ރާއްޖެ އަންނަ ކްރޫޒްލައިންތަކަށް މާލެއިން ދޭ ހިދުމަތްތައް ރަނގަޅު ކުރަން، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް (މާޔާ) ގެ އިސް ނެގުމަކާއެކު ހާއްސަ މަސައްކަތްތަކެއް ސަރުކާރައި ގުޅިގެން ފަށައިފިއެވެ.
މާލޭގެ ބަނދަރަށް ވަންނަ ކްރޫޒްލައިނާތަކުން މާލެ ޒިޔާރަތްކުރާ ފަތުރުވެރިންނަށް ދޭ ހިދުމަތް ރަނގަޅު ކުރުމުގެ ގޮތުން ޓޫރިޒަމް މިނިސްޓްރީ އާއި އެމްޕީއެލް އަދި ފުލުހުންނާއި ސިޓީ ކައުންސިލުން އިއްޔެ ބައްދަލުކޮށް މަޝްވަރާތައްކޮށްފައިވާއިރު، އެ ބައްދަލުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.
ވެރިންގެ ބައްދަލުވުމަށްފަހު ކްރޫޒްލައިނާތަކުން މާލެއަށް ފައިބާ ޓޫރިސްޓުން ފާހާނާ ކުރަން ވަންނަ ފާހާނާތަކާއި އެ މީހުން ގޮވައިގެން އަންނަ އުޅަނދުތައް ކައިރިކުރާ ސަރަހައްދުތައް ވެރިން ވަނީ ބައްލަވާލައްވާފައެވެ.

"މިނިސްޓަރު އަލީ ވަހީދު ނޫނީ ކްރޫޒްލައިނާތަކުގެ ކަންކަމުގައި ދުވަހަކު ވެސް މި ގޮތަށް މިނިސްޓަރަކު ސައިޓް ވިޒިޓެއް ނުހައްދަވާ މި ވިޒިޓަށް ފަހު މިނިސްޓަރު ވެސް ވިދާޅުވި މިއީހެއްޔާ މާލެ ފައިބާ ޓޫރިސްޓުންނަށް ހިދުމަތް ދޭން ހުރި ވަސީލަތްތަކުގެ ހާލަތަކީ،" މާޔާގެ އޮފިޝަލަކު މީޑިއާގައި ވިދާޅުވެފައިވެއެވެ.
މާޔާއަކީ ފަތުރުވެރިކަމުގެ ދާއިރާގައި މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ޖަމްއިއްޔާއެކެވެ. އެ އެސޯސިއޭޝަނުން ރާއްޖެއަށް ސުޕަ ޔޮޓްތަކާއި ހައި ޕްރޮފައިލް މީހުން ގެންނައިރު، ރާއްޖެ އަންނަ ކްރޫޒްލައިނާތަކުގެ ކްރޫން މިހާރު ފައިބަން ޖެހެނީ މުދާ ކޮންޓެއިނާތަކުގެ ދަށުން އެމްޕީއެލް ސަރަހައްދަށެވެ.