އެމްޑީޕީ މެންބަރުން އިލެކްޝަނަށް ފޯމް ހުށަހަޅުއްވަނީ - ފޮޓޯ: އެމްޑީޕީ

އެމްޑީޕީން މަޖިލީހުގެ 86 ދާއިރާއަށް ފޯމް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ 86 ދާއިރާއަށް ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންގެ ފޯމްތައް މިއަދު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.

ފޯމު ހުށަހެޅުއްވުމަށްޓަކައި، އެމްޑީޕީގެ ކެންޑިޑޭޓުން އިލެކްޝަންސް ކޮމިޝަންގެ އިންތިޚާބީ މަރުކަޒަށް ވަޑައިގެންނެވީ އެކުގައި ފައިމަގުގައި ހިންގަވާފައެވެ.

އެމްޑީޕީގެ ކެންޑިޑޭޓުންގެ ފޯމުތައް ހުށަހެޅުމުގެ ރަސްމިއްޔާތުގައި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ފޯމުތަކާ ހަވާލުވެ ވަޑައިގެންނެވީ އެ ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުޞްޠަފާއެވެ.

މިއަދު ހެނުނު 86 ދާއިރާއަށް އެމްޑީޕީން ކުރިމަތިލައްވާ ކެންޑިޑޭޓުންގެ ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވިއިރު، އެމްޑީޕީން ރޭގައި މަޝްވަރާ ކުރަމުންދިޔައީ މަޖިލީހުގެ 6 ދާއިރާއެއް އަދާލަތަށް ދޫކޮށްލުމަށެވެ. ނަމަވެސް އެ މަޝްވަރާތައް ކާމިޔާބު ނުކުރެވި މިއަދު މިވަނީ ހުރިހާ ދާއިރާތަކަށްވެސް އެމްޑީޕީން ކުރިމަތި ލައްވާފައެވެ.

ރައީސް ނަޝީދު އިލެކްޝަނަށް ފޯމް ހުށަހަޅުއްވަން ވަޑައިގަންނަވަނީ - ފޮޓޯ: އެމްޑީޕީ

ހަމައެއާއެކު މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ރައީސް ޞޯލިޙް ވިދާޅުވެލައްވާފައިވަނީ ކޯލިޝަންގެ ބައިވެރިން މަޖިލިސް އިންތިޚާބުގައި ވާދަކުރާނީ ގުޅިގެން ކަމަށާއި، އެކަމުގެ މަޝްވަރާތައް ލީޑަރުންނާއި އެކު ބާއްވަވާނެ ކަމަށެވެ. ނަމަވެސް އެފަދަ މަޝްވަރާތަކެއް ބާއްވާފައި ވާކަން މީޑިއާއަށް ތިލަވެފައެއް ނުވެއެވެ.

އަންނަ އެޕްރީލް 6 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެމްޑީޕީން ވާދަކުރާ ދާއިރާތަށް ފައިނަލްކޮށް އިލެކްޝަނަށް ފޯމްހުށަހެޅުއްވިއިރު، އެ ޕާޓީން ވަނީ މަޖިލިސް ކެމްޕޭންވެސް ރަސްމީކޮށް ފަށާފައެވެ. އެހެން ޕާޓީތަކުންވެސް މަޖިލިސް އިންތިޚާބަށް ތައްޔާރުވަމުން އައި ނަމަވެސް އުޅެނީ މާ ފަހަތުގައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް