ތުތި ބޯވަދިލަމަހެއް

ތުތި ބޯވަދިލަމަހުގެ މަސްވެރިކަން ކުރަން ދަސްކޮށްދެނީ

ދިވެހިރާއްޖޭގައި އަލަށް ފެށި މަސްވެރިކަމުގެ ބާވަތެއް ކަމަށްވާ ތުތި ބޯވަދިލަމަހުގެ މަސްވެރިކަން ދަސްކޮށްދިނުމަށް ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް ބާއްވަން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެފްރިކަލްޗަރ އިން ނިންމައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ، މި ތަމްރީނު ޕްރޮގްރާމަކީ ދިވެހިރާއްޖޭގެ ކަނޑުގެ މުއްސަނދިކަން އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރުމުގެ ގޮތުން ، ދިވެހިރާއްޖޭގެ މާކަނޑުގެ ފުން ސަރަހައްދުތަކުގައި ދިރިއުޅޭ ތުތި ބޯވަދިލަމަސް (ޑައިމަންޑް ބެކް ސުކުއިޑް) ގެ މަސްވެރިކަން އާލާކުރުމުގެ ގޮތުން މަސްވެރިކަން ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ ތަމްރީނު ތަކެއް ކަމަށެވެ.

"ދެ ދުވަހަށް ކުރިއަށް ގެންދާ މި ތަމްރީނު ދަތުރުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިއަރީ ސެޝަންތަކަކާއި، ޢަމަލީ މަސައްކަތްތަކެއްގެ މައްޗަށް ބަހާލައިގެން." ފިޝަރީޒް މިނިސްޓްރީން ވިދާޅުވިއެވެ.

މިހާރުވެސް މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އިތުރުން އަލަށް މަސްވެރިކަމަށް ނިކުންނަން ޝައުގުވެރިވާ ފަރާތްތަކަށްވެސް ހުޅުވާލެވިފައިވާ މި ތްމަރީނު ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

އަންނަ ޖޫން މަހު ބޭއްވުމަށް ހަމަޖެހިފައިވާ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މިނިސްޓްރީ އޮފް ފިޝަރީޒް އަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 2019 ޖޫން 13 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.

ފޯމާއެކު ހުށަހަޅަން ޖެހިވަޑައިގަންނަވާނީ ހަމައެކަނި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެވެ.

ތުތި ބޯވަދިލަމުގެ މަސްވެރިކަމަކީ ދާދި ފަހުން ރާއްޖެއަށް ތައާރްފަކުރި މަސްވެރިކަމުގެ ވައްތަރެކެވެ. ރަމަޟާން މަހާއި ދިމާކޮށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)  އިން ވަނީ ތުތިބޯވަދިލަމަސް ރާއްޖޭގެ މާކެޓަށް ނެރެފައެވެ.

ދިވެހި މަސްވެރިންގެ އަތުން މިފްކޯއަށް ތުތިބޯވަދިލަމަސް ކިލޯއެއް ގަންނަނީ 180ރ. އަށެވެ. މިފްކޯއިން ތުތިބޯވަދިލަ މަހުގެ އެކި ބައިތައް ވިއްކަނީ އެކި އަގުގައވެެ. އެ ގޮތުން އަގުތައް އުޅެނީ ކިލޯއެއް 160ރ. އާއި 250ރ. އަދި 250ގ. ކަޓްޕީސް 75.50ރ. ގައެވެ.

ތުތިބޯވަދިލަމަސް މަސްވެރިކަން ރާއްޖެ އަށް ތަޢާރަފްކުރުމަކީ މި ސަރުކާރުގެ 100 ދުވަހުގެ ވައުދެއްގެ ތެތޭގައި ހިމެނޭ ވައުދެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ