ޖަރުމަނު ކަޕްގައި ރޭ ޑޯރޓްމުންޑް އަދި ބްރެމެން ބައްދަލުކުރި މެޗުން ބަލިވެ އެމުބާރާތުގެ ގަދަ 16އިން ޑޯރޓްމުންޑް ކަޓައިފިއެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުވެސް ނެގީ ބްރެމެންއެވެ. މިލަނޑު މެޗުގެ 5 ވަނަ މިނަޓްގައި ރަޝިކާ ޖަހައިދިން އިރު މެޗުގެ ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ހިތްގައިމު ހިލޭ ޖެހުމަކުން ލަނޑުޖައި ޑޯރޓްމުންޑަށް ނަތީޖާ ހަމަހަމަކޮށްދިނީ އެޓީމުގެ އިތުބާރު ފޯރވާރޑް މާރކޯ ރިއުސްއެވެ. ނަމަވެސް ލިބުނު އިންޖަރީ އާއިއެކު ފަހުން ރިއުސްވަނީ ކުޅުމާވަކިވެފައެވެ.
ދެވަނަ ހާރފް ނިމެގެން ދިޔައީ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ނުޖެހިއެވެ. މެޗުގެ 90 މިނަޓްހަމަވުމުން އިތުރު ވަގުތުގެ 30 މިނަޓްގެ ދެހާފް ކުޅެން ނިކުމެ ފުރަތަމަ ލީޑް ނެގީ ޑޯރޓްމުންޑްއިންނެވެ. މިލަނޑު 105 ވަނަ މިނަޓްގައި ކާމިޔާބުކޮށްދިނީ ޗެލްސީއާއިއެކު އެއްބަސްވުމަކަށް އައިސްފައިވާ ޕުލިސިޗްއެވެ. މިލީޑުގައި ޑޯރޓްމުންޑަށް މާގިނަ ވަގުތަކު ހިފަހައްޓާލެވޭ ގޮތެއްނުވިއެވެ. 108ވަނަ މިނަޓްގައި ޕިޒާރޯ ލަނޑެއްޖަހައި މެޗުގެ ނަތީޖާ އެއްވަރުކުރިއެވެ. އަދި ހަކީމީ 113ވަނަ މިނަޓްގައި ލަނޑެއްޖަހައި އަނެއްކާވެސް ޑޯރޓްމުންޑަށް ލީޑުނަގައި ދިނެވެ. ނަމަވެސް މެޗުނިމުމުގެ 1 މިނަޓްކުރިން ބްރެމެންގެ ހާރނިކް ލަނޑެއްޖަހައި އަނެއްކާވެސް މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ.
ދެން ނަތީޖާ ނެރެންޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޑޯރޓްމުންޑްއިން ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން ކާމިޔާބު ކުރެވުނީ އެންމެ ދެ ޕެނަލްޓީއެވެ. ބްރެމެން އެމީހުންގެ ހަތަރު ޕެނަލްޓީވެސް ކާމިޔާބުކުރިއެވެ.
80000އަށްވުރެ ގިނަ ސަޕޯރޓަރުންގެ ކުރިމަތީގައި ކުޅެވުނު މިމެޗްގައި ޑޯރޓްމުންޑްގެ ފުރަތަމަ ދެ ޕެނަލްޓީ ނާކާމިޔާބުވިއިރު މިދެޕެނަލްޓީ ޖެހީ އަލްކެސަރ އާއި މެކްސް ފިލިޕްއެވެ. 7 ޕޮއިންޓާއިއެކު ބުންޑެސް ލީގާގެ ޓޭބަލް އެއްވަނައިގައި ޑޯރޓްމުންޑް އޮތްއިރު ޖަރުމަންކަޕް 4 ފަހަރެއްގެ މަތިން ކާމިޔާބުކޮށްފައިއެވެ. ޑޯރޓްމުންޑް އެންމެފަހުން މިމުބާރާތް ކާމިޔާބުކުރީ 2017ގައެވެ.



