ސިޔާސީ ޕާޓީ ތަކުގެ އޮޑިޓް ރިޕޯޓް ހުށަހެޅުމުގެ މުއްދަތު މިއަދު މެންދުރު 1:00 އަށް ހަމަވިއިރު ޑީއާރްޕީއާއި އަދާލަތު ޕާޓީން ރިޕޯޓް ހުށަހަޅައިފައި ނުވާކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.
މިމުއްދަތުގެ ތެރޭގައި އޮޑިޓް ރިޕޯޓް ހުށަހަޅައިފައިވަނީ، އެމްޑީޕީއާއި، ޕީޕީއެމްއާއި، ޖޭޕީއާއި، އަދި، އެމްޑީއޭ އެވެ. މިއަހަރު އަލަށް އުފެއްދި ޕާޓީތައް ކަމަށްވާ ލޭބަ ޕާޓީއާއި އެމްޓީޑީގެ އިތުރުން ޕީއެންސީން އޮޑިޓް ރިޕޯޓް ހުށަހަޅަންޖެހޭނީ އަންނަ އަހަރު އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 43 ވަނަ މާއްދާގެ (ށ)ގައި ބުނެފައިވަނީ އެއްވެސް ޕާޓީއަކުން ކޮމިޝަނަށް ހުށަހަޅަންޖެހޭ އެއްވެސް މާލީ ރިޕޯޓެއް ހުށަހަޅާފައި ނުވާނަމަ 20،000 ރުފިޔާއާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން އެ ޕާޓީއެއް ޖޫރިމަނާކުރުމުގެ ބާރު ކޮމިޝަނަށް ލިބިގެންވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަހްމަދު އަކްރަމު ވިދާޅުވީ، ކޮމިޝަނުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އޮޑިޓް ރިޕޯޓް ހުށަހަޅާފައި ނުވާ ޕާޓީ ތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށެވެ.