްރަތަށް ޤިޔާމަތްދުވަހުން ދާހިނދު އޭނާ ހިފި ރޯދައިގެ ސަބަބުން އުފާ ލިބިގަތުމެވެ.

ރޯދައަކީ ހަވާ ނަފްސުގެ އެދުންތައް ބަލިކޮށް ނިކަމެތިކޮށްލުމަށް ކުރެވޭ ވަރުގަދަ ޖިހާދެކެވެ. ރޯދައަށްހުރެ ދޮގު ހެދުމާއި ހަޑިހުތުރު އެއްޗެހި ކިއުމާއި ދެބައޮޑުވުމާއި އަޑުގަދަކޮށް މީހުންނަށް ޖެއްސުންކުރުންފަދަ ކަންތައް ކުރުމަކީ ރޯދައިގެ ޙިކުމަތާއި މުޅިން ޚިލާފު ކަންތައްތަކެވެ. ރޯދައަށް ހުންނަމީހާ މާތް ﷲ ނަހީ ކުރައްވާފައިވާ އެންމެހާ ކަންތައްތަކުން ދުރުވެ ރައްކާތެރިވާން ޖެހޭނެއެވެ.

މިހިނގާ ރަމަޟާންމަހު އަޅަމެން މިހިފާ ރޯދައަކީ މާތް ﷲ ގެ ޙަޟްރަތުގައި ޤަބޫލުފުޅުކުރައްވާ، ޤިޔާމަތްދުވަހުން އޭގެން ފައިދާ ލިބިވަނި އެއްޗެއްގެ ގޮތުގައި މިރޯދަތައް ލައްވަފާންދޭވެ. އާމީން.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ