އޮސްޓްރޭލިޔާގެ މަރުކަޒީ ބޭންކް "ދަ ރިޒާވް ބޭންކް އޮފް އޮސްޓްރޭލިޔާ" އިން އަލަށް ޗާޕްކުރި 50 ޑޮލަރުގެ ނޫޓުގައި ހުރި ލިޔުމުގެ ކުށެއް ފާހަގަ ވެއްޖެއެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރ މަހު ޗާޕުކޮށް ނެރެފައިވާ މި ނޫޓުގައި މައްސަލަހުރީ އޮސްޓްރޭލިޔާގެ ފުރަތަމަ އަންހެން ޕާލަމެންޓް މެންބަރު ކޯވަން ޕާލަމެންޓުގައި ދެއްވި ސުޕީޗު ނޯޓުގައި ލިޔެފައިވާއިރު އެލިޔުމުގައެވެ.
މިގޮތުން އެ ސުޕީޗުގައި "ރެސްޕޯންސިޕިލިޓީ" ގެ ސުޕެލިންވަނީ ތިން ތަނެއްގައި ގޯސްކޮށް ލިޔެފައެވެ. މިމައްސަލަ އެންމެ ފުރަތަމަ ފާހަގަވެގެން އާންމުންގެ ސަމާލުކަމަށް ގެނެސްފައިވަނީ، އޮސްޓްރޭލިޔާގެ ރޭޑިޔޯ ސްޓޭޝަނެއް ކަމަށްވާ "ޓްރިޕަލް އެމް" އެވެ. މި ސްޓޭޝަނުންވަނީ 50 ޑޮލަރު ނޫޓުގައި ހުރި ލިޔުމުގެ ކުށް ފާހަގަކޮށް ޓުވީޓު ކޮށްފައެވެ.
އޮސްޓްރޭލިޔާގެ މަރުކަޒީ ބޭންކުގެ އޮފިޝަލަކު ބުނެފައިވަނީ، 50 ޑޮލަރު ނޫޓުގައި ހުރި ކުށް ފާހަގަ ކުރެވިފައިވާ ކަމަށާއި ދެންކުރާ ޕުރިންޓުގައި މި ކުށް ރަނގަޅު ކުރާނެ ކަމަށެވެ.