އަމީނީމަގުގައި ހުންނަ ފިނޭންސް މިނިސްޓްރީގެ އިމާރާތުގެ ކައިރީގައި ވެހިކަލްތަކަށް ޕާކު ކުރެވޭނެ ގޮތް ހަދައި، އަމީނީމަގުގެ ބައެއްގައި ޕާކު ނުކުރެވޭ ގޮތަށް މާލޭ ސިޓީ ކައުންސިލުން ހަމަޖައްސައިފިއެވެ.
މިކަން ޙިއްސާކުރަމުން ސިޓީ ކައުންސިލުން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ދެފުރޮޅުލީ އުޅަނދުތަކަށް ފިނޭންސް ބިލްޑިންގެ ކައިރީ އޮންނަ ހުސް ޖާގައިގައި ޕާކްކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށެވެ. އަދި ފެން ބިލްޑިންގގެ އިރުމަތީ ކަންމަތިން ފެށިގެން، ގިޔާސުއްދީން ސްކޫލާ ހަމައަށް އަމީނީމަގުގައި ޕާކުކޮށްފައި ހުރި އުޅަނދުތައް ނަގާނެ ކަމަށްވެސް ބުނެފައިވެއެވެ.
އަލަށް ހެދި މިޕާކިން ޒޯންގައި 350 އެއްހާ ސައިކަލު ޕާކު ކުރެވޭނެކަމަށް މާލޭ ޑެޕިއުޓީ މޭޔަރު ސަމާއު ޝަރީފްވަނީ ވިދާޅުވެފައެވެ. އަދި މިޕާކިން ޒޯނަށް އަމީނީ މަގުން ވަދެވޭނެކަމަށް ވިދާޅުވިއެވެ.
ފިނޭންސް ބިލްޑިންގގެ ފުރަގަހުން، އާސަހަރާ ކުރިމައްޗަށްވާ ގޮތަށް، ހަތަރު ފުރޮޅުލީ ވެހިކަލް ޕާކް ކުރެވޭނެ ގޮތް ވެސް ހަމަޖައްސާނެ ކަމަށް މޭޔަރުވަނީ ވިދާޅުވެފައެވެ.
އޭނާ ވިދާޅުވީ މިއީ ރޯދަ މަހާ ދިމާކޮށް ގެނައި ބަދަލެއް ނޫން ކަމަށާއި ދާއިމީ ބަދަލެއް ކަމަށެވެ.