ގ. ވޭރު، އަބްދުލް މުހީތުގެ މަރުގެ މައްސަލައިގައި އިތުރު ދެމީހެއްގެ މައްޗަށް ކުށް ސާބިތުވެއްޖެއެވެ.
މި މައްސަލާގައި ކުށް ސާބިތުވެފަި ވަނީ ގދ. ގައްދޫ، އަބްލަޣީގޭ މުހުޖަތު އަހްމަދު ނާސިހު އާއި ޅ. ނައިފަރު، ޒައިތޫނިގެ މުހައްމަދު މައިމޫންގެ މައްޗަށެވެ.
ފެބްރުއަރީ، 2012 ގައި ފިނޭންސް މިނިސްޓްރީ ކުރިމަތީގައި ތޫނު އެއްޗެހިން ހަމަލާދީ މުހީތު މަރާލި މައްސަލައިގައި ދައުލަތުން ވަނީ ތިން މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާ އުފުލައިފަ އެވެ. އެއީ ސ. މަރަދޫ ސަލްޓަންވިލާ އަލީ މުޝައްފާއު އާއި ޅ. ނައިފަރު ޒައިތޫނިގޭ މުހައްމަދު މައިމޫންގެ އިތުރުން ގދ. ގައްދޫ އަބްލަޣީގޭ މުހުޖަތު އަހުމަދު ނާސިހެވެ.
ދައުވާކުރި ތިން މީހުންގެ ތެރެއިން މުޝައްފާއުގެ މައްޗަށް ކުށް ސާބިތުވެފައި ނުވާއިރު، ކުށް ސާބިތުވީ މައިމޫނާއި މުހުޖަތުގެ މައްޗަށެވެ. ނަމަވެސް އެ ދެމީހުންގެ މައްޗަށް އިއްވާނެ ހުކުމެއް އަދި ކަނޑަނާޅަ އެވެ.
މިހާރު އަމަލު ކުރަމުންދާ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން ކުށް ސާބިތުކުރާ އަޑުއެހުމާއި އަދަބު ކަނޑައަޅާ އަޑުއެހުމަކީ ވަކި ދެ އަޑުއެހުމެކެވެ. ކުށް ސާބިތުކުރުމަށް ބާއްވާ އަޑުއެހުމަށްފަހު އަދަބު ކަނޑައަޅަން އަޑުއެހުމެއް ވަކިން ބާއްވަން ޖެހެ އެވެ. އެ އަޑުއެހުމުގައި ދެ ފަރާތަށް ވެސް އަދަބާ ގުޅޭ ގޮތުން ވާހަކަ ދައްކަން ފުރުސަތު ލިބެ އެވެ. މައްސަލަ ބައްލަވާ ފަނޑިޔާރަކު އަދަބު ކަނޑައަޅާނީ އެއަށްފަހު އެވެ. މި ދެ އަޑުއެހުމުގެ ދޭތެރޭގައި 10 ދުވަސް ހޭދަވެ އެވެ.
މުހީތުގެ މަރުގެ މައްސަލާގައި ތިން ކުޑަ ކުއްޖަކާ ދެކޮޅަށް ޖުވެނައިލް ކޯޓުގައި ވެސް ދައުލަތުން ދައުވާކުރި އެވެ. އޭގެ ތެރެއިން ދެ މީހެއްގެ މައްޗަށް ޖުވެނައިލް ކޯޓުން މަރުގެ ހުކުމް އިއްވި އެވެ. އަނެއް ކުއްޖާ ސަލާމަތްވި އެވެ. މަރުގެ ހުކުމް އިއްވި ދެ މީހުންގެ ހުކުމަށް ހައިކޯޓުން ވެސް ތާއިދުކޮށްފައިވާއިރު އެ މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުގަ އެވެ.



