5000 އެއްހާ ރައްޔިތުން މާލެއިން ފުރައިގެން ރަށް ރަށަށް ދިއުމަށް އެދިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ އަލީ ވަޙީދު ވިދާޅުވީ ލިބިފައިވާ ރިޕޯޓުތަކަށް ބަލާއިރު 5000 އެއްހާ ރައްޔިތުން މާލެއިން ފުރައިގެން ރަށް ރަށަށް ދިއުމަށް ރިކުއެސްޓު ކޮށްފައިވާ ކަމަށެވެ.
އަލީ ވަޙީދު އިތުރަށް ވިދާޅުވީ މާލޭގައި މިބަލި މިވަގުތު މިގޮތަށް އޮއްވައި މާލެއިން ފުރައިގެން ރަށް ރަށަށް ދިއުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށެވެ. އެހެންނަަމަވެސް ޒަރޫރީ ހާލަތްތަކެއް ދިމާވެފައިވާ އެތަކެއް ރައްޔިތުންތަކެއް ތިބީތީވެ މެނޭޖު ކަރަންޓީން އެއްގައި ކަރަންޓީނު ކުރުމަށްފަހު މި ޕްރޮސަސް ކުރިއަށް ގެންދަވާނެ ކަމަށެވެ.
5000 މީހުން ވީމައި މި ކަރަންޓީން ފެސިލިޓީ ތަކުގައި މެނޭޖު ކުރެވޭ ވަރަކުން ކުރިއަށް ގެންދަވާނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އަދި އިސްކަން ދޭނެ އުސޫލުތައް މިހާރު އެކުލަވާލެވިފައި ވާކަމަށާއި މިކަން ކުރިޔަށް ގެންދާނީ ލޯކަލް ގަވަރުމަންޓު އޮތޯރީޓިއާ ކައުންސިލްތަކާއި ގުޅިގެން ސައްހަ ލިސްޓެއްގެ މައްޗަށް ބަލައިގެން ކަމަށް އަލީ ވަޙީދު ވިދާޅުވިއެވެ.
ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 862 އަށް އަރާފައެވެ.



