ގުޅީފަޅު ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ސްޓެލްކޯއިން ވިދާޅުވީ، ކޮވިޑް-19 އާއި ގުޅިގެން ގުޅީފަޅުގައި ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިން ބޭތިއްބުމަށް ސަރުކާރުން ނިންމަވާފައިވާތީ ވެ، ގުޅީފަޅުގެ ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން ގުޅީފަޅަށް އިތުރު 1 މެގަވޮޓްގެ ޖެންސެޓެއް މިއަދު ގެންގޮސްފައިވާކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.
ކޮވިޑާއި ގުޅިގެން ގުޅީފަޅުގައި ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިން ބޭތިއްބުމަށް ސަރުކާރުން ނިންމަވާފައިވާތީ ވެ، ގުޅީފަޅުގެ ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި އިތުރު 1 މެގަވޮޓްގެ ޖެންސެޓެއް މިއަދު ވަނީ ގުޅީފަޅަށް ގެންގޮސްފައި. pic.twitter.com/NdRMEoetk0
— STELCO (@STELCOMALDIVES) May 12, 2020
ދިވެހިރާއްޖެއިން ކޮވިޑް-19 އަށް މިހާތަނަށް ޖުމްލަ 897 މީހަކު ޕޮޒިޓިވްވެފައިވާއިރު، އެންމެ ގިނަ އަދަދަކަށް ރާއްޖެއިން މިބަލި ޖެހިފައިވަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ މީހުންނަށެވެ. އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި ޖުމްލަ 492 ބަންގްލަދޭޝް މީހަކަށް މި ބަލި ޖެހިފައިވެއެވެ. ރާއްޖެއިން މިހާތަަށް މިބައްޔަށް ޕޮޒިޓިވްވެފައިވަނީ 302 ދިވެހިންނެވެ.
މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން 31 މީހަކު ބަލިން ރަނގަޅުވެފައި ވާއިރު، މި ބަލީގައި ތިން މީހަކު ވަނީ ނިޔާވެފައި ވެއެވެ.




