އިކޮނޮމިކް މިނިސްޓަރު ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ލޭނާރަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް - ފައްޔާޒު

ދިވެހިރާއްޖޭގެ އިގްތިސާދުގެ ލޭނާރަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ، ބޭންކިންގެ ހިދުމަތް ހޯދާ ފަރާތްތަކުގެ ދަރަނީގެ މައުލޫމާތު ލިބޭ ޕްލެޓްފޯމު އިފްތިތާހު ކުރުމަށް މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފައްޔާޒު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދުގެ މުހިއްމު ދައުރެއް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށްވާއިރު، އެ ވިޔަފާރިތަކަށް އޮތް އެންމެ ބޮޑު ހުރަހަކީ ބޭނުންނާ ފައިނޭންސް ނުލިބުން ކަމަށެވެ. ފައިސާގެ މައްސަލަ ހައްލު ކުރުމަށް ވަރަށް އަވަހަށް ސަރުކާރުން އެސްއެމްއީ ބޭންކެއް ތައާރަފް ކުރައްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފުޅާކޮށް ވަރުގަދަކުރުމަށް ގިނަ މަސައްކަތްތައް ކުރަމުން މި ދަނީ. އެފަދަ ވިޔަފާރިތަކަށް ހާއްސަ ޕޮލިސީއެއް ގާއިމް ކުރެވި، ހާއްސަކަމެއް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިނުމަށް އަޅުގަނޑުމެން މިދަނީ މަސައްކަތްތަކެއް ކުރަމުން،" އިކޮނޮމިކް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ރާއްޖޭގެ އާމްދަނީ އިތުރުކޮށް އިގްތިސާދު ކުރިއެރުވުމަށް ކަމަށާއި، ރާއްޖޭގެ ބޮޑެތި ކުންފުނިތައް ކުރިއަށް އޮތް ތަނުގައި ރާއްޖޭން ބޭރުގައި މަސައްކަތްކުރާތަން ދެކެން ބޭނުންވާ ކަމަށެވެ. އަދި އެކަމަށްވެސް އޮތް އެންމެ ބޮޑު ހުރަހަކީ ފައިސާ ކަމަށާއި، ބޭންކް އޮފް މޯލްޑިވްސް އިން އެކްސްޕޯޓް އިމްޕޯޓް ބޭންކެއްގެ ދައުރު ރާއްޖޭގައި އަދާކުރުން މުހިންމު ކަމަށްވެސް މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ދިވެހިރާއްޖެއަކީ ސަރަހައްދީ ގޮތުން މާލީ ދާއިރާއިން ފާހަގަކޮށްލެވޭ ގައުމަކަށް ވެވޭނެ ކަމަށެވެ. އަދި ވަކިން  ހާއްޞަކޮށް އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ރާއްޖެއަށް ބޮޑު ކުރިއެރުމެއް ހޯދޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ