"އެކެޑަމީ" އަށް ދިވެހި ލަފުޒެއް، ދިވެހި ބަހުގެ އެކެޑެމީ އިން ހަދައިފިއެވެ.
އެގޮތުން "އެކެޑަމީ" އަށް ކަނޑައަޅާފައިވާ ދިވެހި ލަފްޒަކީ "ވިދާރާ" އެވެ.
މި ލަފުޒަށް ތިން މާނައެއް ކަނޑައަޅާފައިވާއިރު އެއީ "ވަކި ހާއްސަ ދާއިރާއަކުން ނުވަތަ ރޮނގަކުން އިލްމީ ދިރާސާތައް ކުރުމާއި އިލްމު ތަރައްގީކުރުމުގެ މަސައްކަތް ކުރުމަށްޓަކައި ގާއިމުކޮށްފައި ހުންނަ މުއައްސަސާ" އާއި "ހާއްސަ ރޮނގަކުން ކިޔަވައިދޭ ނުވަތަ ތަމްރީނުދޭ ތަނެއް" އަދި "އެކެޑަމީ" އެވެ.
ތަފާތު އެކި އިނގިރޭސި ބަސްތަކަށް ދިވެހި ލަފްޒުތައް ދިވެހި ބަހުގެ އެކެޑެމީން ހަދަމުން ގެންދާއިރު، ސީދާ އެކެޑެމީ އަށް ދިވެހި ބަހެއް ހަދާފައިނުވާތީ އެކަމާ ބައެއް ފަރާތްތަކުން މީގެކުރިން ވަނީ ފާޑުކިޔާފައެވެ.
ނަމަވެސް އެކެޑެމީ އަށް ކިޔާނެ ދިވެހި ލަފްޒެއް އެންމެފަހުން ހަދާފައިވާއިރު، މީގެކުރިން ދިވެހި ބަހުގެ އެކެޑެމީން ވަނީ ސޯޝަލް މީޑިޔާ އާއި ބްރިޖު ފަދަ ތަންތަނަށް ކިޔާނެ ދިވެހި ލަފްޒުތައް ވެސް ހަދައި އާއްމުކޮށްފައެވެ.




